އެމެރިކާގެ ވާޖިނިއާ ސްޓޭޓުގައި ޓީޗަރެއްގެ ގަޔަށް ބަޑި ޖެހި ހަ އަހަރުގެ ފިރިހެން ކުއްޖަކު ބަންދުކޮށްފި އެވެ.
އެ ހާދިސާ ހިނގީ ނިއުޕޯޓް ނިއުސް ސިޓީގެ ރިޗްނެކް އެލެމެންޓްރީ ސްކޫލުގައި މެންދުރު 02:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެރިޔާ ސްޓީވް ޑްރް ވިދާޅުވީ އެ ކުއްޖާއަށް ބަޑި ލިބުނީ ކިހިނެތްކަން ސާފު ނުވާ ކަމަށެވެ. އެކަމަކު ބަޑި ޖެހީ ގަސްދުގައި ކަމަށް ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 30 އަހަރުގެ ޓީޗަރަށް ލިބުނީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެކެވެ. ޓީޗަރުގެ ވަނަވަރު އާއްމެއް ނުކުރެ އެވެ.
އެ ހާދިސާ ހިނގީ އުމުރުން ހަ އަހަރާއި ހަތް އަހަރުގެ ކުދިން އުޅޭ ގްރޭޑް އެކެއްގެ ކްލާހެއްގަ އެވެ. ބަޑި ޖެހީ ކުއްޖާ އާއި ޓީޗަރާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހު އެވެ.
އޮފިޝަލުން ބުނީ ސްކޫލުގައި 550 ދަރިވަަރުން އުޅޭ ކަމަށެވެ. މެޓަލް ޑިޓެކްޓް ކުރާ ފެސިލިޓީ އެ ސްކޫލުގައި ހުރެ އެވެ. އެކަމަކު ގަވާއިދުން ހުރިހާ ދަރިވަރުން ބަލައި ފާހެއް ނުކުރެ އެވެ.










