މި މަހުގެ 28 ވަނަ ދުވަހުގެ ވޯޓަށް ދެ ރައީސުންވެސް ކެނޑިނޭޅި ކެމްޕޭން ކުރަމުންދާއިރު އިއްޔެ ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފަ އެވެ. ރައީސް ހިންނަވަރަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ފެނިގެން ދިޔަ އެވެ.
ރައީސް ހިންނަވަރުގައި ރޭ ކުރެއްވި އިރު ވާދަވެރި ކެންޑިޑޭޓު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު އއ، އދ، ފ އަދި ދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާ އެނބުރި މާލެ ވަޑައިގަތުމަށްފަހު ނ އަތޮޅަށް ފުރައިވަޑައިގެންފަ އެވެ. އަދި ނަޝީދު ވަނީ މާލޭ ވަޑައިގަތުމަށްފަހު އިއްޔެ ކެމްޕޭނު މައި މަރުކަޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ޕްރައިމަރީ ބްރީފް އަކީ މިހާރު ކުރިއަށްދާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ދެ ކެންޑިޑޭޓުންގެ ޓީމުން ދައްކާ ވާހަކަތަކާއި ކެމްޕޭނުގެ އަޕްޑޭޓުތައް ގެނެސްދިނުމަށް "އަދަދު" އިން ހާއްސަކޮށް ގެންނަ ސެގްމެންޓެކެވެ.
ރ، ނ، އަތޮޅަށްފަހު ރައީސް ސޯލިހު ބ. އަށް
ރައީސް ސޯލިހު މިހާރު ކުރައްވާ ކެމްޕޭން ދަތުރުގައި ރ އަދި ނ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށްފަހު މިއަދު ވަޑައިތީ ޅ އަތޮޅަށެވެ. އެގޮތުން ރައީސް ފުރަތަމަ ވަޑައިގަތީ ޅ. ކުރެންދޫ އަށެވެ.
އެ ރަށުގައި ދެއްކެވި ވާހަކައިގައި އެންމެ ފާހަގަވީ ފަޅުރައްތަކާއި ބެހޭގޮތުން ދެކެވުނު ވާހަކަ އެވެ.

"އެއީ އެކަން ކުރަން ޖެހޭނެ ގޮތް. ރާއްޖޭގައި އޮތް އެއްޗަކީ އެއީ. ފަޅުރަށްތައް ތަރައްގީކޮށްގެން ނޫނިއްޔާ، އެ ތަނުގައި އިންވެސްޓްމެންޓްތައް ގާއިމުކޮށްގެން ނޫނިއްޔާ ރާއްޖޭގެ އިކޮނޮމީއެއް ނުހިފެހެއްޓޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށެވެ.
އެއަށްފަހު ރައީސް އެ އަތޮޅު ނައިފަރަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އުފަން ރަށް ޅ. ހިންނަވަރުގަ އެވެ. ހިންނަވަރުން ރައީސް ސޯލިހު މިއަދު ވަޑައިގެންނެވީ ބ. އަތޮޅަށެވެ.
ނަޝީދު މިއަދު އަނެއްކާވެސް އަތޮޅު ތެރެއަށް، މިފަހަރު ނ، ރ، އަދި ބ އަތޮޅަށް
ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަންވެސް ކުރެއްވި ނަޝީދު ގެ ޓީމުން ބުނާ ގޮތުގައި 28 ގެ ކުރިން ނަޝީދު ރާއްޖޭގެ މީހުން އުޅޭ ހުރިހާ އަތޮޅަކަށް ވަޑައިގަންނަވާނެ އެވެ.
