އެމެރިކާގެ ދައުލަތުގެ ސިއްރުތަކާ ގުޅޭ ލިޔުންތަކެއް ރައީސް ޖޯ ބައިޑެންގެ ކުރީގެ އޮފީހަކުން ފެނިފައި ވަނިކޮށް، އެމަނިކުފާނުގެ އަމިއްލަފުޅު ގެޔަކުން ވެސް އިތުރު ލިޔުންތަކެއް ފެނިއްޖެ އެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ބައިޑެން ހުންނެވުމަށް ފަހު ބޭނުންކުރި އޮފީހަކުން ލިޔުންތައް ފެނުނު މައްސަލަ ފެންމަތިވީ މި ހަފުތާގެ ކުރީކޮޅު އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިތުރު ލިޔުންތަކެއް ފެނުނީ ޑެލަވެއާގައި ހުންނަ ބައިޑެންގެ ގެކޮޅުންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދަނީ އެ ލިޔުންތައް މުރާޖައާ ކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅުން ސިއްރު ލިޔުންތަކެއް ފެނުނު މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.
ދައުލަތުގެ ސިއްރު ލިޔުންތަކަކީ، ގާނޫނަކުން، ހަމައެކަނި ވަކި ބަޔަކަށް ބެލުމުގެ ހުއްދައޮތް ލިޔުންތަކެވެ. އެފަދަ ލިޔުން ރައްކާކުރަން ޖެހޭ ގޮތާ ގުޅޭ ހަރުކަށި އުސޫލުތަކެއްވެ އެވެ.
ވައިޓް ހައުސްގެ ހުރިހާ ރެކޯޑެއް ހަވާލުކުރަން ޖެހެނީ، ސަރުކާރު ބަދަލުވުމާ އެކު، ޔޫއެސް ނޭޝަނަލް އާކައިވްސްގެ ބެލުމުގެ ދަށަށެވެ.
ލިޔުންތަކުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ބައިޑެންއަށް އަމާޒުވި އެވެ. އެމަނިކުފާނު ވިދާޅުވީ ލިޔުންތައް ހުރީ "މަގުމައްޗަށް އުކާލާފައި ނޫން" ކަމަށެވެ.
އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ބާރު އަޅަނީ ބައިޑެންއާ ދެކޮޅަށް ތަހުގީގު ފެށުމަށެވެ. އެގޮތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސްކަން ކުރައްވާ ކެވިން މެކްކާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.










