މެންޗެސްޓާ (ޑިސެމްބަރު 22) - މެންޗެސްޓާ ސިޓީގެ ކޯޗަކަށް ހުރެ، އޭނާ ކުރާ މަސައްކަތް ފުރިހަމަވާނީ އެ ކްލަބަށް ޗެމްޕިއަންސް ލީގުގެ ތަށްޓެއް ހޯދަައިދީގެން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން، އެ ޓީމުން ވަނީ ނުވަ ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.
ގާޑިއޯލާ، 51، ސިޓީއާ ހަވާލުވި ފަހުން މިވީ މުއްދަތަށް ބަލާއިރު، އިނގިރޭސި އެންމެ ކާމިޔާބު ޓީމަކީ ސިޓީ އެވެ. ސިޓީއާ އެކު ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިދިޔަ އަހަރު ކުޅެ، ޗެލްސީ އަތުން ބަލިވެފަ އެވެ. ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގެއް ހޯދީ، 2011 ވަނަ އަހަރު، ބާސެލޯނާގެ ކޯޗަކަށް ހުރިިއިރު އެވެ.
ދާދި ފަހުން ގާޑިއޯލާ ވަނީ ސިޓީގެ ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ. ކޮންޓްރެކްޓް އާ ކުރިއިރު، ކަނޑައެޅި އެއް ޓާގެޓަކީ، ސިޓީގެ ތާރީހުގައި އެ ޓީމަށް ޔޫރަޕްގައި ދެ ވަނަ ޓްރޮފީ ހޯދައިިދިނުމެވެ. ސިޓީން ވަނީ 1970 ވަނަ އަހަރު ޔޫރަޕްގެ ކަޕް ވިނާސް ކަޕް ހޯދައިފަ އެވެ.
"އަހަރެން ކޮންޓްރެކްޓް އާ ކުރި ސީދާ ޓާގެޓަކީ އެއީ އެއް ނޫން، އެކަމަކު، ޔަގީނުން ވެސް އަހަރެން އެ ޓްރޮފީ (ޗެމްޕިއަންސް ލީގުގެ ތަށި) ނުހޯދައިފިއްޔާ، ސިޓީގައި އަހަރެންގެ މަސައްކަތް ފުރިހަމައެއް ނުވާނެ،" އިނގިރޭސި ލީގު ކަޕްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގާޑިއޯލާ ބުންޏެެވެ.
"ޗެމްޕިއަންސް ލީގަކީ އަހަރެމެން އަތުގައި (ސިޓީ އަތުގައި) ނެތް ޓްރޮފީއެއް، އެހެންވީމަ ވެސް އެ ހޯދަން އަހަރެމެން ބޭނުންވާނެ،"
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވެސް ވާދަކުރި ސިޓީން މި ފަަހަރު، ގަދަ 16 ބުރުގައި އަންނަ މަހު ނުކުންނާނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށެވެ.