އެގޮތުން މިހާތަނަށް ފުވައްމުލަށް ސިޓީ، އއ، އދ، ފ، އަދި ދ އަތޮޅަށް ވަނީ ވަޑައިގެންފަ އެވެ. މިއަދު އަނެއްކާވެސް ނަޝީދު ފުރާވަޑައިންނަވާނެ އެވެ. މިފަހަރު ނ، ރ، އަދި ބ އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައިވާއިރު، މިރޭ ނ. ވެލިދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރައީސްގެ ޓީމު މާލޭގައި ދޮރުން ދޮރަށް
ރައީސް ސޯލިހު އަތޮޅު ތެރޭގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނަށް ތާއީދުކުރައްވާ ޕާޓީގެ އިސް ބޭފުޅުން އަންނަނީ މާލޭގައި ދޮރުން ދޮރަށް ހިނގާ ތާއީދު ހޯދަމުން
އަޅުގަނޑު ދެކެ ޕީޕީއެމް މީހުން މިހާރު އެހާވަރަށް ރުޅިއެއް ނާދޭ: ނަޝީދު
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ މެންބަރުންނާއި އިސްވެރިން މިހާރު އެމަނިކުފާނު ދެކެ އެހާ ރުޅި ނާންނަ ކަމަށް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ. ނަޝީދު މިހެން ވިދާޅުވީ ރޭ މާލޭ ގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނަޝީދު ވިދާޅުވީ:
"އަޅުގަނޑަކަށް ނޭނގޭ ކޮން ސަބަބަކާ ހުރެ ކަމެއް. ލަފާކުރެވެނީ އަޅުގަނޑު ވެސް ދުވަސްކޮޅެއް ވެއްޖެ މި ކަންކަމުގައި އުޅޭތާ. އެހެންވީމަ އެމީހުން ވެސް ކޮންމެވެސް ވަރަކަށް ފަރިތަވީ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ."
އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި
ވެލިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް އެމްޑީޕީގެ މެންބަރުންނަށާއި ލީޑަރުންނަށް ދެއްވި އެއް ޔަގީން ކަމަކީ އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީން ކަމެވެ.
ރައީސް ޖޯޝާއެކު ވިދާޅުވީ:
"މިހާތަނަށް ވެސް އަޅުގަނޑު މި އަންނަނީ ތި ބޭފުޅުންނަށް އެކަން ހާމަކޮށްދެމުން. ރައްޔިތުން ވެސް އެކަން ގަބޫލުކުރޭ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން އެދޭ ގޮތަށް އެއްވެސް މީހަކު ބާކީ ނުކޮށް ހުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،"
ހިސާންގެ މަލާމާތަށް ވަހީދުގެ ބޮޑު ރައްދެއް
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ނ. ވެލިދޫގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ނަޝީދަށް މަލާމާތް ކުރަށްވާ ބުނި ބުނުމަށް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.
އެގޮތުން ހިސާން ވެލިދޫގައި ވިދާޅުވީ ރައީސުން ކުއްލިކުއްލިއަށް ކަންކަމާ ރިއެކްޓު ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، އޭގެ ސަބަބުން ވެރިކަން ވެއްޓިފައި އެބަހުރި ކަމަށެވެ.
ރައްދުގައި ވައްޑެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "(އޭރު އެވަރެއް ނެތިގެން އެލިގަނެގެން އުޅުން) މީހާ ދެކެ ޒާތީވިޔަސް ތީ ބޮޑުވަރު،" މިހެންނެވެ.
ރައީސަށް ކެމްޕޭނު ކޮށްދޭ ކަމަށް ބުނެ ޓްރާންސްޕޭރެންސީ އިން ޕީއެސްއެމް ކުށްވެރިކުރުން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހިތްވަރު ލިބޭ ގޮތަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ޓްވީޓު ކުރާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ.
އެގޮތުން ޓްރާންސްޕޭރެންސީއިން ބުނީ:
މި ސަރުކާރު އިންތިހާބުވީ، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތަކާ އެކު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮންމެ އިންތިހާބެއްގައި ވެސް ފެންނަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަތަން ކަމަށެވެ.
ފެބްރުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.













