ގާނޫނީ ދާއިރާގައި ބޭނުންކޮށްއުޅޭ ބަހުރުވައަކީ ދިވެހި ބަހުގެ އާންމު ބަހުރުވަތަކާ ތަފާތު ބަހުރުވައެކެވެ. ބައެއް ފަހަރު މުޅީން އެހެން ބަހެކޭ ހީވާ ވަރަށް ތަފާތެވެ. ރިއާޔަތްކުރުމާއި، ނަޒަރުކުރުމާއި، ގަޒިއްޔާއާއި، ދެންފަހެ، ފަދަ ބަސްތަކަކީ ބަޔަކު އާންމުކޮށް މޮށެ އުޅުމުގައި ބޭނުންކުރާނޭ ބަސްތަކެއް ނޫނެވެ. ކޯޓުތަކުގެ ލިޔުންތަކަށް ތިރިކުރެވޭ މިފަދަ ބައެއް ލަފުޒުތަކަކީ އާންމުންގެ މެދުގައި ރަނގަޅު ސަކަރާތަކަށް ބައެއް ފަހަރު ވެ އެވެ.
މި ދެދުވަހަކު މާގިނައިން އަޑުއިވޭ ބަހަކީ 'ސަބަބުވެރި އިންސާނާ' އެވެ. އިއްޔެ މައްސަލައަކާ ހަވާލުވާން އެދި ގުޅި މީހާ ބުނީ އަގެއް ކިޔުމުގައި ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނުމަށްފަހު އަގެއް ކިޔުމަށެވެ. ކޮފީއަކަށް ދާން ގުޅި މީހާ ބުނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ރެސްޓޯރަންޓުގެ އަގުތައް މާބޮޑު ކަމަށެވެ. ޕީޕީއެމްގެ އެކްޓިވިސްޓުން ބުނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ރައީސް ޔާމީން މައްސަލައިގައި ރިޕޯޓު ދޫކުރުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ.
މި ސަބަބުވެރި އިންސާނާގެ ވާހަކަ މާގިނައިން އަޑުއިވޭތީ މި މީހަކު ހޯދާލާ ހިތް ވެއްޖެ އެވެ. މިއީ ކިހިނެއް އުފެދުނު ބަހެއްތޯއާއި، ކިހާ ގިނައިން ބޭނުންކުރާ ބަހެއްތޯ ބަލާލާ ހިތް ވެއްޖެ އެވެ.
ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ކޯޓުތަކުގެ އަޑުއެހުންތަކަށް ވަދެ އުޅޭ ނޫސްވެރިންނަށް މިއީ އައު ބަހަކަށް ނުވާނެ އެވެ. މި ދެދުވަހަކު މިބަސް މާ އާންމު ވެގެން މިއުޅެނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރި ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ މި ބަސް ތަކުރާރުކޮށް ބޭނުންކުރެއްވުމުންނެވެ. އެކައުންޓަށް ފައިސާ ޖަމާވި އަދަދާއި، ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި މީހާ ފައިސާ ގުނި ގޮތާއި، ތަހުގީގުގައި ހަނު ހުރި ހުރުން އެއީ 'ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު' ގަބޫލުކުރެވޭ ކަންކަމެއް ނޫންކަމަށް ހުކުމުގައި ބުނެފައި އޮވެ އެވެ.
ބަސް ބޭނުންކޮށްފައި ގޮތަށާއި، ހާލަތަށް ބަލާއިރު، ކޯޓުން އެ ކުރައްވާކަމަކީ އިނގިރޭސި ބަހުގައި އެ ކިޔާ 'ރީޒަނަބްލް ޕަރސަން' މި އިބާރާތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމެވެ. ފަސޭހަކޮށް، ނިކަން އަވަހަށް ނަޒަރު ހިންގާލާއިރު، ރީޒަން އަކީ ސަބަބެވެ. ޕަރސަން އަކީ އިންސާނާ އެވެ. އެހެންވީމާ ދެބަސް އެކުގައި ތަރުޖަމާކޮށް، 'ސަބަބުވެރި އިންސާނާ' ގެ ނަމުގައި ބަހެއް އުފަން ކުރީ އެވެ. އެހެންނަމަވެސް، އިނގިރޭސި ބަހުގައި ރީޒަންއާ ރީޒަނަބްލް މީ ބަހުގެ ގޮތުން ތަފާތު ދެ މާނައެއް އޮތް ދެ ބަހެކެވެ. ރީޒަނަބްލް މި ބަހުގެ އަވަސް ތަރުޖަމާ އަކަށް ވާނީ 'ހަމަޖެހޭ' އެވެ.
