ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާވެސް ރާއްޖޭގެ ވެރިކަން ހަގީގަތާ ދުރު ސިޔާސަތެއްގެ މައްޗަށް ހިނގައިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހއ. އިހަވަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ, މި ޕްރައިމަރީގައި ވޯޓުލާއިރު ރައްޔިތުން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން, މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކުރީގެ ރައީސް އަބްދުالله ޔާމީން އިހަވަންދުއަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދު ރައީސް ހަނދާން ކޮށްދެއްވި އެވެ.
އޭރު ޔާމީން އިހަވަންދުއަށް ވައުދުވެވަޑައިގެންނެވީ ރަށުގައި އައިސްޕްލާންޓެއް ބެހެއްޓެވުމަށެވެ. ނަމަވެސް އިހަވަންދޫގައި އައިސްޕްލާންޓެއް ބަހައްޓައިގެން އައިސް ވިއްކާތާ އެތައް ދުވަހެއްވެއްޖެ އެވެ. ޔާމީންގެ ވައުދު ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެކަމުން ވެސް ދޭހަވަނީ, ޔާމީނަށް މި ދާއިރާއާއި ސަރަހައްދު އެނގިވަޑައިނުގަންނަވާކަން ކަމަށެވެ.

އެބޭފުޅުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ހަގީގަތާ ވަރަށް ދުރުން. ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާވެސް އެނބުރި އެ ހަގީގަތާ ދުރު ސިޔާސަތުގެ މައްޗަށް ރާއްޖޭގެ ވެރިކަން ދިއުމަކީ އެކަށީގެންވާ ކަމެއް.
ޕްރައިމަރީގައި ގޮތް ނިމޭއިރު, ހަގީގަތާ ދުރު ސިޔާސަތަށް ވެރިކަން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ރައީސް ފާހަގަކުރައްވާފައި މިވަނީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އިއްޔެ ޔާމީނަށް ތައުރީފު ކުރައްވާފައި ވަނިކޮށެވެ.
ނަޝީދު އިއްޔެ ވިދާޅުވީ ޔާމީނަކީ އިންޓަލެކްޗުއަލް, އެކަޑެމިކް, ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާމެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމާ ގުޅުވައި ރައީސް ނުސީދާކޮށް މިއަދު ވިދާޅުވީ ޕްރައިމަރީގައި އެމަނިކުފާނު ނުހޮވިއްޖެނަމަ, ނަޝީދު ޕީޕީއެމާ ގުޅިގެން ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވާނެ ވާހަކަ އެވެ.
ޕްރައިމަރީން ބަލިވެއްޖެނަމަ ނަޝީދު ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް ހާމަކުރައްވާފައި ނުވާއިރު, ރައީސް ސޯލިހު ގެންދަވަނީ އެކުގައި ކުރިއަށް ދާން ތިބި ބަޔަކާއެކު ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވަމުންނެވެ.
މީގެ އިތުރުން ރައީސް ވަނީ, އިހަވަންދޫއަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނުއިރުގައި ހަމައެކަނި އިހަވަންދޫއަށް 129.7 މިލިއަން ރުފިޔާ ހަރަދުކޮށް ނިމިފައިވާއިރު, ދާއިރާގައި ހިމެނޭ މާރަންދުއަށް 34 މިލިއަން ރުފިޔާ އަދި މޮޅުދުއަށް 49 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފައިސާއަކީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކާއި ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް ސީދާ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންތައްތައް ކަމަށެވެ.

ރައީސް ސޯލިހް އިހަވަންދޫގައި; ރައީސް ނަޝީދާއި, ރައީސް ޔާމީނަށް ފާޑުކިއުން އަމާޒުކުރެއްވި -- ފޮޓޯ: އެމްޑީޕީ
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަނެއްކާވެސް މެދުކަނޑާލާފައި މަގުމައްޗަށް ނުކުންނާނީތޯ ނޫނީ ފަށާފައި ހުރި މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީތޯ ވިސްނުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އިހަވަންދުއަކީ އެމްޑީޕީގެ ހަބެއް ކަމަށާއި, މި ރަށުގައި ބައިވަރު މެންބަރުން އެބަތިބި ކަމަށެވެ. އަދި އިހަވަންދޫ ދާއިރާއިން ދެ އިންތިހާބުގައި ކަންތައް ކުރާގޮތަކީ ޕާޓީގެ އެހެން ދާއިރާތަކުން ވެސް ވިސްނާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށްތައް ކުރާ ދަތުރުތަކުގައި ފެންނަން އޮތް ހަގީގަތެއް, މިއާއެކުގައި ކުރިއަށް ދިއުން. މި ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް, ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.













