ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުވަތަ ކޮންޓްރޯލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދަވަން އުޅުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ޖެނުއަރީ 28، ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރައްވާއިރު ކެމްޕޭނަށް ދެ ލީޑަރުން ވެސް އުޅުއްވަނީ ރަށްރަށަށް ވަޑައިގެންނެވެ. އަދި އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ގެންދަވަނީ ރައްދު ކުރައްވަމުންނެވެ.
މިއަދު ހެނދުނު ތ. ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ނަޝީދު ފާހަގަކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ރައީސަށް އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ވާހަކައަށެވެ. ރައީސް ސޯލިހުގެ އެ ވާހަކަ ނަޝީދު ސިފަކުރެއްވީ ސަރުކާރުން މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރުމަށް އުޅުން ކަމުގަ އެވެ.
"އަޅުގަނޑު ލަދު ގަތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއް ދުވަހު މި ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީގެ ކޮންޓްރޯލް ތިމަންނަ ނަގައިފީމޭ، އަޅުގަނޑު ދެން ހިސާބުތަކެއް ޖަހައިފިން، ކީއްތޯ މި ކުރަނީ ކޮންޓްރޯލް ހޯދުމަށް،" އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ތުހުމަތު ކުރެއްވީ ސަރުކާރުން ރަށްރަށުގައި ހިންގާ އުމްރާނީ ބިނާތަކުގެ މަޝްރޫއުތައް ހަވާލުކުރީ މަޖިލީހުގެ މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި މަޝްރޫއު ހިންގޭނެކަމުގެ ގާބިލްކަން ނެތް ކުންފުނިތައް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"މިއިން ރަށެއްގައި މިއިން ކަމެއް ދެން ނުވެސް ހިނގާ، [ނުހިނގާތީ] ކޮންޓްރެކްޓް ބާތިލްކުރެވޭކަށް ވެސް ނޯވޭ، މެންބަރުގެ ކޮންޓްރޯލް ބޭނުންވާތީއެ، ކޮންޓްރޯލް ހޯދުމުގެ ނިޔަތުގައި މި ހުރިހާ ކަމެއް ކުރަން ހަދައިގެން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރަށްރަށުގައި ބަނދަރު ހެދުމާއި މަގު ހެދުން ފަދަ އުމްރާނީ މަސައްކަތްތަކެއް ހިނގަމުން ދިޔަ ނަމަވެސް އެމަނިކުފާނުގެ ކަންބޮޑުވުމަކީ ވަކިވަކި ފަރުދުންގެ އާމްދަނީ އިތުރުކުރުމުގެ އަމާޒުގައި އެއްވެސް މަޝްރޫއެއް ނުހިންގޭތީ ކަމަށެވެ.
"އެމްޑީޕީ ފުރަތަމަ ސަރުކާރަށް އައި އިރު ދައުލަތުގެ އާމްދަނީއަކީ ހަތަރު ބިލިއަން ރުފިޔާ، 2023 އަށް އައި އިރު ދައުލަތުގެ އާމްދަނީ މި ވަނީ 42 ބިލިއަން ރުފިޔާއަށް ޖައްސާލާފައި، އެކަމަކު މި ހިނގި މުއްދަތުގައި ތިއިން މީހެއްގެ އާމްދަނީއަކަށް މާ ރަނގަޅު ބަދަލެއް ނާދޭ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސަށް މުހިންމުކަމަށް ވިދާޅުވީ އޮގަސްޓް 11، 2021 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް އެމަނިކުފާނު ޖަވާބު ދެއްވަމުންނެވެ.
"މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަން ދަތިވޭ، އެހެންވެ އަޅުގަނޑު ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން، އެކަން އަޅުގަނޑު ކުރާނަން، މިއަދު މަޖިލީހުގެ މެޖޯރިޓީއާއެކީގައި މި ހުރީ،" ރައީސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ތެރޭގައި ދެ ފެކްޝަނެއް އެބަ އޮތެވެ. ބައެއް މެމްބަރުން ކޮންޓްރޯލް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަނެއް މެމްބަރުން ތިއްބެވީ ރައީސާ އެކުގައި ކަން މަޖިލީހުގެ ބައެއް ބިލްތަކާއި ގައުމީ މަޖިލީހުގެ ބައެއް މަސައްކަތްތަކުން ސާފުވެ އެވެ.













