މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "1 ވަނަ ޖޫނިއާ ޗެމްޕިއަންޝިޕް 2023" އަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްބީއޭ އިން ހާމަކޮށްފި އެވެ.
އެމްބީއޭ އިން އަލަށް ބާއްވާ ޖޫނިއާ ޗެމްޕިއަންޝިޕަކީ ޖޫނިއާ އުމުރުފުރާތަކުގެ ކުދިންނަށް ވާދަވެރި މާހައުލެއްގައި ބާސްކެޓްބޯޅަ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސްކުރުމަށް އެމްބީއޭ އިން ކުރިއަށްގެންދާ މުބާރާތެކެވެ.
ފެބްރުއަރީ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ 10 ޖެނުއަރީ ވާ އަންގާރަ ދުވަހެވެ.
ޖޫނިއާ ޗެމްޕިއަންޝިޕުގައި ހަތަރު އުމުރުފުރާއެއްގައި ދެ ޖިންސުގެ ޓީމްތައް ވާދަކުރާނެ އެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.
މިހާތަނަށް މި މުބާރާތުގައި ގިނަ އަދަދެއްގެ ޓީމްތަކަކުން ވަނީ ބައިވެރިވެފައިިކަމަށް އެމްބީއޭ އިން ހާމަކުރެ އެވެ.
"އަޅުގަނޑުމެން އުއްމީދުކުރިން ރަނގަޅު އަދަދެއްގެ ޓީމްތަކެއް ބައިވެރިވާނެކަމަށް، އަދި މުއްދަތު ހަމަވާން ހަފްތާއެއް އެބައޮތް، ވަރަށް ގިނަ ޓީމްތަކެއް މިހާރުވެސް ތައްޔާރުވަމުން އަންނަނީ. ޗުއްޓީ ދުވަސްކޮޅަށްވީމަ ކުޑަކޮށް ޕްރެކްޓިސް މަޑު ޖެހިފައި އޮތަސް ފޯރިގަދަކޮށް ދަނީ" އެމްބީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބާސްކެޓްބޯޅަ އަކީ އެންމެ ހަރުދަނާ ގޮތެއްގައި އެކަޑަމީތަކުން ދެމެހެއްޓެނިވި ގޮތެއްގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަމުން އަންނަ އެއް ކުޅިވަރެވެ.
އެ ގޮތުން މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް ބާސްކެޓްބޯޅަ ތަމްރީންތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރު އެމްބީއޭ އިން ކުރިއަށްގެންދިޔަ ބާސްކެޓްބޯޅަ ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ޖޫނިއާ ޗެމްޕިއަންޝިޕުގައި އެއްވެސް އެކަޑެމީއަކަށް ނުވަތަ ކުލަބަކަށް ވެސް ޓީމްތައް ބައިވެރިނުކުރެވޭނެ އެވެ.
މި މުބާރާތުގައި ވާދަކުރެވޭނީ ސްކޫލުތަކުގެ ދަރިވަރުންނަށް އެކަންޏެވެ. އެކަޑެމީތަކާއި އެކި ކުލަބުތަކުގެ ޑިވެލޮޕްމަންޓް ޓީމްތަކުގައި ހިމެނުނު ނަމަވެެސް ކުޅުންތެރިން ކުޅެން ޖެހޭނީ ސްކޫލްތަކުގެ ޓީމު ތަކަށެވެ.
އަހަރު ފެށުމުގެ ގޮތުން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ޖޫނިއާ ޗެމްޕިއަންޝިޕެއް ބާއްވަން އެމްބީއޭ އިން ނިންމާފައިވާއިރު، އެ އެސޯސިއޭޝަނުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 11 އަހަރުން ދަށުގެ 1300 އެއްހާ ކުދިން ހިމަނައިގެން މިނީ ބާސްކެޓްބޯޅަ ފެސްޓިވަލެއް ކުރިއަށް ގެންގޮސްފަ އެވެ. މި ފެސްޓިވަލްގައި މާލެ ސަރަހައްދުގެ 12 ސްކޫލަކުން ކުދިން ބައިވެރިވި އެވެ.












