ޕެރިސް (ޖެނުއަރީ 10) - ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރި ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިން. އަހަރެން ގަބޫލްކުރަނީ ގައުމީ ޓީމަށް އަހަރެންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްޗެއް ދެވުނު ކަމަށް،" ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލޮރިސް، 36، ބުންޏެވެ.
"މިއީ މިކަން އިއުލާންކުރަން އެންމެ ރަނގަޅު ވަގުތު. ޔޫރޯ ކޮލިފައިންނަށް ދެ މަސް ދުވަސް އޮއްވައި އަހަރެން މިކަން މި އިއުލާންކުރީ."
ލޮރިސް ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިިއިރު، މިދިޔަ މަހު އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް ވަނީ އާޖެންޓީނާ އަތުން ބަލިވެފަ އެވެ. އެކަމަކު، ލޮރިސް ވަނީ ކެޕްޓަނެއްގެ ގޮތުގައި ފްރާންސާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް އިން 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުފާފާޅުކުރުމުގެ ތެރެއިން.
އުމުރުން 21 އަހަރުގައި ލޮރިސް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. ގައުމީ ޓީމުގެ ކެރިއަރު ނިންމާލިއިރު، ލޮރިސް އަކީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.
ފްރާންސްގެ ގައުމީ ޓީމާ އެކު ލޮރިސް ވަނީ ބައިނަލްއަގުވާމީ ހަތް މުބާރާތުގައި ކުޅެފަ އެވެ.
ލޮރިސް ބުނީ މިއީ ގައުމީ ޓީމާ ދުރަށް ދިއުމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި އޭސީ މިލާނަށް ކުޅެމުންދާ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން އަކީ އޭނާ ނެތްތަން ފޫބައްދާނެ ކީޕަރެއް ކަމަށެވެ.
"އަހަރެން އަބަދު ވެސް ބުނާ ވާހަކައެއް، ފްރާންސްގެ ޓީމު އެއްވެސް އިރެއްގައި އެންމެ މީހަކަށް ބަރޯސާނުވާނެއޭ. މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު،" ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ލޮރިސް ބުންޏެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ލޮރިސް އަކީ ގައުމީ ޓީމަށް ވަރަށް އަގުހުރި ހިދުމަތެއްކޮށްދިން ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.












