ބާސެލޯނާ (ޖެނުއަރީ 1) - ސްޕެނިޝް ލީގުގައި މިރޭ އެސްޕަންޔޯލާ ދެކޮޅަށް ބާސެލޯނާ އިން 1-1 އިން އެއްވަރުވި މެޗުގެ ރެފްރީ، އެންޓޯނިއޯ މަޓޭއު ލަހޯޒް އަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ފާޑުކިޔައިފި އެވެ.
ކަޓަލޫނިއާ ޑާބީގައި އެސްޕަންޔޯލާ އެއްވަރުވި ނަމަވެސް ބާސެލޯނާ އަށް ވަނީ އަލުން އެއް ވަނަ ލިބިފަ އެވެ. އެއީ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާ އެއްވަރަށް 15 މެޗުން 38 ޕޮއިންޓް ލިބުނު ނަމަވެސް ހެޑް ޓު ހެޑްގެ ތަފާތުންނެވެ.
ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ބާސެލޯނާ އިން އެނބުރި އައިސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ހަތް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ.
މިއީ މެޗުގެ ހަތް ވަނަ މިނިޓްގައި މާކޯސް އަލޮންސޯ، ބާސެލޯނާ އަށް ޖަހައިދިން ގޯލެކެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން، ބާސެލޯނާގެ އަންދްރެއަސް ކްރިސްޓެންސަން ދިން ބޯޅަ އަލޮންސޯ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. ލީޑުފުޅާކުރަން އަލޮންސޯ ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

އެސްޕަންޔޯލް ކުޅުންތެރިއަކު ކައިރިން ބާސެލޯނާގެ ޑެމްބެލޭ ބޯޅަ ހިފައިގެންދަނީ.-
އެސްޕަންޔޯލުން އެއްވަރުކުރީ 71 ވަނަ މިނިޓްގައި ހޮސޭލޫ ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދޭން ރެފްރީ ލާހޯޒް ނިންމީ ބާސެލޯނާ އޭރިއާތެރެއިން އެ ޓީމުގެ އަލޮންސޯ، އެސްޕަންޔޯލްގެ ހޮސޭލޫ ފައި މައްޗަށް ފައިން އެރި ކަމަށް ނިންމައިފަ އެވެ.
ބާސެލޯނާ އާއި އެސްޕަންޔޯލުން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ބާސެލޯނާގެ ޖޯޑީ އަލްބާ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އެސްޕަންޔޯލްގެ ވިނީޝިއުސް ސޫޒާ އަށް ވެސް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ލާހޯޒް ވަނީ މި މެޗުގައި ޖުމްލަ 19 ކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ކޯޗު ޒަވީ އަށް ދެއްކި ކާޑު ވެސް ހިމެނެ އެވެ. މެޗަށް ފަހު ޒަވީ ބުނީ ރެފްރީ ލާހޯޒް އަތުން މެޗުގެ ކޮންޓްރޯލް ގެއްލި މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ.
"އަހަރެން ރެފްރީގެ ޝަކުވާތަކެއް ކުރަން ނެތިން. ހަގީގަތަށް ބުނަންޏާ ރެފްރީ (ލާހޯޒް) އަތުން މި މެޗުގެ ކޮންޓްރޯލް އޮތީ ގޮސްފައި. އެހެންވެ މެޗުގެ އޮއެވަރަށް ވަނީ އަސަރުކޮށްފައި،" ޒަވީ ބުންޏެވެ. "އެކަމަކު، ޖުމްލަކޮށް މި ނަތީޖާ ނުކުތީ ރެފްރީއާ ހެދިއޭ އަހަންނެއް ނުބުނާނަން. އަހަރެމެން އަމިއްލަ އަށް ގޯސްތަކެއް ހެދިގެން މޮޅުނުވެވުނީ،"
ރެފްރީ ލާހޯޒަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅުނު މެޗުގެ ރެފްރީ އެވެ. އެ މެޗުގައި ލާހޯޒް ވަނީ ޖުމްލަ އެކު، 18 ކާޑު ދައްކައިފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑުން ވަނީ 2-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. އަދި ވިޔަރެއާލުން ވަނީ 2-1 އިން ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ އެވެ.












