އިސްލާމްދީނުގައި އޮންނަ ވެރިކަމުގެ ނިޒާމަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބޮޑުވަޒީރަކު ހުރެގެން ކުރިޔަށް ގެންދާ ބަރުލަމާނީ ނިޒާމެއްތޯ މީހުން އަޅުގަނޑާ ސުވާލުކުރެ އެވެ. އިސްލާމްދީން ބުނާ ގޮތުން ހުންނަންޖެހެނީ ޚަލީފާއެއްތޯ ނުވަތަ ޚަލީފާއެއްގެ ވެރިކަމުގެ ތަބީއަތަކީ ރަސްކަމެއްތޯ ނުވަތަ އިންތިހާބުކުރެވޭ ރައީސެއްތޯ މީހުން ސުވާލުކުރެއެވެ. އިސްލާމްދީނުގައި ވެރިޔަކު އައްޔަންކުރަން އޮންނަ ގޮތަކީ ކޮބާތޯ އޭނާއަށް ލިބޭ ބާރުތަކަކީ ކޮބާތޯ މީހުން ސުވާލުކުރެއެވެ. ޒަމާނީ ދައުލަތްތަކުގެ ކޮންސެޕްޓަކީ އިސްލާމްދީން ތަރުހީބުދޭ މަގެއްތޯ މީވެސް ސުވާލެކެވެ. ސިޔާސީ ޕާޓީ ހަދައިގެން ޒަމާނީ ޑިމޮކްރަސީގެ ނަމުގައި ހިންގޭ ނިޒާމުތައް އިސްލާމީ އުސޫލުތަކާ ފުށުއަރާތޯ ހައްތާވެސް ސުވާލެވެ.
މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް އިހާއި ފަހުގެ އިލްމުވެރިން ލިޔުއްވާފައި ހުރި ފޮތްތައް ހުޅުވާ ބައްލަވާށެވެ. ތިން ޖަމާއަތަކަށް އިލްމުވެރިން ބެހިވަޑައިގަންނަވާތަން ފެންނާނެއެވެ. އެއް ޖަމާއަތަކީ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް މިހިނގާ ދައުލަތްތަކުގެ ނިޒާމަކީ، އިސްލާމްދީނުގައި ވެސް އޮތް ނިޒާމުކަމުގައި ވިދާޅުވާނެ އިލްމުވެރިންނެވެ. އެފަދަ އިލްމުވެރިންގެ ފޮތްތަކުގެ ހުލާސާކަމުގައި ފެންނާނީ، ލިބަރަލް ޑިމޮކްރަސީ އާއި އިސްލާމީ ވެރިކަމުގެ ނިޒާމާ ހަމަ އެއްވެސް ފަރަގެއް ނެތްކަމުގެ ނަތީޖާތަކެކެވެ. މާތް ނަބިއްޔާގެ ދުވަސްވަރުގައި ވެސް ސިޔާސީ ޕާޓީތައް އުފެދިއްޖެކަމުގެ ދަލީލުތައް އެބޭފުޅުން ފަސޭހަކަމާއެކު ދައްކަވާނެ އެވެ. ދެވަނަ ޖަމާއަތަކީ އޭގެ ދިމާއިދިކޮޅު ޖަމާއަތެވެ. ޒަމާނީ ދައުލަތްތައް ހިންގުމުގެ ނިޒާމު އެކީއެކަށް އެއީ ކުފުރުކަމުގައި ހައްދަވާ ބޭކަލުންނެވެ. ތިންވަނަ ޖަމާއަތަކީ މިދޭތެރެއިން ވަޒަން ހަމަ ރައުޔެއް ނެރުއްވައިގެން ޒަމާނުގެ ބަދަލުތަކާއެކު އިސްލާމްދީނުގެ ސާބިތު ހުކުމްތައް ހިފެހެއްޓިގެންދާނޭ ގޮތެއްގެ މައްޗަށް ޒަމާނާއެކު މުސްލިމުންނަށް ފައިހަމަކުރެވޭނެ މަގެއް ދެއްކެވޭތޯ ގަދައަޅުއްވާ ބޭކަލުންނެވެ. އެބޭކަލުން ވިދާޅުވަނީ، ވަކި ނިޒާމެއް އިސްލާމްދީން ގެނެސްދިނުމުގެ ބަދަލުގައި، އިސްލާމްދީން ގެނެސްދިނީ އަދުލުވެރި ވެރިކަމެއް ކުރުމުގެ މައިގަނޑު އަސާސްތަކެވެ. އެއަސާސްތަކާއި އުސޫލުތައް އެކި ޒަމާނުގައި އެކި ތަންތަނުގައި ތަންފީޒުކުރަންޖެހޭ ގޮތުގެ ތަފުސީލުތަކަކީ ޒަމާނާއި ތަނާ ގުޅިގެން ބަދަލުވަމުންދާނެ އެއްޗެކެވެ. އިސްލާމްދީން ހުރިހާ ޒަމާނަކަށާއި މަކާނަކަށް މުނާސަބު ވެގެންވަނީ އެހެންވެގެންނެވެ.
