"ފިކުރެއްގެ ދިރުން" މި ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރު އަލުން ވެރިކަމަށް ގެނައުމަށް ޓަކައި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ސަލްޓަން ޕާކްގައި ނަޝީދު ދެއްކެވީ ވެސް އަލުން ވެރިކަން ހޯއްދަވަން އެމަނިކުފާނު ނުކުންނަވަން ޖެހުނު ސަބަބުތަކެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދު އެ ސަބަބަކަށް ދެއްކެވީ ވެސް އެ ޕާޓީގެ ދެވަނަ ސަރުކާރުގައި އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ބައްޓަން ކުރެއްވި ގޮތެވެ. އޭގެ ސަބަބުން ޕާޓީގެ ސަޕޯޓަރުންގެ ތާއީދު ކުޑަވެ، ރައީސާއެކު އެމްޑީޕީއަށް ލިބޭނެ ވޯޓު މަދުވާނެ ކަމަށް ގަބޫލުކުރެވުމެވެ.
އެއަށްފަހު އެމްޑީޕީގެ މެންބަރުން އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ ފަހަރަކު ވައުދެއް ވިދާޅުވާން ފެއްޓެވި އެވެ. އޭގައި އޮތް ވިސްނުމާއި ސިޔާސަތު ކިޔައިދެއްވި އެވެ. އެކަމަކު، ސަރުކާރު ހިންގަނީ އެމްޑީޕީގެ ވިސްނުމާ މާ ބޮޑަށް ވެސް ދުރަށެވެ. އެމްޑީޕީގެ ވިސްނުންތަކަށް "ރިއެކްޓްއެއް" ނެތް ކަމަށެވެ.
ހިޔާނާތްތެރިވާ މީހުންގެ މައްސަލަތައް ނުބެެލެ އެވެ. ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ނުހޯދެ އެވެ. ތަހުގީގު ނުހިނގަ އެވެ. ގިނަ ބައިވެރިންނަށް ދައުވާއެއް ނުކުރެ އެވެ. ދައުވާ ކުރިއްޔާ ޝަރީއަތެއް ނުހިނގަ އެވެ. މިއިން އެއްވެސް ކަމެއް "ނުވީ" އެވެ.
މަސް ގަތުން ބާޒާރަށް ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރު ކުންފުނީގެ މަސްފެކްޓަރީގެ ކެޕޭސިޓީ ބޮޑުކުރަން އުޅެއުޅެ އެ ކަން ވެސް ނުވެ މަސްވެރިންނަށް ވައުދުވި "ގޭދޮށު މަސް ފެކްޓަރީ" ވެސް ކުރިއަކަށް ވެސް ނުދެ އެވެ. އެއިން އެއްވެސް ކަމެއް "ނުވީ" އެވެ.

ރައީސް ނަޝީދުގެ ސަރުކާރާއި، ކުރީގެ ސަރުކާރުތަކުގައި ވެސް ރަށްރަށުގައި ހިއްކާފައިވާ ބިންތައް ބެލުމަށް ފަހު ބިން އޮތުމުން ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ބިންތަކުން ގޯތި ކަނޑާފައި ދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔުނެވެ. އެއިން އެއްވެސް ކަމެއް "ނުވީ" އެވެ.
"މިއިން އެއްވެސް ކަމެއް ނުވި، ހަމަ ނުވި، [ރައީސް ސޯލިހް] ރިއެކްޓެއް ނުކުރެއްވި،" އެ ތަނަށް ޖަމާވެ ތިބި ސަޕޯޓަރުން ފޯރިދެމުން ދިޔަ ވަރަކަށް ސަރުކާރަށް މަލާމާތުގެ ރާގަކުން ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހު އާންމު ދިރިއުޅުމުގައި ކަންކަމާ ރިއެކްޓް ނުކުރައްވައި, އޮންނަވާނީ ކަމަށް ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ނަޝީދުގެ ދެބެންގެދެރި ފަޒުނާ އަހުމަދެވެ. ނަޝީދުގެ މަލާމަތް ގުޅުވީ އެކަމަށެވެ.
"ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް، އެއް ދަންފަޅީގެ މަދަރުސާތަކަށް ވެސް ނެތޭ ރިއެކްޝަނެއް،" ނަޝީދު ސަރުކާރަށް މަލާމާތްކުރެއްވުން ކުރިއަށް ގެންދެވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ނެރުނު މެނިފެސްޓޯގައި ލާމަރުކަޒީ ނިޒާމަކުން ރަށްރަށަށް ބާރުތައް ދީގެން ވިޔަފާރިތައް އަލާކުރެވޭނެ އެތައް ގޮތެއް ލިޔުނެވެ. އައްޑުއާއި، ތިނަދުއާއި ކުޅުދުއްފުށި ފަދަ އާބާދީ ބޮޑެތި ރަށްރަށުގައި އިގުތިސޯދީ ބޮޑެތި ހަރަކާތްތައް ހިންގާނެ ގޮތްތައް ލިޔެފައި އޮތެވެ.
"... އެހެން ނަމަވެސް [ރައީސް ސޯލިހަށް] ރިއެކްޓެއް ނުކުރެއްވުނު.." ނަޝީދު ވިދާޅުވި އެވެ.

މި ހުރިހާ ވައުދުތަކެއް އޮއްވައި، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ބޮޑު ވައުދަކަށް އޮތީ އަދި މާ ފަސޭހައިން ވެސް ކުރެވެން އޮތް ކަމެކެވެ. އެއީ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި މެނިފެސްޓޯގައި، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ލިޔެފައި އޮތް ވައުދެވެ.
"އެމްޑީޕީގެ މެންބަރުން އަބަދުވެސް ބޭނުންވީ ހާމަކަންބޮޑު ގޮތެއްގައި ސަރުކާރު ހިންގުން، އެއީ މަޖިލީހުގައި ވަޒީރު ބޭފުޅާއާއި އޭނައަށް ފާރަވެރިވާނެ ހިޔަނި ވަޒީރު ވެސް ހުރުން، އެއީ ބަރުލަމާނީ ނިޒާމު، އަދި ރައީސް ސޯލިހު ވެސް އެތައް އިންޓަވިއުތަކެއްގައި ވީދާޅުވަމުން ގެންދެވީ އެ ވާހަކަ،" ނަޝީދު ހަނދުމަކޮށްދެއްވި އެވެ.
އެކަމަކު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، "ރިއެކްޓެއް ނުކުރެއްވި،" ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ނަޝީދު ވިދާޅުވީ ސާރުކާރުން ބާރު ފޯރުވުމަށާއި ވަޒީފާތައް ދީގެން ކާމިޔާބުކުރަން ހޯދަން އުޅުނަސް އެއީ ރައީސް ސޯލިހް ދެއްވި ވަޒީފާއެއް ގޮތުގައި އެ މެންބަރުން ނުދެކޭނެ ކަމަށެވެ.
"އެއީ މިއިން އެތައް ބަޔަކު، މަގުމައްޗަށް ނުކުމެ، ކަރުނަ ގޭހުގައި، އުޅެގެން، އެތައް ގުރުބާނީއެއް ވެގެން، މި ގެނައި ސަރުކާރުން ދިން ވަޒީފާއެއް، އެއިން މީހެއްގެ އާއިލާ މީހަކު ވެސް، ރައީސް ސޯލިހަށް ވޯޓެއް ނުދެއްވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާއިރު އެމްޑީޕީ އޮތީ އެ ދެ ފެކްޝަނަށް ބެހިފަ އެވެ. އަދި ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެ، ބަހުގެ ގިނަ ހަމަލާތަކެއް ވެސް އެކަކު އަނެކަކަށް ރައްދު ކުރަމުންނެވެ.
ނަޝީދުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކަށް އޮތީ ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ސޯލިހު ދެކޮޅު ހެއްދެވުމެވެ. މިއަދު ރައީސް ވިދާޅުވި ގޮތުގައި، ހިޔާލުތަފާތުވުމުގެ މައިގަނޑު ސަބަބަކީ ނަޝީދު ވެރިކަން ބޭންވުމާއި، އެ މަގާމުގައި މި ވަގުތު ރައީސް ސޯލިހް ހުންނެވުމެވެ.












