އެމެރިކާއިން ހައްޔަަރު ކުރި ފިނި ހަނގުރާމައިގެ އެންމެ ބޮޑު އެއް ޖާސޫސް، އަނާ މޮންޓޭސް 20 އަހަރަށް ފަހު މިނިވަންކޮށްފި އެވެ.
މިހާރު އުމުރުން 65 އަހަރުގެ އަނާ މޮންޓޭސް ޖަލުގައި ބަންދުކުރީ ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ އެނެލިސްޓެއްގެ ގޮތުގައި އުޅެމުން ކިއުބާއަށް ޖާސޫސްކޮށްދިނުމުންނެވެ.
އެފްބީއައިއިން އޭނާ ހައްޔަރުކުރީ 2001 ވަނަ އަހަރު އެވެ. އޭރު އެފްބީއައިއިން ބުނީ ކިއުބާގައި ހިންގާ އެމެރިކާގެ ޖާސޫސީ ހުރިހާ އޮޕަަރޭޝަނެއްގެ މައުލޫމާތު އޭނާ ދިޔައީ ފޯރުކޮށްދެމުން ކަމަށެވެ.

ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އެމެރިކާގެ ހަތަރު ޖާސޫސެއްގެ ވަނަވަރު ހާމަކުރުމާއި ގިނަ އަދަދެއްގެ ސިއްރު ލިޔުންތައް ކިއުބާއަށް ފޯރުކޮށްދިނުން ހިމެނެ އެވެ.
އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވަމުން ފަނޑިޔާރު ވިދާޅުވީ އޭނާގެ ސަބަބުން "މުޅި ގައުމު ނުރައްކަލަށް ހުށަހެޅުނު" ކަމަށެވެ.
ފިނި ހަނގުރާމައިގެ ދުވަސްވަރު ހައްޔަރުކުރި އެހެން ޖާސޫސުންނާ ހިލާފަށް، އަނާ މޮންޓޭސް ކިއުބާއަށް ޖާސޫސްކޮށްދިނީ އަމިއްލަ ފައިދާއަކަށް ނޫނެވެ. އޮފިޝަލުން ބުނީ އޭނާ އެކަން ކުރީ ފިކުރީ ގޮތުން އެމެރިކާ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
އެގޮތުން ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ނިކަރަގުއާގައި ހަނގުރާމަވެރި ގްރޫޕު ނިކަރަގުއާ ކޮންޓްރާސްއަށް އެމެރިކާ ސަރުކާރުން ތާއީދުކުރުމާ އޭނާ ދެކޮޅެވެ.
ވިހި އަހަރަށް ފަހު އަނާ މޮންޓޭސް މިނިވަން ކުރި އިރު، އޮފިޝަލުން ބުނީ ކުރިއަށް އޮތް ފަސް އަހަރު އޭނާގެ ހަރަކާތްތައް މޮނީޓާ ކުރާނެ ކަމަށެވެ.










