ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ، ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ރަނިން މޭޓެއްގެ ގޮތުގައި އައްޑޫ ބޭފުޅަކާ އެކު އެ ކަމަށް އެމަނިކުފާނު ހާމަކުރައްވައިފި އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މެދު ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލޭގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި، ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝިދު ވިދާޅުވީ ރަނިން މޭޓަކަށް ކަނޑައަޅާނީ އައްޑޫގެ ޒުވާން ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް," ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވެސް، ނަޝީދުގެ ރަނިން މޭޓަކަށް ހުންނެވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަކީ އައްޑޫ ބޭފުޅެކެވެ. އެ ފަހަރު ވެސް ރަނިން މޭޓް އިއުލާން ކުރެއްވުމުގެ ކުރިން، ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަން ހާމަކުރެއްވި އެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީގެ ތާއީދު ބޮޑު ސަރަހައްދެކެވެ. ކޮންމެ އިންތިހާބެއްގައި ވެސް އައްޑޫގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ލިބެ އެވެ. އައްޑޫ ސިޓީއަކީ މާލެ ނެގުމަށް ފަހު، ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސަރަހައްދެވެ.

އައްޑޫ އަތޮޅުގެ މަޖިލިސް ހުރިހާ ގޮނޑިއެއް ވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެ ހަތް މެމްބަރުންގެ ތެރެއިން މި ޕްރައިމަރީގައި ނަޝީދަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފައި ވަނީ ދެ މެމްބަރުންނެވެ. އެއީ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.












