އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް ކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުކުންނަވާތީ އެ ކަން ބޭނުންފުޅުނުވީ ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ އިތުރަށް އެމަނިކުފާނުގެ ދުވަސްވީ އެކުވެރިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އުތުރުގެ ތިން އަތޮޅަކަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރ. ދުވާފަރުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ ވިސްނުން ހުންނެވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުނުވާނަމަ ވެރިކަމަށް ނުނުކުންނެވުމަށެވެ.
ރައީސް ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބުނާ އެމްޑީޕީގެ ސަޕޯޓަރުން ގިނަވާތީ މަސައްކަތް ކުރެއްވީ އެހެން ބޭފުޅަކު ރައީސްއާ ވާދަކުރެއްވުމަށް ނެރުއްވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުގެ މަތިން ޝާހިދު އަރިހުގައި އެ ކަމަށް އެދިވަޑައިގަތް ނަމަވެސް ޝާހިދު އެއްބަސްނުވި ކަމަށް ވިދާޅުވި އެވެ.
"އެއީ ވާދަކުރައްވާ ޒާތުގެ ބޭފުޅަކަށް ނުވާތީ، އެހެންވީމާ [ޝާހިދު] ނުކުރެއްވީ. އަޅުގަނޑަކީ ނުކުމެ ވާދަކުރާ ކަހަލަ މީހެއް. އެހެންވެ އަޅުގަނޑު ނުކުމެ މިހުރީ ވާދަކުރަން," މީގެ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ފޮރިން މިނިސްޓަރު ޝާހިދު "އަދަދު" އަށް ވެސް ވިދާޅުވީ، ޕްރައިމަރީއަށް ނުކުތުމަށް އޭނާ ގާތު ނަޝީދު އެކި ފަހަރު މަތިން އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވަން ޝާހިދު ބޭނުންފުޅުނުވީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ނުނުކުތީ، އަޅުގަނޑު ތާއީދު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް،" އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝާހިދު ވިދާޅުވި އެވެ.
2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނަޝީދަށް ފުރުސަތު ގެއްލުމުން އޭގެ ޝައުގުވެރިކަން ޝާހިދު ފާޅުކުރެއްވި ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމަކު ރައީސް ސޯލިހަށް އެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގަތުމުން ޝާހިދު ފެޔަށް ޖެހިލީ ކަމުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
އޭރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ކަނޑައެޅި ކެންޑިޑޭޓަކީ ވެސް ނަޝީދެވެ. އެކަމަކު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަކުރުމަށް ގާނޫނީ ހުރަހެއް އޮތުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.
ކުރިއަށް މި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ 57،000 މެންބަރުންނަށް ވޯޓު ދެވެ އެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ މި އިންތިހާބަކީ ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއެއްގައި ހިނގާނެ އެންމެ ވާދަވެރި އެތެރޭގެ ޕްރައިމަރީއަށް ވާނެ އެވެ.













