ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލިވަޕޫލުން ރަށުންބޭރުގައި 3-1 އިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައި ގަދަ ހަތަރެއްގެ ރޭހުގައި ދެމި އޮންނަން މުހިންމު މޮޅެއް ހޯދައިފި އެވެ.
ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 15 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ މިރޭ ލެސްޓާ ސިޓީ ދަނޑުގައި 3-0 އިން މޮޅުވެ، 16 މެޗުން 33 ޕޮއިންޓް ހަމަކޮށްފައިވާ ނިއުކާސަލް ޔުނައިޓެޑް އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އޮތީ 15 މެޗުން 32 ޕޮއިންޓާ އެކު އެވެ. ސިޓީން ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ލީޑްސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ބުކާޔޯ ސަކާ ޖެހި ގޯލެއް ވަނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އާސެނަލުން ކުޅެމުން ދަނިކޮށް، ވެސްޓް ހޭމް އިން ވަނީ މެޗުގެ 27 ވަނަ މިނިޓްގައި ސައީދު ބެންރާމާގެ ގޯލުން ލީޑުނަގައިފަ އެވެ. މިއީ ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން އަށް އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލަށް ޕެނަލްޓީއެއް ދޭން ވެސް ރެފްރީ މައިކަލް އޮލިވާ ދެއްކި އެވެ. އެކަމަކު، ވީއޭއާރް އިން ބެލިއިރު، ބޯޅަ ޖެހުނީ ވެސްޓް ހޭމްގެ ޑިފެންޑަރު އާރޮން ކްރެސްވެލް ބޮލުގައި ޖެހުމަށް ކަމަށް ވުމުން ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ.
އާސެނަލުން ދެ ވަނަ ހާފަށް ކުޅެން ނުކުމެ، ތަފާތު ރޫހެއްގައި ކުޅެލި އެވެ. އެ ޓީމުން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އާސެނަލަށް މެޗުގެ 53 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ސަކާ އެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޖެހި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ސަކާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަމަށް ވައްދާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، އޭރިއާތެރެއިން އާސެނަލްގެ ގަބްރިއެލް މާޓިނެލީ ވަނީ ހަނި އޭންގަލުން ގޯލެއް ޖަހައި، އާސެނަލަށް ލީޑުނަގައިދީފަ އެވެ.
މެޗުގައި އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ 69 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ އެވެ. އާސެނަލްގެ އެއް ވަނަ ފޯވާޑް، ގަބްރިއެލް ޖީސޫސް އަނިޔާގައި ހުރުމުން އެންކެޓިއޭ އަށް ފުރަތަމަ އެގާރައިން ފުރުސަތު ޔަގީންވެފައިވާއިރު، އޭނާ މިރޭ ޖެހީ މޮޅު ގޯލެކެވެ. އޮޑެގާޑް ދިން ބޯޅަ ފޮނުވާލަން ޖާގަ ހޯދުމަށް ފަހު، އެންކެޓިއޭ ވަނީ ތިރިތިރިން ގޯލުގެ ދުުރު ކަނަށް ފޮނުވާލައިފަ އެވެ.
މިއީ އާސެނަލުން ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި މޮޅުވެފަ އެވެ.

ލިވަޕޫލްގެ ސަލާހު (ވ) އަތުން ބޯޅަ ހޯދަން އެސްޓަން ވިލާގެ ޔަންގް ޓެކަލް ކުރަނީ.
އެސްޓަން ވިލާ ދަނޑުގައި ލިވަޕޫލުން ވަނީ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން މުހައްމަދު ސަލާހު ޖެހި ގޯލެކެވެ. މިއީ ރޮބަޓްސަން، ޕްރިމިއާ ލީގުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން 54 ވަނަ ފަހަރެވެ. މިއާ އެކު، ޕްރިމިއާ ލީގުގެ އެސިސްޓް ރެކޯޑް މި ވަނީ ރޮބަޓްސަން އަށް ލިބިފަ އެވެ.
ލިވަޕޫލަށް މެޗުގެ 37 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިިދިނީ ވާޖިލް ވެން ޑައިކް އެވެ. މިއީ ކޯނަރެއްގައި އެސްޓަން ވިލާ އޭރިއާތެރެއިން ސަލާހު ދިން ބޯޅައަކުން ވެން ޑައިކް ޖެހި ގޯލެކެވެ. މި މެޗުގައި ވެސް ލިވަޕޫލްގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
މި މެޗުގައި އެސްޓަން ވިލާ އިން ގޯލު ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމުގެ އޮލީ ވަޓްކިންސް ޖެހި ގޯލެއް ވަނީ ވީއޭއާރް އިން ކެންސަލްކޮށްފަ އެވެ. އެކަމަކު، މެޗުގެ 59 ވަނަ މިނިޓްގައި ވަޓްކިންސް ވަނީ ޑަގްލަސް ލުއީޒް ނެގި ހުރަަހަކުން ބޮލުން ގޯލެއް ޖަހައިފަ އެވެ.
ލިވަޕޫލަށް ޕްރެޝަރު ކަނޑުވާލައިދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި 18 އަހަރުގެ ސްޕެއިން މިޑްފީލްޑަރު، ސްޓެފަން ބަޖެޓިޗް އެވެ. އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅަ ބަޖެޓިޗް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބަޖެޓިޗް އަކީ ސެސް ފަބްރެގަސް އަށް ފަހު، ޕްރިމިއާ ލީގުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ލީގުގެ ހަ ވަނައިގައި ލިވަޕޫލް އޮތީ 15 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިރޭ ނިއުކާސަލް އިން ލެސްޓާ ބަލިކުރިއިރު ގޯލުތައް ޖެހީ ކްރިސް ވުޑް، މިގޭލް އަލްމިރޯން އަދި ޖޯލިންޓަން އެވެ. ދެ ކުުޅުންތެރިން މަދުކޮށް މެޗު ނިންމާލި ކްރިސްޓަލް ޕެލަސް އަތުން ފުލަމް ވަނީ 3-0 އިން މޮޅުވެފަ އެވެ. ފުލަމްގެ ގޯލުތައް ޖެހީ ބޮބީ ޑިކޯޑޯވާ ރީޑް އާއި ޓީމް ރީމް އަދި އަލެކްސަންޑަ މިޓްރޮވިޗް އެވެ.
ހުލެން ލޮޕެޓެގީގެ ކޯޗުކަމުގައި ވުލްވްސް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަހު ވަގުތު ރަޔާން އަޔަތު-ނޫރީ ޖެހި ގޯލުން 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ޔެރީ މިނާގެ ގޯލުން އެވަޓަން ލީޑު ނެގި މި މެޗުގައި ވުލްވްސް އަށް އެއްވަރުކޮށްދިނީ ޑެނިއަލް ޕޮޑެންސް އެވެ. ސައުތެމްޓަން ދަނޑުގައި ބްރައިޓަން ވަނީ 3-1 އިން މޮޅުވެފަ އެވެ. އެޑަމް ލަލާނާ އާއި ސޮލީ މާޗްގެ އިތުރުން ދެން، ބްރައިޓަން ޖެހި ގޯލަކީ ސައުތެމްޓަންގެ ރޮމޭން ޕެރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސައުތެމްޓަންގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން ޖޭމްސް ވޯޑް-ޕްރައުސް އެވެ.












