ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް ސައުތެމްޓަން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދީ ނޮޓިންހަމް ފޮރެސްޓުންނެވެ. އެއީ ކުއާޓާ ފައިނަލުގައި ރޭ 1-1 އިން ވުލްވްސްއާ އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވުމުންނެވެ.
ސައުތެމްޓަންގެ ސެއިންޓް މެރީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ސިޓީން ކުރިއަށް ޖެހިގެން އެޓޭކް ކުރަން ފެށިިއިރު، މެޗުގެ ކުރީކޮޅުގައި ސައުތެމްޓަނުން ވެސް ހަމަލާތަކެއް ފޮނުވާލި އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ސައުތެމްޓަނުން ލީޑުނެގީ ސޭކޫ މާރާ ޖެހި ގޯލުންނެވެ. މިއީ ސިޓީ އަތުން މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި، ސައުތެމްޓަންގެ ލިޔާންކޯ ނެގި ހުރަހަކުން އޭރިއާތެރޭގައި ހުރެފައި، މާރާ އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
ލީޑުނެގުމަށް ފަހު ވެސް ސައުތެމްޓަނުން ދިޔައީ އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެޗުގެ 28 ވަނަ މިނިޓްގައި ސައުތެމްޓަނުން ދެ ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ ހާފުގެ މެދެއްހާ ހިސާބުން މޫސާ ޖެނޭޕޯ އެވެ. ސިޓީގެ ގޯލުގައި ހުރި ކީޕަރު، ސްޓެފަން އޯޓޭގާ ކުރިއަށް ޖެހި ހުރި ވަގުތު، ޖެނޭޕޯ ވަނީ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސިޓީން ކެވިން ޑިބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް ބެންޗުގައި ބައިންދައިގެން ފެށި މި މެޗުގައި އެ ޓީމަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ހާލަންޑާއި ޑިބްރޭނާ ބަދަލަކަށް ކުޅެން އެރި ނަމަވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވެ، މެޗުން ބަލިވެ، މުބާރާތުން ކެޓީ އެވެ.
މިއީ ދާދި ފަހުން، އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ލޫޓަން ޓައުންގެ ކޯޗުކަން ދޫކޮށް، ސައުތެމްޓަންއާ ހަވާލުވި ކޯޗު، ނޭތަން ޖޯންސް އަށް އެ ޓީމުގެ ސަޕޯޓަރުންގެ އިތުބާރު ހޯދަން ލިބުނު މުހިންމު މޮޅެކެވެ. ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނީ މެޗުން މޮޅުވީ ކާމިޔާބީ ހައްގުވާ ޓީމު ކަމަށާއި ސިޓީ ފެނުނީ ކުއާޓާ ފައިނަލެއްގެ "ޗެލެންޖަށް ތައްޔާރުނުވެ އޮތްތަން" ކަމަށެވެ.
ކުއާޓާ ފައިނަލުގައި ރޭ ނޮޓިންހަމް ފޮރެސްޓަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ކުރިން ވުލްވްސް އަށް ކުޅުނު ޑިފެންޑަރު ވިލީ ބޮލީ އެވެ. ވުލްވްސް އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރީ ރައުލް ހިމެނޭޒް ޖެހި ގޯލުންނެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނު މި މެޗުގައި ޕެނަލްޓީގައި، ވުލްވްސް އަށް ފަސް ޕެނަލްޓީން ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ. ފޮރެސްޓުން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލައިފަ އެވެ. ވުލްވްސްގެ ފުރަތަމަ ޕެނަލްޓީ ރުބެން ނެވޭސް އަތުން ބޭކާރުވިއިރު، ފަހު ޕެނަލްޓީ ޖެހި ޖޯ ހޮޖް އަށް ވެސް ކާމިޔާބު ނުކުރެވުނެވެ. ވުލްވްސް އިން ޕެނަލްޓީ ކާމިޔާބުކުރީ މަތިއަސް ނޫނޭޒް، މަތެއުސް ކޫންޏާ އަދި ޑެނިއަލް ޕޮޑެންސް އެވެ.
ފޮރެސްޓްގެ ފުރަތަމަ ޕެނަލްޓީ ސޭމް ސަރިޖަށް ކާމިޔާބުނުވިއިރު، ދެން އެ ޓީމުން ޕެނަލްޓީ ފޮނުވާލި ރެމީ ފްރެއޮލާ، ޖޯ ވޯރާލް، މޯގަން ގިބްސް-ވައިޓް އަދި ޖެކް ކޯލްބެކް ޕެނަލްޓީ ކާމިޔާބުކުރި އެވެ.
ސެމީ ފައިނަލުގައި ފޮރެސްޓުން ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ފޮރެސްޓް ވަނީ 1992 ވަނަ އަހަރުގެ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އަނެއް ސެމީގައި، ސައުތެމްޓަން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.












