ބަޤަރާ ސޫރަތުގެ 235 ވަނަ އާޔަތުގައި މާތް ﷲ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ ސިފަފުޅަކީ ފާފަފުއްސަވުމާއެކު ޙަލީމްވަންތަކަމުގެ ސިފަ ލިބިވޮޑިގެންވުމެވެ. ހަމަ އެސޫރަތުގެ 263 ވަނަ އާޔަތުގައި، އެކަލާނގެ ޒާތުފުޅަށް ދެއްވާ ސިފައަކީ، މުއްސަނދިވެ ފުދިވޮޑިގެންވުމާއެކު ޙަލީމްވަންތަކަމުގެ ސިފަލިބިވޮޑިގެންވުމެވެ. އަދި ޙައްޖު ސޫރަތުގެ 59 ވަނަ އާޔަތުގައި ޢިލްމުލިބިވޮޑިގެންވުމުގެ ސިފަފުޅާއެކު ވެސް ޙަލީމްވަންތަކަމުގެ ސިފަފުޅު އެއްކުރައްވާފައިވެއެވެ. ވަރަށް ފުން ނަޒަރެއް މިކަމާމެދު ހިންގާލުން ބުއްދިވެރިއެވެ. އެއިން ކޮންމެ ސިފަފުޅަކާ ހިލްމުވެރިކަން ގުޅުވާލެވިފައިވަނީ، އެކަމަށް ވިސްނާ ފިކުރުކުރުމަށެވެ. "އެބައިމީހުން ފަހެ އެޤުރުއާނާމެދު ވިސްނާފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ އެބައިމީހުންގެ ހިތްތަކުގައި ތަޅުތަކެއްލެވިފައިވަނީހެއްޔެވެ؟" މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީކުރައްވާ މިސުވާލު އަމާޒުވަނީ މިފަދަ ކަންކަމާމެދު ވިސްނުމެއް ނެތް އިންސާނުންނަށް ނޫންތޯއެވެ؟
އާދޭހެވެ! ޙިލްމުވެރިކަމަކީ، މާތް ﷲ ގެ ސިފަފުޅެކެވެ. އިންސާނުންގެ އަޚްލާޤެއްވެސްމެއެވެ. އެހެން އެކަންވީހިނދު، "އަދި ހަމަކަށަވަރުން، ކަލޭގެފާނުވަނީ މަތިވެރި އަޚްލާޤެއްގެ މަތީގައިކަން ކަށަވަރެވެ." އެބޭކަލަކާމެދު ވަޙީކުރެއްވި އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާގެ ސީރަތުން ޙިލްމުވެރިކަމުގެ ބައެއް ނަމޫނާއަށް ބަލާލަމާހެއްޔެވެ؟
މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ އެކުވެރިންނާއެކު މިސްކިތުގައި އިންނަވަނިކޮށް، ރަށްފުށުން އައި މީހަކު އައިސް މިސްކިތުގެ އެތެރެއަށް ކުޑަކަމުދާން ފެށިއެވެ. އެހިނދު އެކަލާނގެފާނުގެ އެކުވެރީން މާތް ސަޙާބީން އޭނާ ހުއްޓުވަން މަސައްކަތްކުރައްވަން އުޅުއްވުމުން މާތް ނަބިއްޔާ އެކަން މަނާކުރައްވައި، އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވިއެވެ. އަދި އޭނާ ކުޑަކަމުގޮސް ނިމުމުން އެތަނަށް ފެން އަޅައި ތާހިރުކުރުމަށް ޞަޙާބީންނަށް އަމުރުކުރެއްވިއެވެ. އަދި އެމީހާއަށް ޙަދީޘްކުރެއްވިއެވެ. މިސްކިތްތައް ހުރީ ތިޔަފަދަ ކަންކަމަކަށް ނޫނެވެ. އެހެނެއްކަމަކު މިސްކިތްތައް ހުރީ ނަމާދުކޮށް ﷲ ގެ މަތީން ހަނދުމަކޮށް ޤުރުއާން ކިޔެވުމަށެވެ.
