މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެމަނިކުފާނު މޮޅުވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް އެމަނިކުފާނާ ގުޅިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިމަރީ ކާމިޔާބުކުރެވޭ ހާލަތުގައި ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވާނެތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިއަށްދާނީ އެމްޑީޕީއާއެކު ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވެގެން އަރިހުގައި ތިއްބެވި ބޭފުޅުން ނަޝީދުއާ ދިމާލަށް ބަހެއް ބުނި ނަމަވެސް، ބަރާބަރަށް ނަޝީދުއާ މެސެޖުކޮށް ވާހަކަދައްކާ ކަމަށެވެ.
"ރައީސް ސޯލިހު އަރިހުގައި ތިއްބެވި ބޭފުޅުން، އަޅުގަނޑަށް ޓިކެޓު ލިބުނީމާވެސް އަޅުގަނޑާ އިދިކޮޅަށް ނުކުމެ އެބޭފުޅުން ތިއްބަވާނެ ކަމަށް ހީފުޅުކުރައްވަނީތޯ؟ އަޅުގަނޑަކާ އެބޭފުޅުންނާ އެއްވެސް އިރެއްގަިއ ގުޅުމެށް ނުވެސް ކެނޑޭ، ނުވެސް ކެނޑޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އެއްވެސް އިރެއްގައި އޮތް ބޭފުޅެއް ނޫން ކަަމަށާއި އެމްޑީޕީ އުފެއްދުމަށް ކުރި އެއްވެސް ދަތުރެއްގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ސޯލިހު ބައިވެރިވެލެއްވީ ހަމައެކަނި ކެމްޕޭނު ދަތުރުތަކުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީ އުފެދިގެން އައި އިރު ޕާޓީގެ ލީޑަރުން ޖަލަށްލީއިރު އެބޭފުޅުންގެ ތެރޭގައި ވެސް ރައީސް ސޯލިހު ނުހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީގެ މެންބަރުންނަށް ރައީސް ސޯލިހު މިހާރު އިނގޭނެ، އެހެންނަމަވެސް ރައީސް ކަމަށް ވަޑައިގަތުމުގެ ކުރީގައި ނުވެސް އިނގޭ، ފެނުނީމަވެސް ނޭނގޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޕާޓީގެ ގްރާސްރޫޓާ ރައީސް ސޯލިހާ އެހާބޮޑު ގުޅުމެއް ނޯންނަ ކަމަށާއި ނަމަވެސް ގަނެ ވިއްކާ އުސޫލުން ސިޔާސީ ކަންކަން ނިންމާ ސިޔާސަތުގައި އެ ގުޅުން އޮވެދާނެ ކަމަށެވެ.
ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.













