އަންނަ މަހުގެ ކުރީކޮޅުގައި ފަށަން ނިންމާފައިވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" އަށް ތައްޔާރުވުމުގެ ގޮތުންނާއި ރާއްޖޭގެ ރެފްރީންނަށް ދުނިޔޭގެ ލެވަލްގެ ވެސް ތަޖުރިބާކާރު، އިންސްޓްރަކްޓަރެއްގެ އެހީގައި ރެފްރީސް ރިފްރެޝާ ކޯހެއް، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ހޯދައިދީފި އެވެ.
މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
ފީފާ އާއި އޭއެފްސީ އެލީޓް ފުޓްސަލް ރެފްރީ އިންސްޓްރަކްޓަރެއް ކަމަށްވާ މެލޭޝިއާގެ ބަދުރުލް ހިސާމްއާ އެކު، ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ އެކު 46 ރެފްރީން ބައިވެރިވެ އެވެ. އެއީ އިންސްޓްރަކްޓަރުންނާ އެކު އެވެ.
ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ފުޓްސަލް ޑިވެލޮޕްމަންޓް އޮފިސަރުގެ މަގާމު ފުރުއްވުމުގެ އިތުރުން، މި ވަގުތު ފީފާ އާއި އޭއެފްސީގެ އެލީޓް މެޗު ކޮމިޝަނަރު ޕޫލް ތެރޭގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ޝާހިރު އެވެ. އަދި މި ބައްދަލުވުމުގައި، އެފްއޭއެމްގެ ރެފްރީސް ޑިރެކްޓަރު، މުހައްމަދު އަމީޒް ވެސް ބައިވެރިވި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި އެފްއޭއެމް ގުޅިގެން ކުރިއަށްގެންދިޔަ ފުޓްސަލް ރެފްރީސް ރިފްރެޝާ ކޯހުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މީގެ އިތުރުން، ކުރީގެ ރެފްރީން ކަމަށްވާ މުހައްމަދު އަބީރު، މުހައްމަދު ސައީދު، މުހައްމަދު އަނީލް، އަހުމަދު އަމީޒް، އިސްމާއިލް އިޒްހާން އަދި އަލީ ސަލީމް ވެސް ވަނީ ބައިވެރިވެފަ އެވެ.
މި ރިފްރެޝާ ކޯހުގައި ތިއަރީ އާއި ޕްރެކްޓިކަލް ވެސް ކުރިއަށްދިޔައިރު، މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އޮފިޝަލުންނަށް ވެސް ސެޝަނެއް ރޭވި އެވެ. މި ސެޝަންތަކުގައި ރާއްޖޭގެ ފުޓްސަލް މުބާރާތްތަކުގައި ފެންނަ ގިނަ ރެފްރީން ވަނީ ބައިވެރިވެފަ އެވެ. މި ސެޝަންތަކުގައި ބައިވެރިވާން އެދި ގިނަ އަދަދެއްގެ ރެފްރީން ރަޖިސްޓްރީ ކުރި ނަމަވެސް، ކަންދިމާކުރި ގޮތުން މާލޭގައި ނެތުމުގެ ސަބަބުން ބައެއް ރެފްރީންނަށް ބައިވެރިނުވެވުނެވެ. އެކަމަކު، އެ ފަދަ ރެފްރީންނަށް ފުރުސަތު ދޭން، އޮންލައިން ސެޝަންތަކެއް ރޭވިގެންދާނެ އެވެ.
ކޯހުގައި ބައިވެރިވި ބައެއް ރެފްރީން ފާހަގަކުރާ ގޮތުގައި މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބޮޑު މުބާރާތަކާ ދިމާކޮށް ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެކެވެ. ފުޓްސަލް ގަވާއިދަށް އައިސްފައިވާ ބަދަލުތަކަށް އަހުލުވެރިވުމުގެ ގޮތުން މި ފަދަ ސެޝަންތަކަކީ ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ރެފްރީން ގަބޫލުކުރެ އެވެ.
މި ފަހަރުގެ ގޯލްޑަަން ފުޓްސަލް ޗެލެންޖް ފަށާނީ އަންނަ މަހު ހަތަރެއްގައި ބާއްވާ ހާއްސަ ޗެރިޓީ މެޗަކުންނެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ އެކު، 102 ޓީމެއް ވާދަކުރާއިރު، 240 އަށް ވުރެ ގިނަ މެޗު ކުޅެވިގެންދާނެ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.