އަޅުގަނޑު މިފަހަރު ގަލަން މިނެގީ މިމަގަށް ފިކުރު ހިންގާ މީހުންނަށް ވިސްނުމުގެ މަގެއް ކޮށައިލަދިނުމަށެވެ. ކުރިޔަށް މިއޮތީ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ވެރިކަމުގެ ނިޒާމުގެ ވާހަކަ އާއި ވެރިކަމުގެ ވާހަކަ އަބަދު ދެކެވޭނޭ ފޯވައްސެވެ. އެހެންވީމާ އިސްލާމީ ވެރިކަމާއި އިސްލާމްދީނުގައި ވެރިކަމުގެ ގޮތް ބާވަތް އޮތް ގޮތަކީ ކޮބާތޯ ސުވާލު ނުއުފެދި ނުހުންނާނީ ހަމަ ހަގީގަތުގައިވެސް ތިމާގެ ދީނާމެދަށް ހިޔާލެއް ފިކުރެއް ނެތް މީހާއެވެ.
އަޅުގަނޑު މިއުޅެނީ ވިސްނާ ފިކުރުކުރާން ބޭނުންވާ މީހަކަށް މަގެއް ދައްކައިދިނުމަށެވެ. އިހަށް މިހާރުން ފެށިގެން ފަހަތަށް އަދި ފަހަތުން ފެށިގެން އެހާރާއި އެދުވަހަށް ވަޑައިގަންނަވާށެވެ. މިހާރުތޯ އެވެ! މިހާރުގައި އިސްލާމީ ވެރިކަމުގެ ނިޒާމޭ ބުނެފިނަމަ، ދައްކާން އޮތީ މުސްލިމުން އެކަނި ދިރިއުޅެމުންދާ ބިންތަކެއްގައި ނުވަތަ އެ ބިމެއްގައި ދިރިއުޅޭ މީހުންގެ ބޮޑު އާބާދީއަކީ މުސްލިމުންކަމުގައި ވެގެން، މުސްލިމުންގެ ވެރިކަން ހިންގަމުންދާ، އިސްލާމީ ދައުލަތްތަކެވެ. ކޮންމެ ދައުލަތަކީ ވަކި ދައުލަތެކެވެ. އިސްލާމީ ކޮންމެ ދައުލަތަކީ ކުޑަ ތަފާތުތަކަކާއެކު ބައެއް ފަހަރަށް ބޮޑެތި ތަފާތުތަކާއެކު ހިންގަމުން އަންނަ އިސްލާމީ ވެރިކަމުގެ ނިޒާމުތަކެކެވެ. ބޮޑެތި ތަފާތޭ މިދެންނެވީ ބައެއް އިސްލާމީ ދައުލަތްތަކުގައި އިންތިހާބީ ވެރިންނެވެ. އަނެއްބައި ގައުމަތަކުގައި ވާރުތަވަމުން އަންނަ ރަސްކަމެކެވެ. ވަރަށް ބޮޑު ތަފާތެއް ނޫންތޯއެވެ.
އޭގެ ހަމަ ދާދި ކުޑަ ތަންކޮޅެއް ފަހަތަށް މާޒީއަށް ވަޑައިގަންނަވާށެވެ. މާޗް 3، 1924 އަށެވެ. މުސްލިމުންގެ ޚަލީފާގެ ނަމުގައި ނުވަތަ އަމީރުލްމުއުމިނީން (މުއުމިނުންގެ އަމީރު)ގެ ނަމުގައި، ވެރިޔަކު ހުރެގެން ދުނިޔޭގެ ކޮންމެ ތާކުހުރި ކޮންމެ މުސްލިމަކު ވެރި މީހާއަކީ ތިމާގެ ވެރިމީހާކަމަށް ރުހިގަބޫލުވެ ބޯލަނބައިގެން ހިނގަމުން އައި އިސްލާމީ ވެރިކަމުގެ ނިޒާމު ނިމުމަކަށް އައި ދުވަހެވެ. އެންމެ ފަހުގެ އެ ޚިލާފަތުގެ މައި މަރުކަޒު އޮތީ ތުރުކީގަ އެވެ. އެދުވަހާ ހަމައަށް އައުމުގެ ކުރިން ލައްކަ ބައިވަރު ކަންތައް ހިނގި އެވެ. އަދި އެކަމުގެ ސަބަބުތަކަކީ ވެސް ވަރަށް ބައިވަރު ވާހަކަ އެވެ. އެހުރިހާ ތަފުސީލުތަކަށް ދިއުމަކީ އަޅުގަނޑުގެ އަމާޒުން އަޅުގަނޑު ދުރަށް ހިނގައިދާނެ ކަމެކެވެ.