ޔާމީންގެ މައްސަލައިގެ ހުކުމާ ހަމައިން ތިލަވެގެން އުޅޭ 'މި އިންސާނެއްގެ ވާހަކަ' އެންމެ ދުރަށް ފެންނާން އޮތީ 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމެވި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމްއެމްއައި ބަންބޫ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގަ އެވެ. އެހެންނަމަވެސް އެ ގަޒިއްޔާގައި ވެސް ބޭނުންކޮށްފައި އޮތް އިބާރާތަކީ 'މަޢުޤޫލު މީހެއް' މި އިބާރާތެވެ. ހަމަ ރީޒަނަބްލް ޕަރސަންގެ މާނައިގަ އެވެ. معقول އަކީ އަރަބި ލަފުޒެކެވެ. މާނައަކީ ސިނކުޑި ހަމަޖެހޭ/ވިސްނޭ މީހާ އެވެ.
އެ ގަޒިއްޔާ ނިންމި ފަހުން 'ރީސަނަބްލް ޕަރސަން' އަށް ކޯޓުތަކުން ބޭނުންކުރަމުން ގެންދިޔައީ 'މަޢުޤޫލު މީހެއް' މި އިބާރާތެވެ. އެހެންނަމަވެސް، 2015 ވަނަ އަހަރު، ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށިއިރު، އެ ގާނޫނުގައި 'ރީޒަނަބްލް ޕަރސަން' މި މާނައިގައި ބޭނުންކޮށްފައި އޮތީ 'ސަބަބުވެރި އިންސާނާ' އެވެ. ގާނޫނުލްއުގޫބާތުގެ 17 ވަނަ މާއްދާގެ 111 ވަނަ ނަންބަރުގައި އޮތީ '..."އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.' މިހެންނެވެ.
ގާނޫނުލްއުގޫބާތުގައި މި އިބާރާތް ހިމެނި ހިސާބުން، ދިވެހިރާއްޖޭގެ ގާނޫނީ ބަހުރުވައިގައި މި ބަސް ރަސްމީވެގެން ދިޔައީ އެވެ. އޭގެ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓުން ނިންމި ކިތަންމެ ގަޒިއްޔާއެއްގައި މި އިބާރާތް މިގޮތަށް ބޭނުންކޮށްފައި އޮވެ އެވެ. ގާނޫނުލް އުގޫބާތުގައި 'ސަބަބުވެރި އިންސާނާ' މި ބަސް ހިމަނާފައި އޮތީ އެހެން އިބާރާތެއް މާނަކޮށްދިނުމަށެވެ. 'ސަބަބުވެރި އިންސާނާ' ގެ މާނައެއް ބުނެދީފައެއް ނުވެ އެވެ. އެ އުނިކަން ފޫބެއްދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހުމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގަ އެވެ. އެ ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 36 ވަނަ ނުކުތާގައި އޮތީ '...ސަބަބުވެރި މީހަކީ އެކަށީގެންވާ ބުއްދީގެ ހަމަތަކަށް ވިސްނައި، އެމީހެއްގެ ބަހާއި އަމަލު ބުއްދީގެ ހަމަތަކުން ވަޒަންކުރުމުން ދެކޮޅުޖެހޭ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބުރަވެ ކަންކުރާމީހާ އެވެ.' މިހެންނެވެ.
ކޮންމެޔަކަސް، 'ސަބަބުވެރި އިންސާނާ' މި ބަސް މިއޮތީ ރާއްޖޭގެ ގާނޫނީ ބަހުރުވައިގެ ރަދީފުން ޖާގަ ހޯދާފަ އެވެ. މިހާރު މި ލަފުޒުގެ އޮއެވަރު ހުރިގޮތަށް ބަލާއިރު އާންމު ބަހުރުވައިގެ ތެރެއިން ޖާގަ ހޯދުމަކީ ވެސް ދުރުކަމެއް ނޫނެވެ.








