އެމްޑީޕީއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ވަކިކޮށްފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.
އިބުރޭ މިހެން ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީ އިންތިޒާމުކުރާ ފަސް މެންބަރުންގެ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އަންނަ މަހު ބާއްވާ ޕްރައިމަރީގައި އެއް ނަންބަރު ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވަނީ ނަޝީދެވެ.
ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އެމްޑީޕީއިން ވަކުކުރިކަމަށް އެމަނިކުފާނު ތުހުމަތުކުރައްވާފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން އެމަނިކުފާނުގެ ބޭބެ ޑރ. އަހުމަދު ނާޝިދު އަދި ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ އިތުރުން އަނބިކަބަލުން ލައިލާ އަލީ ވެސް ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް، ވަކިކޮށްފައި ތިބި މީހުންނޭ މި ދަންނަވަނީ، ޑޭޒީމާގޭ އަހުމަދު އައްބާސް، ހާމިދު އަބްދުލްގަފޫރު، އަޅުގަަނޑުމެންގޭ ޑރ. ނާޝިދު، ޔާގޫތުގޭ ލައިލާ. އަޅުގަނޑަކަށް ނޭނގެ މިމީސްމީހުން ކައިރީގައި ދެން ނޫނެކޭ އަންނަން ވީނުންހޭ،" ނަޝީދު ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން، އެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އިބުރޭ އިތުރަށް ވިދާޅުވީ ރޭ ނަޝީދު ވިދާޅުވި ތިން ނަމުގެ ތެރެއިން ހާމިދު ޕާޓީއިން ވަކިވީ އަމިއްލައަށް އެދިގެން ކަމަށެވެ.

"އޭނަ ޕާޓީއިން ކަނޑައިދިނުން ލަސްވާތީ ކުރީގެ އެސްޖީއަށް، ކުރީގެ ޗެއާޕާސަން ހަސަންލަތީފު ގުޅުއްވާ އިލެކްޝަނަށް ގުޅައިގެން އެކަން އަވަސްކޮށްދޭންވެސް އެދިފަ އޮތީ،" ނަޝީދުއަށް ރައްދު ދެއްވާ އިބުރޭ ވިދާޅުވި އެވެ.
މީގެއިތުރުން އިބުރޭ ވިދާޅުވީ މިދިޔަ އަހަރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމާއެކު ޕާޓީއިން ވަކިކުރީ ހަމައެކަނި ނަޝީދުއަށް ތާއީދުކުރާ، ނަޝީދުގެ އަރިސް ބޭފުޅުން ނޫން ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ އެއްބަނޑު ބޭބޭފުޅުންވެސް ކެނޑުނު ކަމަށާއި، އެބޭފުޅުން އަމިއްލައަށް ފޯމު ލައްވައިގެން ޕާާޓިއަށް ވަދެފައިވާ ކަމަށެވެ.












