ވެރިޔެއްގެ "ތައްޕާހުން" ވަޒީފާއެއް ހޯދައިގެން، ވެރިމީހާ ކައިރީ އާދޭސްކޮށްގެން ރަށްރަށުގައި މަޝްރޫއުތައް ހިންގާ ގޮތަށް، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ނުދިނުމަށް އެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާދޭސްކުރައްވައިފި އެވެ.
މީގެ ކުރިން ދެ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނަޝީދު އަނެއްކާ ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެއްވުމަށް ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކައިގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކުރައްވަނީ އެމްޑީޕީގެ އެތެރޭގައި "މައުމޫނީ ފިކުރެއް" ވަގެދެން އުޅުމެވެ.
އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިމޮކްރަސީއާ ދުރު އަމަލުތައް ގޮތުގައި ނަޝީދު އަބަދުވެސް ސިފަކުރައްވާ ކަންކަމެވެ.
"ރަށުގައި ކަމެއް ވާން އޮތީ މާލޭގައި ވަޒީރެއްގެ ގޭގައި މުގޯލި އަޅައިގެންނޭ، ވަޒީރުމީހާއަށް ބާޒާރު ވެސް ކޮށްދީގެނޭ، ތިމަންނައިމެންގެ ދަރިން އެ ގޭގައި ބައިތިއްބަގެނޭ، އެ ގޭގެ މަތިވަޑާން ވެސް ކޮށްދީގެނެ،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު، ނަޝީދު ސިފަކުރެއްވީ މި ގޮތަށެވެ.
ދ. މީދޫގައި މިއަދު ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވީ ރަށްރަށަށް ތަރައްގީ ގެނެވޭނީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކޮށްގެން ކަމަށެވެ.

"ހަގީގީ ކަމެއް ކުރެވެން އަންނާނީ އޭގައި ނިޒާމެއް އުފައްދައިގެން، ސްވިޗު ޖެއްސީމައި ބޮކި ދިއްލޭނެ، ތަރައްގީގެ ވައިރިންނަކީ، ކަރަންޓަކީ، މި ޑިމޮކްރަސީ، ތަރައްގީއެއް ނުލިބޭނެ އަޅުގަނޑުމެން މި ނިޒާމު ގަޑުބަޑުކުރަން އުޅެފިނަމަ،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ވެރިއެއް ރުއްސައިގެން ތަރައްގީ ހޯދަން އުޅުމަކީ އެމްޑީޕީގެ ފަލްސަފާއާ ދުރު ކަމެއް ކަމަށެވެ. "ފިކުރެއްގެ ދިރުން" ޝިއާރުގައި ނުކުމެ ހުންނެވީ އަނެއްކާ ވެސް ޑިމޮކްރެޓިކް ފަލްސަފާ ދިރުވަން ކަމަށް ވިދާޅުވި އެވެ.
"ޑިމޮކްރެޓިކް ނިޒާމެއް ގެނައީ ރަށްރަށަށް މި ބޭނުންވާ ކަންކަން ގަޑިންގަޑިއަށް ވަގުތުންވަގުތަށް ކޮށްދޭން، އެއީ އަޅުގަނޑާ ގާތްވެގެން، ނޫނީ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ [ސޯލިހު]އާ ގާތްވެގެން، މި ވެނި ވަޒީރަކާ، ނޫނީ ކުންފުންޏެއްގެ އެމްޑީއަކާ ގާތްވެގެން ވާން އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
"ޑިމޮކްރެސީއަށް އަލުން ވުޖޫދުވާން" ކުރިއަށް އޮތް ޕްރައިމަރީގައި އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ވޯޓު ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ކުންފުންޏަކުން ދޭ ވަޒީފާއަކަށް، ނޫނީ ވޯޓު ޝަރުތުކޮށް ކުންފުނިން ރަށްރަށުގައި ކުރާން އުޅޭ ކަންކަން އިސްކޮށްފައި ވޯޓު ނުދިނުމަށް އާދޭސްކުރެއްވި އެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި 57،000 މީހުނަށް ވޯޓު ދެވެ އެވެ. ޕްރައިމަރީގެ ކެމްޕޭނަށް ނަޝީދު އަދި ރައީސް ސޯލިހު ވެސް ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު ދެ ބޭފުޅުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑުވިދާޅުވަމުންނެވެ. އެއާއެކު، އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ޕްރައިމަރީގެ ފޯރި ވަނީ ގަދަވެފަ އެވެ.













