ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ އެމްއެމްޕީއާރުސީ ވައްކަމުގެ ފައިސާ އަނބުރާ ނުހޯދުން އެމްޑީޕީގެ މެންބަރުންނަށް ބަލައި ނުގަނެވޭ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން މިރޭ މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާއިރު އެމަނިކުފާނު އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެގޮތުން މިރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ކޮރަޕްޝަނާ އިދިކޮޅަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ. އެކަމުގެ ސަބަބަކީ ރާއްޖޭގެ ރައްޔިތުންނަކީ ވައްކަމާއި ފަސާދައާއި ހީލަތާއި މަކަރު ފަދަ ކަންކަމާ ރުހޭ ބަޔަކަށް ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ދެން ފާހަަގަކުރެއްވީ ރައީސް ޔާމީނުގެ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބަލައި އެ ފައިސާ ހޯދުން އެއީ އެމްޑީޕީގެ ވައުދެއް ކަމެވެ.
"އެހެން ނަމަވެސް މިއަދާ ހަމައަށް އަޅުގަނޑުމެން އައި އިރު އަދި އެންމެ ލޮއެ ލާރިއެއްވެސް އަޅުގަނޑުމެންނަކަށް އަނބުރާ ހޯދިފަކާއެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވައްކަމުގެ ފައިސާ ނުހޯދުން އެމްޑީޕީގެ މެންބަރުންނަށް ބަލައިނުގަނެވޭ ކަމަށާއި ޕާޓީގެ މެންބަރުން ސަރުކާރާ ދުރުވާންޖެހޭ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ހުރި ވާހަކަފުޅަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ލާރި ހޯދާތަން ބޭނުންނުވާ އެއްވެސް ގެެއެއް ނެތް ކަމަށާއި ގެއަށް ލާރި ގެންނަނީ ކޮންތާކުންތޯ އެންމެންވެސް ވިސްނާލާ ކަމަށެވެ.
"ހިޔާނާތާ ވައްކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ އެއްވެސް ބަޔަކު ތާއީދުކުރާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން މިހާތަނަށް ޖިނާއީ ދައުވާތަކެއް ކުރި ނަމަވެސް، އެ ދައުވާތައް މެދުވެރިކޮށް ވެސް މިހާތަނަށް ދައުލަތަށް އެއްވެސް ފައިސާއެއް ހޯދިފައެއް ނުވެ އެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅުން ހުރި މަދަނީ މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައެއް ނެތެވެ.
އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އަމިއްލަ އެމްއެމްޕީއާރުސީ މައްސަލައިގައި ފަރުދުންނާއި ކުންފުނިތަކެއް ހިމެނޭ ގޮތަށް 11 ފަރާތެއްގެ ފަރާތުން ފައިސާ ހޯދުމަށް މަދަނީ ދައުވާތަކެއް ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމާއި ކޮން ބަޔަކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އަދި މި ކަމާ ގުޅޭ އެއްވެސް ތަފްސީލެއް އޭޖީ އޮފީސް އަދި އެމްއެމްޕީއާރުސީން ވެސް ހާމަކޮށްފައެއް ނެތެވެ.













