ރިޕޯޓުރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނީތަ؟

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނީތަ؟

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުން ކަމުގައި ޕީޕީއެމުން ދެކޭ. އެހެންނަމަވެސް މި ރިޕޯޓަށް ވާހަކަ ދެއްކެވި ގިނަ ގާނޫނީ ވަކީލުންގެ ހިޔާލު ތަފާތު.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނީތަ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭނުންކުރި އެންމެ ބޮޑު ކާޑަކީ ކޮރަޕްޝަނެވެ. އޭރު އެފަދަ އެތައް މައްސަލައެއް ފަންމަތިވީތީ އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެވެ. އެ ކަން ފެންމަތިކުރީ ވެސް އޮޑިޓަ ޖެނެރަލް އެވެ.

ފަހުގެ ތާރީހެއްގެ ހިނގި އެންމެ ބޮޑު ހިޔާނާތުގައި ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެ އެވެ. ބައެއް ރަށްރަށުގެ މުއާލާމާތުގެ މައްސަލަ ތަހުގީގުކޮށް ޔާމީންގެ މައްޗަށް ވެސް ދަނީ ދައުވާތަކެއް ކުރެވެމުންނެވެ. އެއް ބަޔެއްގެ ނަޒަރުގައި އެއީ ސައްހަ ދައުވާތަކެކެވެ. ޔާމީން ލީޑްކުރާ ޕާޓީއާއި އެމަނިކުފާނުގެ ސަޕޯޓަރުން ދެކެނީ އެއީ "ސިޔާސީ" ދައުވާތަކެއްގެ ގޮތުގަ އެވެ.

ކޮންމެއަކަސް އެއިން އެއް މައްސަލައެއް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މި ވަނީ ހުކުމްކޮށްފަ އެވެ. އާރަށު ހިޔާނާތުގެ މައްސަލާގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، ރ.ފުއްގިރި ކުއްޔަށްދިން މައްސަލައިގައިވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ޖިނާއީ މައްސަލައެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ގާނޫނު އަސާސީގައި އޮންނަ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ޔާމީންގެ ކިބައިން އުނިވެ އެވެ. އެކަމަކު، ޕާޓީގެ އިސް ބަޔަކު ދެކޭ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސް އެމަނިކުފާނަށް ނުގެއްލެ އެވެ.

ތޯރިގުގެ ބަޔާނެއް؛ "ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަން ޖެހޭ"

ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގެންދެވީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ޖަލްސާތައް ބާއްވަމުންނެވެ. އަދި ވައުދުތައް ވެސް ހުށަހަޅުއްވަމުންނެވެ. މިހާރު އޮތް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި، އެމަނިކުފާނަށް ކުރާ ދައުވާތަކަށް ހުކުމް އިއްވުމަށް ހަމަޖެހުމާއެކު، ޔާމީން ވަނީ ޕާޓީގެ އިސް މީހުނާ ބައްދަލުކޮށްފަ އެވެ. އަދި ހުކުމް އަޔަސް ވާދަކުރެވިދާނެތޯ ސާފުކުރަން މަޝްވަރާތަކެއް ކުރި އެވެ.

އެ މަޝްވަރާތަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، މެންބަރުންނަށް ލިބިދޭ ބާރުގެ ދަށުން، މަޖިލީހުގެ އިދާރާގެ ނިޝާނާއެކު ނެރުއްވާފައިވާ ބަޔާނެކެވެ.

ތޯރިގު ވިދާޅުވާ ގޮތުން، ކްރިމިނަލް ކޯޓުން ހުކުމް އިއްވިޔަސް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ކުރަން ދެން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް އޮންނާނެ އެވެ. އަދި ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ހާލަތެއްގައި ގޮތް ނިންމުމުގެ ބާރު ވެސް ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ދީފައި އޮންނަ ކަން ވެސް ތޯރިގު ފާހަގަ ކުރެއްވި އެވެ.

ތޯރިގުގެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން ދެއްކެވި މިސާލަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ. އެ މައްސަލައިގައި އިސްމާއީލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމެއް ކުރި އެވެ. އެ ހުކުމް ކުރުމުން އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުން ނިހާއީ ހުކުމެއް ކުރުމާ ހަމައަށް އޭނާގެ މެންބަރު ކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ގާނޫނީ ހަމައަކީ މިއީ؛ ހުކުމް އޮތްހާ ހިނދަކު ކުރިމަތިނުލެވޭނެ!

