އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން މަޖުބޫރުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބޭނެ ވޯޓު މަދުވެދާނެ ކަން ސާފުވުމުން ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"ފިކުރެއްގެ ދިރުން" ޝިއާރުގައި، ސަލްޓަން ޕާކްގައި ނަޝީދުގެ ސަޕޯޓަރުންނާއެކު ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މި އަހަރު ކޯލިޝަންގެ އިހުތިޔާރު ނެތް ކަމަށެވެ. އެމްޑީޕީއާއެކު އޮތް މި ސަރުކާރުގައި ދެން ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް ވާދަކުރާނެ ކަމަށެވެ.
އެ ހާލަތުގައި އެމްޑީޕީއަށް އޮންނާނެ އިހުތިޔާރަކީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ރައީސް ސޯލިހު "ގިނިކަންޏާ" ނުކުމެއްޖެނަމަ، ދެވަނަ ބުރަށް ދާނެ ވަރަށް އެމަނިކުފާނަށް ވޯޓު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަމިއްލައަށް މި ޕާޓީން 39،000 މެންބަރުން އެއްކައިރިކޮށްފި، ހަމައެކަނި މި އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރަން ވެގެން، އަދި އެމްޑީޕީގެ ވިސްނުމާ މި ސަރުކާރު މާ ބޮޑަށް ދުރުވުމުން ސަޕޯޓަރުން މާޔޫސްވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވީ މިހާތަނަށް ވެސް ކޯލިޝަނެއްގެ ތާއީދެއް ނެތި، އަލަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް 20 އިންސައްތައަށް ވުރެ އިތުރަށް ވޯޓެއް ހޯދިފައި ނެތް ކަމަށެވެ. އެހެންވީތީ އެމްޑީޕީއަށް ލިބޭނެ ވޯޓު ރައީސްއާއެކު މަދުވާނެ ކަމަށެވެ.

"ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރު ވުޒާރާތަކާއި، ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ބަޔަކު ރައީސް ސޯލިހަށް ތާއީދުކުރި ނަމަވެސް އެ މީހުންގެ އާއިލާ މީހުންގެ ތާއީދު ވެސް ނުލިބޭނެ." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފްތަރުގައި އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ނެތް މެންބަރުން ޕާޓީން "ގަނޑުކޮށް" ވަކިކުރުމުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ އަތުން ޕާޓީ ގެއްލުނު ކަމުގައި ނަޝީދު ސިފަކުރެއްވި އެވެ.
"އަޅުގަނޑު މި ޕްރައިމަރީއަށް މި ނުކުތީ ތިޔަ ރައްޔިތުންނަށް މި ޕާޓީ އަލުން އަނބުރާ ރައްދުކޮށްދޭނެ، އެމްޑީޕީގެ މިލްކުވެރި ފަރާތަކީ މި ޕާޓީގެ ތިޔަ އިއްޒަތްތެރި މެންބަރުން، މި ޕާޓީގެ ފިކުރު ގަބޫލުކުރާ، މި ޕާޓީގެ ސަޕޯޓަރުން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ޕާޓީން ވަކިކުރި މެންބަރުންގެ ތެރެއިން ޕާޓީއަށް އަލުން އިޔާދަވީ 5،000 އެއްހާ މެންބަރުންނެވެ. އަދި 20،000 އަށް ވުރެ ގިނަ މެންބަރުން ތިބީ އެހެން ޕާޓީތަކުގަ އެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާއިރު އެމްޑީޕީ އޮތީ އެ ދެ ފެކްޝަނަށް ބެހިފަ އެވެ. އަދި ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެ، ބަހުގެ ގިނަ ހަމަލާތަކެއް ވެސް އެކަކު އަނެކަކަށް ރައްދު ކުރަމުންނެވެ.
ނަޝީދުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކަށް އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ސޯލިހު ދެކޮޅު ހެއްދެވުމެވެ. މިއަދު ރައީސް ވިދާޅުވި ގޮތުގައި، ހިޔާލުތަފާތުވުމުގެ މައިގަނޑު ސަބަބަކީ ނަޝީދު ވެރިކަން ބޭންވުމާއި، އެ މަގާމުގައި މި ވަގުތު ރައީސް ސޯލިހް ހުންނެވުމެވެ.













