މެންޗެސްޓާ (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށާފައިވަނީ ލީގު ކަޕްގެ މެޗުތަކުންނެވެ. ސިޓީ އާއި ލިވަޕޫލް ރޭ ކުޅުނު މެޗުގައި ވެސް ވޯލްޑް ކަޕްގައި ގައުމީ ޓީމުތަކުން ފެނުނު ގިނަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މިއީ ކެވިން ޑި ބްރޭނާ ނެގި ހުރަހަކުން އާލިން ބްރައުޓް ހާލަންޑް ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މިއީ މި ސީޒަނުގައި ހާލަންޑް، ސިޓީ އަށް ޖަހައިދިން 24 ވަނަ ގޯލެވެ.
ސިޓީ އަށް ލީޑު ހިފަހައްޓައިލެވުނީ 10 މިނިޓެވެ. މެޗުގެ 20 ވަނަ މިނިޓްގައި، ލިވަޕޫލްގެ ޖޭމްސް މިލްނާ ނަގައިިދިން ހުރަހަކުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން، ފަބިއޯ ކަވާލިއޯ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. މިއީ ޕޯޗުގީސް ޒުވާން ވިންގް، ކަވާލިއޯ ލިވަޕޫލަށް ޖަހައިދިން ތިން ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑުނަގައިދޭން ޑާވިން ނޫނޭޒަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އޭގެ އިތުރުން، މި ހާފުގައި ސިޓީގެ ދެ ވަނަ ގޯލު ޖަހަން، އިލްކާއި ގުންޑޮގާން އާއި ނޭތަން އަކޭ ޖެހި ބޯޅަތައް ލިވަޕޫލްގެ ގޯލުގައި ހުރި، އެ ކްލަބްގެ ދެ ވަނަ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ސިޓީން އަލުން ލީޑުނެގި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުުމަށް ފަހު ސިޓީގެ އަލްޖީރިއާ ވިންގް، ރިޔާދު މާރޭޒް ވަނީ ގޯލުގެ ދުުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސިޓީގެ އަކަންޖީ (މ) އާއި ރޮޑްރީ (ވ) ކައިރިން ލިވަޕޫލްގެ ނޫނޭޒް (ކ) ބޯޅަ ހިފައިގެންދަނީ.
ސިޓީން ލީޑުނެގިތާ މިނިޓެއް ވެސް ނުވަނިސް ލިވަޕޫލުން އަނެއްކާ ވެސް އެއްވަރުކުރި އެވެ. ނޫނޭޒް ދިން ބޯޅައަކުން މި ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ.
މެޗުގައި ސިޓީން ތިން ވަނަ ފަހަރަށް ލީޑުނެގީ 58 ވަނަ މިނިޓްގައި އަކޭ ޖެހި ގޯލުންނެވެ. ކޯނަރެއްގައި ސިޓީން އަވަހަށް ކުޅުނު ބޯޅައެއްގައި ޑިބްރޭނާ ނަގައިިދިން ބޯޅައަށް އޭރިއާތެރެއަށް ދުވެފައި ވަދެ، އަކޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ސިޓީގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ލިވަޕޫލަށް އެއްވަރުކޮށްދޭން ނޫނޭޒަށް ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރަށެވެ. ސިޓީ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ޑިބްރޭނާ ޖެހި ބޯޅަ ބްލޮކްކުރީ ފަބީނިއޯ އެވެ. އެ ބޯޅަ އަލުން ކުޅުމުގެ ތެރެއަށް އައުމުން ފިލް ފޯޑެން ޖެހި ޝޮޓް ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ.
މިއީ މި ސީޒަނުގައި ސިޓީން ލިވަޕޫލް ބަލިކުރި ފުރަތަމަ ފަަހަރެވެ. އެ ގޮތުން ފުރަތަމަ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ލިވަޕޫލް މޮޅުވިއިރު، ޕްރިމިއާ ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ވެސް ކުރިހޯދީ ލިވަޕޫލް އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފީފާ ވޯލްޑް ކަޕަށް ނެގި ކްލަބް ފުޓްބޯޅަ ސީޒަނުގެ މަހެއްހާ ދުވަހުގެ ބްރޭކަށް ފަހު، އެނބުރި އައިސް ރަސްމީކޮށް ކުޅުނު ފުރަތަަމަ މެޗާ ބަލާއިރު، ގިނަ ރަނގަޅު ކަންތައްތަކެއް ފާހަގަކުރެވިގެންދިޔަ ކަމަށް ބުނެފަ އެވެ.
ކުއާޓާ ފައިނަލުގައި ސިޓީން ކުޅޭނީ ސައުތެމްޓަނާ ދެކޮޅަށެވެ. މެންޗެސްޓާ ޔުނައިޓެޑުން ޗާލްޓަންއާ ބައްދަލުކުރާއިރު، ނޮޓިންހަމް ފޮރެސްޓް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ލެސްޓާ ސިޓީއާ އެވެ.