ހަމަ މި ވާހަކަ އިތުރަށް ފުންކޮށް ވިސްނާވަޑައިގަތުމަށް އެހެން އިބާރާތަކުން ދަންނަވާނަމެވެ. މާތް ނަބިއްޔާ ސުވަރުގެވަޑައިގަތް ތާރީހު ކަމުގައިވާ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ، މީލާދީ ސަނަތުން 632 ވަނަ އަހަރުގެ ޖޫން މަހުން 8 ވަނަ ދުވަހެވެ. ބައެއް ރިވާގައިވާ ގޮތުން އަބޫބަކުރުގެފާނު ޚަލީފާކަމަށް މުސްލިމުން ބަލައިގަތީ ހަމަ އެ ދުވަހު އެވެ. އެހެންވީމާ 632 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހަކުން ފެށިގެން މާޗް 3، 1924 ގެ ނިޔަލަށް ދުނިޔޭގެ އެންމެހާ ތަނެއްގައި ތިބި އެންމެހާ މުސްލިމުންގެ އެއް ވެރިޔެއްގެ ގޮތުގައި ޚަލީފާއެއް ހުންނެވި އެވެ. އަދި އެ ޚަލީފާގެ ކޮނޑުގައި އެ އެންމެހާ މުސްލިމުންނަށް އަދާކޮށްދޭންޖެހޭ ހައްގުތައް އެޅިފައި އޮތެވެ. ޚަލީފާގެ ވެރިކަމުން ބޭރުވެގަނެ ބައެއް ދައުލަތްތައް ނުވަތަ ބައެއް ދައުލަތްތަކުގެ މައްޗަށް ހިމެނިފައި އޮންނަ ބައެއް ކުދިކުދި އިސްލާމީ ވެރިކަންތައް ދޭތެރެ ދޭތެރެއިން ފެންނަމުން ގޮސްފައި އޮތް ނަމަވެސް، މުސްލިމުން އުޅޭ ސަރަހައްދުތަކުގެ ބޮޑުބައި އަބަދުވެސް އޮތީ ޚަލީފާގެ ފުރިހަމަ ބާރުފުޅުގެ ދަށުގައެވެ. އެކަން އެހެން އޮތް އޮތުމަށް ނިމުން އައި ތާރީހަކީ މާޗް 3، 1924 އެވެ.
މިހާރު ނަމަ ކިޔަން އޮތީ އަދި ކިޔަނީ ވެސް އިސްލާމީ ދައުލަތްތަކެއްގެ ވާހަކަ އެވެ. އޭރު ކިޔަނީ އިސްލާމީ ޚިލާފަތުގެ ވާހަކަ އެވެ. އިސްލާމީ ޚިލާފަތޭ ބުނީމާ ވެރިޔަކަށް ހުންނަ މީހާގެ މަގާމަށް ކިޔަނީ މުސްލިމުންގެ ޚަލީފާއެވެ. ޚަލީފާގެ ވެރިކަން އޮންނާނީ އޭނާ ހުންނަ ގައުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. ޚަލީފާގެ ދަރުބާރު ގިނަފަހަރަށް އޮންނާނީ އާންމުކޮށް ޚަލީފާ ގާއިމުވެ ހުންނަވާ ތަނެއްގައެވެ. އެހެންނަމަވެސް ޚަލީފާގެ ވެރިކަމުގެ ދަށުގައި އެތައް ޤައުމެއް އެތައް ދައުލަތެއް އޮންނާނެއެވެ. އެއިން ކޮންމެ ގައުމެއްގައި ހުންނާނީ ޚަލީފާގެ ފަރާތުން އެގައުމެއްގެ ވެރިޔަކަށް އައްޔަންކޮށްފައި ހުންނަ މީހެކެވެ. އެމީހަކު އައްޔަންކުރުމުގައި އެކި ޚަލީފާއިން އެކި ކަންކަމަށް ބައްލަވާ އުޅުއްވާކަމުގައި ތާރީޚުން ފެނެއެވެ. އަދި ބާރުތައް ދިނުމުގައި ވެސް ޚަލީފާގެ ފަރާތުން ކަނޑައަޅާ އެވެރިންނަށް އެއީ އަމީރުން އެހެންނާ ގަވަރުނަރުންގެ ނަމުން ކިޔަސް އެފަދަ ވެރިންގެ ބާރުތައް ބައެއް ޚަލީފާއިން ވަރަށް ފުޅާކޮށް، އަނެއްބައި ޚަލީފާއިން ވަރަށް ބޮޑަށް ހަނިކޮށްފައިވެސް އޮވެއެވެ.