އާންމުކޮށް ހުކުމްތަކުގެ ނިޒާމު ހިނގަނީ މި ގޮތަށެވެ. ކޯޓަކުން ހުކުމް ކުރުމުން ވަގުތުން ތަންފީޒުކުރަން ފަށާނެ އެވެ. މަތީ މަރުހަލާގެ ކޯޓަކަށް މައްސަލަ އިސްތިއުނާފްކުރިޔަސް، ހުކުމް ތަންފީޒުކުރުން ކުރިއަށް ދާނެ އެވެ. ހުކުމް ތަންފީޒުކުރުން ފަސްކުރަން ބޭނުންވާނަމަ ޖެހޭނީ މަތީ މަރުހަލާގެ ކޯޓުގެ އަމުރަކަށް އެދޭށެވެ. އެ އަމަރު ނެރެނުދީފިނަމަ، ދަށު ކޯޓުގެ ހުކުމަށް އަމަލުކުރާނެ އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ގަބޫލު ކުރައްވާ ގޮތުގައި، ޔާމީންގެ މައްޗަށް މިހާރު އިއްވާފައިވާ ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެއްވޭނެ އެވެ. މަތީ މަރުހަލާއެއްގެ ކޯޓަކުން އެ ހުކުމް ބާތިލްނުކުރާހާ ހިނދަކު އެމަނިކުފާނަށް އެ ފުރުސަތު އޮތީ ބަންދުވެފަ އެވެ. އެ ފުރުސަތު ހުޅުވިފައި އޮތުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ދަންނަ ގޮތަކީ ހުކުމް އިސްތިއުނާފްކޮށްގެން ދިއުން، ޔާމީނަށް ވެސް އެ ހައްގު އޮންނާނެ، އެ ހައްގުގެ ބޭނުންކޮށްގެން ހައި ކޯޓު ދެން ސުޕްރީމް ކޯޓަށް، ސުޕްރީމް ކޯޓުން ވެސް ނިންމެން އޮންނާނީ އެ ހުކުމާ ގުޅޭ ގޮތުން، އެ ނޫން ގޮތަކަށް ރިޔާސީ ކެންޑިޑޭޓްގެ ޝަރުތާ މެދު ވަކީން ގޮތެއް ނުނިންމޭނެ،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އުޝާމް ވިދާޅުވި އެވެ.

އިސްމާއީލް އަބްދުލްހަމީދުގެ މައްސަލާގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އުޝާމް ވިދާޅުވީ އެ ހާލަތާއި، ރައީސްކަމަށް ކުރިމަތިލާން ވިސްނާފައި އޮތް މީހަކަށް ހުކުމް ކުރުމުގެ ހާލަތަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށެވެ. އެއީ އިންތިހާބުވެފައިވާ މެންބަރެއްގެ ގޮނޑިއެކެވެ. މިއީ އިންތިހާބަކަށް ނުކުންނަން އޮތް މީހެއްގެ ޝަރުތެއް އުނިވެގެންދާ ހާލަތެކެވެ.

އެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކަނޑައަޅާން ދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ކުރިއަށް ދިޔަ އެވެ. އަދި ޖިނާއީ ހުކުމް ތަންފީޒުކުރަމުންދާހާ ހިނދަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވެ އެވެ. މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިއެއް ނުވެވެ އެވެ. ވޯޓެއް ނުދެވެ އެވެ. ގޮނޑި ނުގެއްލުނަސް، އެ ހައްގުތައް ލިބޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުމުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައި އޮތެވެ.

titledesc

ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް މި ނުކުތާތަކަށް އެއްބަސްވެ އެވެ. އޭނާ ވެސް ގަބޫލުކުރައްވާ ގާނޫނީ ހަމައަކީ އެއީ އެވެ.

"[ބަޔާނުގައި އޮތް ގޮތަށް ދެކިގެން] ޔާމީން ވެސް ކުރިމަތިލައިގެން ހުއްޓައި، ވޯޓު ވެސް ލައިގެން ތިއްބާ، ސުޕްރީމް ކޯޓުން ވާދަނުކުރެވޭނެ ކަމަށް ނިންމީ، އޭރަށް އަނެއްކާ ވެސް އިންތިހާބު ބާއްވަންވީތޯ،" މުނައްވަރު ވިދާޅުވި އެވެ.

ސާފު އެއް ކަމެއް އެބަ އޮތެވެ؛ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭކަށް ނެތެވެ. އެއީ ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ގިނަ ވާދަވެރިންނަށް ވެސް ކުރަން ޖެހުނު ދަތުރެވެ. އޭރު ޖިނާއީ މައްސަލަތަކުގައި، ހުކުމް ކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅަކަށް އެ ފުރުސަތެއް ނުލިބެ އެވެ. ނުވެސް ދިނެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox