ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ، މިރޭ ކުޅުނު މެޗުން އެވަޓަންއާ 1-1 އިން އެއްވަރުވުމުގެ ފައިދާނަގައި، އާސެނަލުން 4-2 އިން ބްރައިޓަން ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑަކާ އެކު އަހަރު ނިންމާލައިފި އެވެ.
އާސެނަލް އެއް ވަނައިގައި އޮތީ 16 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓް ލިބިފައި އޮތް ސިޓީ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ނިއުކާސަލް އަށް ވަނީ 17 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. މިރޭ ވުލްވްސް ބަލިކުރި މެންޗެސްޓާ ޔުނައިޓެޑް ހަތަރެއްގައި އޮތީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ރިޔާދު މާރޭޒް ނެގި ހުރަހަކުން އޭރިއާތެރޭގައި ހުރެފައި، ހާލަންޑް އެއް ފަހަރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މިއީ ލީގުގައި ހާލަންޑް ޖެހި 21 ވަނަ ގޯލެވެ. މުޅި ސީޒަނުގެ ޖުމްލަ އަކީ 27 ގޯލެވެ.
އެވަޓަން އިން ވަނީ ސިޓީ އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ ބަލަމުންދިޔަ އެވަޓަން އިން އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަތުން ގެއްލުނު ބޯޅައެއް ހޯދައި، އެވަޓަންގެ އިދްރީސާ ގާނާ ގޭއި، އެ ޓީމުގެ ޑެމަރާއި ގްރޭ އަށް ދިން ބޯޅަ ހިފަައިގެންގޮސް، އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

އެވަޓަންގެ ޓާކޯސްކީ (ކ) ކައިރިން ސިޓީގެ ހާަލަންޑް ބޯޅަ ހިފައިގެންދަނީ.
ސިޓީ އަށް މޮޅުނުވެވުމުގެ ފައިދާނަގަން ނުކުތް އާސެނަލުން ވަނީ ދެ ވަނަ މިނިޓްގައި ބްރައިޓަން ކޮޅަށް ގޯލު ޖަހައި ލީޑުނަގައިފަ އެވެ. އާސެނަލަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބުކާޔޯ ސަކާ އެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް، އޭރިއާ ރޮނގުމަތިން ޖެހި މޮޅު ގޯލުން އެ ޓީމު ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ، އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ އެޑީ އެންކެޓިއޭ އެވެ. މިއީ އާސެނަލްގެ ގަބްރިއެލް މާޓިނެލީ ޖެހި ޝޮޓެއް ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒް ފައިގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައަކުން އެންކެޓިއޭ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ބްރައިޓަންގެ ޖަޕާން ވިންގް، ކައޯރޫ މިޓޯމާ ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން، ކައުންޓަ އެޓޭކެއްގައި އާސެނަލްގެ މާޓިނެލީ ވަނީ ގޯލު ޖަހައި އެ ޓީމަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ހެދި ގޯހެއްގެ ފައިދާނަގައި، ބްރައިޓަންގެ އިވާން ފާގަސަން ވަނީ ގޯލެއް ޖަހައިފަ އެވެ.
މެޗުގެ ފަހުކޮޅުގައި މިޓޯމާ ވަނީ އިތުރު ގޯލެއް ބްރައިޓަން އަށް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޯންމައުތު ދަނޑުގައި ކްރިސްޓަލް ޕެލަސް ވަނީ 2-0 އިން މޮޅުވެފަ އެވެ. ފުލަމް އިން އަމިއްލަ ދަނޑުގައި ސައުތެމްޓަން ބަލިކުރީ 2-1 އިންނެވެ.












