އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ އިތުރުފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން އެމްޑީޕީން ތާއީދުކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށެވެ. އެ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ގެންދަވަނީ ގޮވާލައްވަމުންނެވެ. އެކަމަކު އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް ސޯލިހު ބޭނުންވަނީ ރިޔާސީ ނިޒާމު ބޭއްވުމަށެވެ.
"ދިވެހި ޗެނަލް" އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހުގެ އެ ވާހަކައާ ގުޅޭ ގޮތުން ސުވާލުކުރުމުން ނަޝީދު ވަގުތުން ވިދާޅުވީ "އެއީ ވަރަށް ބޮޑު ދޮގެއް، ރައީސް ސޯލިހު ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ވާހަކައަކީ ވަރަށް ބޮޑު އިތުރުފުޅެއް" ކަމަށެވެ.
ނަޝީދު އިޝާރާތް ކުރެއްވީ މީގެ ކުރިން މީޑިއާ އިންޓަވިއުތަކާއި ޕްރެސް ކޮންފެރެންސްތަކާއި ޕޯޑިއަމްތަކުގައި ވެސް ރައީސް ސޯލިހު ދައްކަވާފައިވާ ވާހަކައަށެވެ. މީގެ ކުރިން އަބަދުވެސް ރައީސް ސޯލިހު ވާކާލާތު ކުރައްވާފައި އޮންނާނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ބަސްފުޅުތައް ބައްލަވާ. ސިޔާސީ މަސައްކަތަށް ނުކުންނެވި އިރުން ފެށިގެން [ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން] ދައްކަވާފައި ހުންނެވި ވާހަކަތައް ބައްލަވާ،" އެމްޑީޕީގައި ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ފަށައިގެން އެކުގައި މިހާތަނަށް މަސައްކަތް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ދެހާސްހަތްވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް، ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިހާރު ބޭނުންވަނީ ރިޔާސީ ނިޒާމާއެކު ކުރިއަށް ދިޔުމަށެވެ.
ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި އޭރު ނެގި ވޯޓުގެ ނަތީޖާ އޮތީ އޮޅުވާލައިފަ އެވެ. އެ ވާހަކަތައް މިރޭ ވެސް ނަޝީދު ތަކުރާރުކުރެއްވި އެވެ. އަދި، އަލުން ރައްޔިތުންނަށް ނިޒާމު ކަނޑައެޅުމުގައި ބަސް ބުނަން ފުރުސަތު ދޭން ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ނިޒާމުގައިވާ ގޮތަށް ތިން ބާރު ވަކިކޮށް ނަމަވެސް ބަރުލަމާނީ ނިޒާމުގެ ބައެއް ސިފަތަކާ އެކު އެކުލަވާލާފައިވާ ފެހި ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އަބަދުވެސް ނަޝީދެވެ.
ނަމަވެސް، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންވެ އޭރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދަށް ދީފައިވާ ޓިކެޓު ރައީސް ސޯލިހަށް ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.