މާތް ނަބިއްޔާ ގަހެއްގެ ހިޔަލުގައި އަވަހާރަލައްޕަވާފައިވަނިކޮށް، ހޭފުޅުލެއްވުނުއިރު، މީހަކު އޭނާގެ ކަނޑި އުރައިން ދަމައިގަނެގެން ހުރެ ސުވާލުކުރެއެވެ. ދެން ކަލޭގެފާނު ސަލާމަތްކުރާނީ ކާކުހެއްޔެވެ؟ އިތުރު އެކަލޭގެފާނު މާތް ﷲ އޭ ހަދީޘްކުރެއްވި ގޮތުންނާއި ހައިބަތުން އޭނާ ސިހި ބިންމައްޗަށް ތިރިވިއެވެ. އިސާހިތަކު އިތުރު އެކަލޭގެފާނުގެ އެކުވެރިން އޭނާ ވަށާލިއެވެ. މާތް ނަބިއްޔާ އޭނާއަށް މާފުކުރައްވައި ދޫކޮށްލެއްވިއެވެ.
އެއްދުވަހަކު މާތް ނަބިއްޔާ ހިންގަވާފައިވާ ވަޑައިގަންނަވަނިކޮށް ރަށްފުށުން އައި މީހަކު ބާރުބާރަށް ފަހަތުން އިތުރު އެކަލާގެފާނުގެ ހެނދުންކޮޅުގައި ހިފައި ބާރު ލަތްކެއް ޖެއްސެވިއެވެ. އޭނާ ބުންޏެވެ. އޭ މުޙައްމަދެވެ! ކަލޭގެފާނުގެ އަތުގައިވާ ﷲ ގެ މުދަލުން ބައެއް ތިމަންނާއަށް ދިނުމަށް އަމުރުކުރައްވާށެވެ! އެހިނދު މާތް ނަބިއްޔާ އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ހިނިފުޅުވަރުނަކުރެއްވިއެވެ. އަދި އޭނާއަށް މުދާދެއްވުމަށް އަމުރުކުރެއްވިއެވެ.
އާދޭހެވެ! އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާއީ ޠާއިފުގެ އަހުލުވެރިން އެމީހުންގެ މޮޔައިންނާއި ކުޑަކުދިން ލައްވައި އިތުރު އެކަލޭގެފާނަށް އޮއްގަލާއި އެނޫންވެސް ތަކެތިން ހަމަލަދީ ލޭ އޮހޮރުވަމުންދިޔަ ވަގުތު، "ތިމަންގެ ޤައުމުގެ މީހުންނަށް ހިދާޔަތްދައްކަވާދޭވެ! އެބައިމީހުންނަށް ހަމަ ނޭނގެނީއެވެ" މިފަދައިން ދުޢާކުރެއްވި ޙިލްމުވެރި ނަބިއްޔާއެވެ. މައްކާ ފަތަހަވުމުން މުޝްރިކުންނަށް އަފޫކުރައްވައި ތިޔަބައިމީހުންވަނީ މިނިވަނުންގެ ގޮތުގައިކަމަށް ޙަދީޘްކުރެއްވި ސާހިބާއެވެ.
