ލިވަޕޫލް (ޖެނުއަރީ 17) - ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ވަކި ބަޔަކު އޭނާ ވަކިކުރަން ނިންމުމަކީ އެހެން ކަމެއް ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެ, ހުރި ޖަރުމަނުގެ ޔާގަން ކްލޮޕް ބުނެފި އެވެ.
ކްލޮޕް، 55، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ލިވަޕޫލްގެ ކޮންޓްރެކްޓް އާ ކުރިއިރު، އެންމެ ފަހުން ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ގަ އެެވެ.
މީގެ ކުރިން، އެކި ފަހަރުމަތިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން، ކްލޮޕް އައީ، ލިވަޕޫލާ އެކު ހެދި ކޮންޓްރެކްޓްގެ މުއްދަތަށް ކްލަބްގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެކަމަކު، މި ސީޒަނުގައި ލިވަޕޫލްގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާތީ، މީޑިއާގައި އަންނަނީ އަނެއްކާ ވެސް ލިވަޕޫލްގައި ކްލޮޕްގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލު އުފައްދަމުންނެވެ.
"ޔަގީނުން ވެސް އަހަރެން މި ހުރީ ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާން، އަހަރެން ވަކިކުރަން ނިންމުމަކީ އަދި އެހެން ކަމެއް،" އިނގިރޭސި އެފްއޭ ކަޕްގެ ރީޕްލޭ މެޗުގައި ވުލްވްސްއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.
"ޓީމެއްގެ ކޯޗު ބަދަލުވުމަކީ ވަރަށް ގިނަ ކަންކަން ބަދަލުވާން ޖެހޭ ހިސާބެއް، އެހެންވީމަ އަހަރެން މި ހުރީ އަމިއްލަ އަށް ދިއުމުގެ ވިސްނުމުގައެއް ނޫން. އަހަރެން މި ހުރީ ލިވަޕޫލްގެ މި މަސައްކަތުގައި ކުރިއަށްދާން،"
އެކަށީގެންވާ މިންވަރަށް ލިވަޕޫލުން ޓީމު ވަރުގަދަ ކުރަން ހަރަދުނުކުރާ ކަމަށް ބުނެ، ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އަށް އަންނަނީ އެ ކްލަބް ވިއްކާލަން ޕްރެޝަރު ބޮޑުވަމުންނެވެ. އަދި ލިވަޕޫލްގެ ބައެއް ކުޅުންތެރިންނަށް ކްލޮޕް މާ ބޮޑަށް ފުރުސަތު ދޭން އުޅޭތީ ޓީމުގެ ހާލަތު ދަށަށްދާ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
"މީޑިއާގައި އެ ހުރި ވާހަަކަތައް އަހަންނަށް ވެސް ފެނޭ. އެއީ ކުރިން ވެސް އިވުނު ވާހަކަތަކެއް. އަހަންނަކީ ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ގެންގުޅޭނެ ކޯޗެއް ނޫން. ތެދެއް، އަހަންނަކީ ކުޅުންތެރިންގެ ދިފާއުގައި ހުންނާނެ މީހެއް،" ފާޑުކިޔުންތަކާ ބެހޭގޮތުން ކްލޮޕް ބުންޏެވެ.
ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން ވަނީ ޕީއެސްވީ އައިންދޯވަންގެ ކެޕްޓަން، ގޯޑީ ގަކްޕޯ ގެނެސްފަ އެވެ. ލިވަޕޫލުން މި ޓްރާންސްފާގައި އިތުރު ކުޅުންތެރިންތަކެއް ގެނައުމަކީ ޓީމުގެ މިހާރު ހާލަތު ރަނގަޅު ކުރަން އޮތް ހައްލެއް ނޫން ކަމަށް ކްލޮޕް ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެކަމަކު، އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވިސްނާފައިވާ ގޮތްތަކަށް ބަލާއިރު، ލިވަަޕޫލުން ގިނަ ބަދަލުތަކެއް ފެންނާނެ ކަމުގެ އިޝާާރާތެއް ކްލޮޕް ވަނީ ދީފަ އެވެ.
ލިވަޕޫލްގެ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން، ނަބީ ކެއިޓާ، ޖޭމްސް މިލްނާ އަދި ރޮބާޓޯ ފިރްމީނޯ ހުރީ މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގަ އެވެ. މީގެ ތެރެއިން ފިރްމީނޯ ފިޔަވައި ދެން ތިބި ތިން ކުޅުންތެރިން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލު ކުރުމުގެ ފުރުސަތު ބޮޑެވެ.
އެފްއޭ ކަޕް ރިޕްލޭ މެޗުގައި މިރޭ ލިވަޕޫލާއި ވުލްވްސް ބައްދަލުކުރާ މެޗު ފަށާނީ 00:45 ގަ އެވެ.












