ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ލިވަޕޫލާއި ވުލްވްސް ކުުޅުނު މެޗު 2-2 އިން އެއްވަރުވެ، ރީޕްލޭ މެޗެއް ކުޅެން ޖެހުނުއިރު، ތިން ވަނަ ޑިވިޝަނުގެ ޝެފީލްޑް ވެނެސްޑޭ އިން 2-1 ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މުބާރާތުން ކަޓުވާލައިފި އެވެ.
ލިވަޕޫލް ދަނޑުގައި ރޭ ވުލްވްސް އިން ލީޑުނެގީ 26 ވަނަ މިނިޓްގައި ގޮންޒާލޯ ގުއޭޑޭޝް ޖެހި ގޯލުންނެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި، ގުއޭޑޭޝް އޭރިއާތެރެއިން ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޑާވިން ނޫނޭޒް އެވެ. މިއީ ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނެގި ހުރަހަކަށް އަރައި ނޫނޭޒް ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، ހަތް މިނިޓް ތެރޭ ލިވަޕޫލުން ލީޑުނެގި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ލިވަޕޫލްގެ މުހައްމަދު ސަލާހު މި ލަނޑު ޖެހީ ވުލްވްސްގެ ޑިފެންޑަރު، ޓޮޓީ ބޮލުން ފަހަތަށް ޖައްސާލި ބޯޅައެއް ކޮންްޓްރޯލް ކުރުމަށް ފަހު އެވެ. ވުލްވްސް އިން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖަހައި، އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. ބަދަލަކަށް އެރި ދެކުނު ކޮރެއާގެ ފޯވާޑް، ހްވާން ހީޗާން ވަނީ އޭރިއާތެރެއިން ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ.
މެޗު ނިމެން އަށް ވަރަކަށް މިނިޓަށް ވެފައި އޮއްވައި، ވުލްވްސްގެ ޓޮޓީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، އެ ގޯލު ބަލައިނުގަންނަން ނިންމުމާ އެކު، ވުލްވްސްގެ ކޯޗު ސްޕެއިންގެ، ހުލެން ލޮޕެޓެގީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމާ ހެދި ލޮޕެޓެގީ އަށް ރީނދޫ ކާޑު ވެސް ވަނީ ދައްކައިފަ އެވެ.
މެޗަށް ފަހު ލޮޕެޓެގީ ބުނީ އޮފްސައިޑް ގަވާއިދުގެ އެއްވެސް ހަމައަކުން ބަލާއިރު، ވުލްވްސްގެ ލަނޑު ބަލައިނުގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ދިހަ ދުވަސްތެރޭ ވުލްވްސް އާއި ލިވަޕޫލް ކުޅެން ޖެހޭ ރިޕްލޭ މެޗު ކުޅުމަށް ފަހު، އަނެއް ބުރަށް ހޮވޭ ޓީމެއް ކަނޑައަޅާނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް ރޭ ކުޅުނު މެޗުގައި ޝެފީލްޑް ވެނެސްޑޭގެ ޖޯޝް ވިންޑާސް ވަނީ އެ ޓީމަށް ދެ ވަނަ ހާފު ފެށިގެން ދެ ގޯލުގެ ލީޑެއް ނަަގައިދީފަ އެވެ. ނިއުކާސަލްގެ ބްރެޒިލް މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދިން ނަމަވެސް، އެ ޓީމަށް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ. ރަނގަޅަށް ޑިފެންސްކޮށް ޝެފީލްޑް ވެނެސްޑޭ ވަނީ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ޕޯޓްސްމައުތު އަތުން ޓޮޓެންހަމް ވަނީ ހެރީ ކޭންގެ ހަމައެކަނި ގޯލާ އެކު، 1-0 އިން މޮޅުވެފަ އެވެ. ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބާންލީ އިން ވަނީ 4-2 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ހަލް ސިޓީ އަތުން ފުލަމް މޮޅުވީ 2-0 އިންނެވެ.