އިތުރު އެކަލާގެފާނުގެ މާތް މިސީރަތުން ނަމޫނާ ލިބިވަޑައިގެންނެވި އިހުގެ މާތް މާތް ބޭކަލުން އުޅުއްވި މަގަށް ދެން ނަޒަރެއް ދެއްވާށެވެ. އަމީރު މުޢާވިޔާއަކީ ހިލްމުވެރިކަމަށް މަޝްހޫރު ޞަޙާބީއެކެވެ. އިތުރު އެކަލޭގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު، އަބޫޖަހުމު ނަމަކަށް ކިޔުނު މީހަކު އުޅުނެވެ. މިވާހަކަ ރިވާކޮށް ނަގުލުކޮށްފައިވަނީ އަބޫޖަހުމެވެ. އަބޫޖަހުމު ބުނެއެވެ. އަމީރު މުޢާވިޔާގެ ޙިލްމުވެރިކަމުން އެކަލޭގެފާނު ބޭރުކޮށް ރުޅިއަރުވާލާނަމޭ ތިމަންގެ ހިތުގައި އަބަދުވެސް އޮވެއެވެ. އެއްދުވަހަކު މިބޭނުމުގައި އަމީރު މުޢާވިޔާގެ ދަރުބާރަށް ވަދެއްޖައީމެވެ. އަދި ވަރަށް ހަޔާތްކުޑަކޮށް ބުނެފީމެވެ. އޭ މިހިރަފެންނަ ހިންދުގެ ދަރިޔާއެވެ. އަހަރެން ކަލެޔަށް ސަލާން ގޮވާލީމާ ތިޔަފަދައިން ރައްދުދީ ހަދައި، މިހާރު ކަލޭގެ ކަންތައް މިހިސާބަށް ދިޔައީހެއްޔެވެ. ހަމަ ހުވައެވެ. އަހަރެންގެ ޒުވާން ދުވަސްވަރު ފާހިޝް ކަންކަމަށް އެދިގެން ރޭރޭގައި ނުކުމެ އުޅުންއިރު، ކަލޭގެ މަންމަ ފެނެއެވެ. ކަލޭގެ މަންމަ އަހަރެންގެ ގާތުން އެދުމުން އަހަރެން ދެކޮޅުހެދީމެވެ. މިގޮތަށް ތިމަންނާ ބުނުމުން އަމީރު މުޢާވިޔާ މަޑުމައިތިރިކަމާއެކު ވިދާޅުވިއެވެ. ތިބާ އެކަމަނާއާ ކައިވެނިކުރިނަމައެވެ. އެކަމަނާއަކީ ޢިއްފަތްތެރި ހެޔޮލަފާ ކަނބަލެއްކަމުގައިވީހެވެ. ތިބާއީ އެކަމަށް ކުފޫހަމަ މީހަކީމުއެވެ. މިގޮތަށް އަމީރު މުޢާވިޔާ ހެއްދެވުމުން ތިމަންނާއަށް ކެތްނުކުރެވި އަމީރު މުޢާވިޔާގެ ފައިދަށަށް ތިރިވެވި ފައިންފުޅުގައި ބޮސްދެވުނެވެ. ދެން ތިމަންނާ ވަކި ކޮޓަރިކޮޅަކަށް ވެއްދެވުމަށްފަހު ވިދާޅުވިއެވެ. ރަސްރަސްކަލުންގެ ރުޅިއާމެދު ސަމާލުވާށެވެ! އެބައިމީހުން ރުޅިއަންނާނީ ކުޑަކުދިންގެ ރުޅީންނެވެ. ބަދަލުހިފާނީ ސިންގާތަކުގެ ބަދަލުހިފުމަކުންނެވެ. އެއަށްފަހު ތިރީސްހާސް ދިރުހަމާއި ތިން އަޅުން ތިމަންނާއަށް ދެއްވިއެވެ.
މަތިވެރި ޚަލީފާ ޢުމަރު ބުން ޢަބްދުލްޢަޒީޒް ރޭގަނޑުގެ އަނދިރީގައި މިސްކިތަކަށް ވެދެވަޑައިގަތެވެ. އަދި މިސްކިތުގައި ނިދިފައި އޮތް މީހެއްގެ ގައިގައި ޖެހެވުނެވެ. އެމީހާ ބޯ ހިއްލާލާފައި ކަލޭތީ މޮޔައެއްހެއްޔޭ ބުންޏެވެ. އިތުރު އެކަލާގެފާނު ނޫނެކޭ ވިދާޅުވިއެވެ. އެހިނދު ޚަލީފާގެ އަރިހުގައި ހުރި ފުލުސް މީހާ އެމީހާގެ ގައިގައި ޖެހުމަށް އުޅުމުން އެކަލޭގެފާނު އެކަން މަނާކުރައްވާފައި ވިދާޅުވިއެވެ. އޭނާ ކުރީ ސުވާލެކެވެ. އަހަރެން ނޫނެކޭ ބުނެ ޖަވާބުދީފީމެވެ.
