މެޑްރިޑް (ޖެނުއަރީ 9) - ސްޕެނިޝް ލީގުގެ ރޭހުގައި އޮތް ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި، ބާސެލޯނާ އިން ލީގުގެ އެއް ވަނަގައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާ އިން ވަނީ ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން މޮޅުވެފަ އެެވެ.
ރޭގެ ނަތީޖާއާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ދެ ވަނަގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކުގަ އެވެ. ބާސެލޯނާ އަތުން ބަލިވުމުން މި ސީޒަންގެ ލީގު ކާމިޔާބުކުރުމަށް އެތުލެޓިކޯ އިން ކުރާ އުއްމީދަށް ވަނީ ފަނޑުކަމެއް އައިސްފަ އެވެ. އެ ޓީމަށް 16 މެޗުން 27 ޕޮއިންޓް ލިބުނުއިރު، އޮތީ ފަސް ވަނައިގަ އެވެ.
ބާސެލޯނާ އާއި އެތްލެޓިކޯ ވާދަކުރި މެޗު ފާހަގަވީ ފޯރިގަދަ އަދި ވާދަވެރި މެޗެއްގެ ގޮތުގަ އެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު މެޗުގެ 22 ވަނަ މިނެޓުގައި ބާސެލޯނާ އަށް ޖަހައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ.
ޑެމްބެލޭގެ މި ގޯލަށް ފަހު އެތުލެޓިކޯ އިން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފުލްބެކް، ނަހުއެލް މޮލީނާ ނަގައިދިން ހުރަހަކުން ޖޯސޭ ހިމެނޭޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ދިފާއުކުރި އެވެ.

ބާސެލޯނާގެ ޑެމްބެލޭ (ވ) އެތުލެޓިކޯގެ ގްރީޒްމަން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޑެމްބެލޭ އެވެ. ކައުންޓާ އެޓޭކުގައި ޑެމްބެލޭ އަށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ފެރަން ޓޮރޭސް ބާސެލޯނާ އަށް ގޯލެއްވެސް ޖަހައިދިނެވެ. ނަމަވެސް އޭނާ ބޯޅަ ލިބުނު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށްވާތީ އެ ގޯލު ބަލައެއް ނުގަތެވެ.
މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖެހުމާ ގާތަށް އެތުލެޓިކޯ ޖެހިލި އެވެ. ގްރީޒްމަން އަށް ލިބުނު ބޯޅަ ކީޕަރު ޓާ ސްޓެގެން އަތް ދަށުން އޭނާ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ގޯލު ރޮނގު މަތިން ސަލާމަތްކޮށްދިނީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ.
ދެ ޓީމުން ވެސް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ. މެޗުގެ އިތުރު ވަގުތުގައި ބޯޅަ ނެތީސް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ހަމަލާދިނުމުން ރެފްރީ ވަނީ ބާސެލޯނާގެ ފެރާން ޓޮރޭސް އާއި އެތުލެޓިކޯގެ ސްޓެފަން ސަވިޗަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް ދެން ކުޅޭ މެޗުގައި މި މަހުގެ 15 ގައި ނުކުންނާނީ އަލްމީރިއާ އާ ދެކޮޅަށެވެ. ބާސެލޯނާ ދެން ލަލީގާ މެޗެއް ކުޅޭނީ މިމަހުގެ 22 ގަ އެވެ. މި މެޗުގެ ކުރިން ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕާއި، ކޮޕަ ޑެލްރޭގެ މެޗެއް ކުޅޭނެ އެވެ.