އޭގެ ކުރިޔަށް ވަޑައިގަތީމާ ފެންނާނީ، މުސްލިމުންގެ ވެރިޔެއްގެ ގޮތުގައި، ވަޙީ ބާވާލެއްވޭ ރަސޫލަކު ހުންނަވަނިކޮށްނެވެ. މާތް ﷲ ގެ ރިސާލަތައިގެން ވަޑައިގެންނެވި މާތް ނަބިއްޔާ އެކަށައެޅުއްވި އިސްލާމީ ދައުލަތް ޚިލާފަތުގެ ނިޒާމަކަށް ބަދަލުވެ އެޚިލާފަތުގެ ނިޒާމު އިސްލާމީ ދައުލަތްތަކެއްގެ ނިޒާމަކަށް މިހާރު ބަދަލުވެގެން ގޮސްފައިވާއިރު، މުސްލިމުން ވެރިކަން ކުރި ގޮތުގެ ތަފުސީލުތައް ގުޅެނީ މިހާރުން ފެށިގެން މާޒީވެދިޔަ ސާދަސަތޭކަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ތާރީޚާއެވެ.
"މިހާރުން ފެށިގެން ފަހަތަށް އަދި ފަހަތުން ފެށިގެން އެހާރާއި އެދުވަހަށް ވަޑައިގަންނަވާށެވެ." މިލިޔުމުގެ ވަކި ހިސާބަކުން ދެންނެވި އެދުވަހަކީ މާތް ނަބިއްޔާއެވެ. މިސިލްސިލާގެ ދެންހުރި ބައިތަކުގައި ގަސްދުކުރަނީ، އެދުވަހުން ފެށިގެން މިހާރާ ހަމައަށް އައުމަށެވެ. މާތް ނަބިއްޔާގެ ދުވަސްވަރު އިސްލާމީ ވެރިކަމުގެ ނިޒާމު އޮތްގޮތެވެ. އިތުރު އެކަލޭގެފާނު އަވަހާރަވުމަށްފަހު، ވިދިގެން އައި ބާރަސަތޭކަ ނުވަދިހަ ދެއަހަރުގެ ތެރޭގައި މުސްލިމުންގެ މައްޗަށް ވެރިކަންކުރި، 145 ޚަލީފާއިންގެ ވެރިކަމުގެ ގޮތް ބާވަތުގެ ހުލާސާއެވެ. އެޔަށްފަހު މިހާރުގެ އިސްލާމީ ދައުލަތްތައް ހިނގާ ގޮތަށް އެއްޗެއް ދަންނަވާލާނީއެވެ.
މުސްލިމުން ވެރިކަން ކުރި ގޮތް ތާރީހުން ފެންނާން އޮތީ ތަފުސީލުކޮށްނެވެ. ޒަމާންތަކެއް ވަންދެން މުސްލިމުން ވެރިކަން ކުރިގޮތް އިސްލާމްދީނާ ހިލާފުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެނެއް ނޫނެވެ. އިސްލާމްދީނާ ހިލާފު ގޮތަކަށް ވެރިކަންކުރި ވެރިޔަކު ނުވަތަ ޚަލީފާއަކު ދުނިޔެދެކެފައިނުވާނެ ވާހަކައެއް ނޫނެވެ. އާދޭހެވެ! އަޅުގަނޑު ގަބޫލުކުރަނީ ލިޔުމުގެ ފެށުމުގައި އޮތް ސުވާލުތަކުގެ ޖަވާބަކީ، "މުސްލިމުން ވެރިކަންކުރި ގޮތް" އެވެ. އެގޮތް ތާރީހުން ދެކެ އަތުން ހިފުމަށްޓަކައި މިސިލްސިލާގެ ލިޔުންތައް ވިދާޅުވުމަށްފަހު، ދެން ތިބާގެ ހިތަށް ތިބާ ފަތުވާދޭށެވެ!