މާތް ޞަޙާބީ އަޙްނަފް ބިން ޤައިސްގެ އަރިހަށް މީހަކު އައިސް އެއްޗެހި ކިޔާލަ ކިޔާލަ ހުއްޓެވެ. ހެދުނު އައި މީހާ މެންދުރު ވަންދެންނެވެ. އަޙްނަފް ބިން ޤައިސް އެމީހާއަށް ހަމަ އެއްވެސް ރައްދެއް ނުދެއްވާ ހުންނެވިއެވެ. އަދި މެންދުރު ކާގަޑިޖެހުމުން އަޙްނަފް ބިން ޤައިސް އެމީހާއާ ދިމާއަށް ބުންޏެވެ. އަހަރެމެންނާއެކު ކެއުމުގައި ބައިވެރިވާން އަންނާށެވެ.
ޙިލްމުވެރިކަމަކީ ނަފުސު ހިފަހައްޓާ އޮބަހެއްޓުމެވެ. ރުޅިއައުމުން ދުރުވެގަތުމެވެ. ނުބައިކަމުގެ ބަދަލުގައި ހެޔޮކަން ގެނެސްގަތުމެވެ. ނަމަވެސް އޭގެ މާނައަކީ ނިކަމެތިކަމާއި ދަށްވެގަތުމަށް ރުހިގެން ހުރުމެއް ނޫނެވެ. އެކަމަކު އެއީ މީސްތަކުންނަށް އެއްޗެހި ގޮވުމުން ދުރުވެގަތުމެވެ. އަދި މީސްތަކުންނަށް އެއްޗެހިކިޔުމާއި އެމީހުންގެ އައިބުތަކުން ތިމާގެ ނަފުސު ދުރުކޮށްގެން ހުރުމެވެ. އަމީރު މުޢާވިޔާ އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތުގައިވެއެވެ. އޭ ދަރިފުޅާއެވެ. މާފުކޮށްފި މީހާއަށް ވެރިކަން ލިބެއެވެ. ހިލްމުވެރިވެއްޖެ މީހާއަށް ބޮޑުކަން ލިބެއެވެ. މީސްތަކުންގެ އައިބުތަކަށް ނުބަލާ މީހާއާ ދިމާއަށް ހިތްތައް ލެނބެއެވެ.
ހިތަށް އަރާފާނެ ސުވާލަކީ، މަތީގައި އޮތް ސުރުހީއާއި މިލިޔުމުގައި ހުރި ވާހަކަތަކާ ދެމެދު އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ ވިދާޅުވާށެވެ. އިސްވެ ދިޔަ ނަމޫނާ ވާހަކަތަކުން ދަސްކުރާންވީ ހިލްމުވެރިކަމެވެ. ފެށުމުގައި އޮތް ތިން އާޔަތުގައި ހިލްމުވެރިކަން ގުޅުވާފައިވަނީ ތިން ސިފައަކާއެވެ. މާފުކުރުމާއި މުއްސަނދިކަމާއި އިލްމުވެރިކަމާއެވެ. މިއިން އެއްވެސް ސިފައަކީ ހިލްމުވެރިކަމާ ނުލައި އޭގެ ބާރުވެރިކަން އިންސާނާއަށް ލިބިގަނެވޭނެ ސިފަތަކެއް ނޫނެވެ. އާދޭހެވެ. ބާރުވެރިކަން ދެމެހެއްޓުމާއި ހައިބަތު ނެގެހެއްޓުމުގައި ހިލްމުވެރިކަމަށްވުރެ އަގުބޮޑު އެހެން ސިފައަކީ ކޮބާތޯއެވެ؟








