ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވަނީ ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން ކެމްޕޭނަށް ހަރަދު ކުރަނީ ސަރުކާރުންތޯ ތަކުރާރުކޮށް ސުވާލުކޮށްފައި ވެއެވެ.
މިއުވާން ވިދާޅުވީ ރައީސް ކުރައްވާ ކެމްޕޭނު ދަތުރުތަކަަކީ ކެމްޕޭނު ޓީމުން ހަރަދުކޮށްގެން ކުރާ ދަތުރުތަކެއް ކަމަށެވެ. އަދި ރައީސްގެ އެއްވެސް ކެމްޕޭން ދަތުރަކަށް ސަރުކާރުން ހަރަދެއް ނުކުރާނެ ކަމަށާއި، އެކަން ބަލަން ބޭނުންނަމަ އޭސީސީއަށް ހުށަހަޅައިގެން ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ ކޮންމެތަނަކަށް ވަޑައިގެންނެވި ނަމަވެސް ރައީސް ސޯލިހު ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށާއި، އެހެންކަމުން ރައީސްގެ ސެކިއުރިޓީ އަދި ސަޕޯޓު ޓީމު ރައީސާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.
އަޅުގަނޑުވެސް ބައެއް ފަހަރު ރައީސްގެ ކެމްޕޭނު ދަތުރުތަކުގައި ބައިވެރިވަން. [އެގޮތަށް] އަމިއްލަ ހައިސިއްޔަތުން ކުރާ ބައެއް ކަންކަން ހުންނާނެ. އެހެން ނަމަވެސް ރައީސްގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ކޮންމެ ތަނެއްގައި ވެސް ރައީސަށް ސަޕޯޓު ދޭން އެބަޖެހޭ.

މިއުވާން ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކެމްޕޭނު ދަތުރުތަކުގައި ބައިވެރިވި ނަމަވެސް ރައީސްގެ ސަޕޯޓު ޓީމު ކޮންމެތަނެއްގައި ވެސް ރައީސާއެކު އޮންނާނެ ކަމަށެވެ. އެކަމަކު ކެމްޕޭނަށް ހަރަދު ކުރާނީ ކެމްޕޭން ޓީމުންކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުކުރަމުން ގެންދިއުމާ ގުޅިގެން މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރަށްރަށަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގެ ތެރެއިން އެހެނިހެން ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެކިއެކި ޕާޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާ ކަމަށާއި، ދައުލަތުގެ ރިސޯސަސް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ރައީސް ނުކުރައްވާނެ ކަމަށެވެ.
...އެކަމަކު ދައުލަތުގެ ރިސޯސަސް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުކުރައްވާނެ. ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު އެކަމެއް ނުކުރައްވާނެ.
މީގެ ކުރިން މުލީއާގޭގައި އެމްޑީޕީ މެންބަރުންނާ ރައީސް ބައްދަލުކުރެއްވުމަށް އިޝާރާތް ކުރައްވަމުން މިއުވާން ވިދާޅުވީ ޕާޓީ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާއިރު ވެސް ބައްދަލުކުރައްވާނީ ރައްކާތެރި ތަނެއްގައި ކަމަށެވެ. ނަމަވެސް ޕާޓީގެ ރަސްމީ ބައްދަލުވުމެއް މުލީއާގޭގައި ނުބާއްވާނެ ކަމުގެ ޔަގީންކަން އެނާ ވަނީ ދެއްވާފަ އެވެ.
ރައީސްގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ މިހާރު ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ދަތުރުކުރައްވަނީ ކެމްޕޭނުން ހަރަދުކޮށްގެން ބޭނުންކުރާ ލޯންޗެއްގައި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މާލޭގެ އެހެނިހެން ތަންތަނަށް ވަޑައިގަންނަވާއިރު ބޭނުންކުރައްވާނީ ސެކިއުރިޓީ ހަމަޖެހިފައިވާ، ސިފައިން ކަނޑައަޅައިދީފައިވާ ވެހިކަލް ކަމަށް ވިދާޅުވި އެވެ.
އަދި އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް މާނަކުރަންވީތޯ މިއުވާން ވަނީ ސުވާލުކުރައްވާފަ އެވެ.
ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް މިއުވާނަށް އަމާޒުވިއިރު، މި ހަފްތާގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ ވަސީލަތްތައް ކެމްޕޭނުގައި ބޭނުން ކުރުން ހުއްޓާލަން ގޮވާލާފަ އެވެ.
ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ހޭޝްޓެގުތައް ހިމަނައިގެން އެ ކެމްޕޭނަށް ހިތްވަރު ލިބޭ ގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ޓްވީޓު ކުރުން ކުށްވެރިކޮށްފަ އެވެ.












