ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުން 39،000 އަށްވުރެ ގިނަ މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އެ މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވޯޓު ނުދޭނެ ކަމަށް ބެލެވޭ މެމްބަރުން ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު 92،000 އިން 54،000 އަށް ތިރިވީ އެ ޕާޓީން ބަލަހައްޓަމުން ދިޔަ ދަފްތަރުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބަލައިގަތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
އެ ނިންމުމާ އެކު އެމްޑީޕީގެ ދަފްތަރުން އުނިވާ 39،911 މެމްބަރުންނަށް މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި، ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެއް މަސް ދުވަހުގެ މުހުލަތެއް ދިނެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށް ފަހު ނަޝީދު ވަނީ ޕާޓީގެ ދަފްތަރު "ގަޑުބަޑު" ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހުއަށް އެކަމާ ގުޅިގެން ތުހުމަތު ކުރައްވާފަ އެވެ.
"އެމްޑީޕީ ގުޅިފައި އޮތީ މިނިވަން އިންސާފުވެރި އިންތިހާބުތަކާ. މިކަމަށް އޮތް އަސާސަކީ ކުރިން އިއުލާނު ކުރެވިފައި އޮންނަ ވޯޓު ލެވޭ މީހުންގެ ލިސްޓެއް. އެކަމަކު މިދިޔަ އަހަރު ތެރޭ ރައީސް ސޯލިހު ވަނީ އެމްޑީޕީން 39،000 މެމްބަރުން ވަކިކޮށްފައި. ދަފްތަރު ސާފުކުރަން ޖެހުނު ނަމަވެސް، އެމަނިކުފާނު [ޕާޓީން ވަކިކުރީ] އެމަނިކުފާނަށް ވޯޓު ނުދެއްވާނެ ކަމަށް ބެލެވޭ ޕާޓީގެ އަސްލު މެމްބަރުން،" އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުން ނަމަ ގައުމީ މަޖިލީހުގެ ގަރާރަކުން ގެނައި ބަދަލާ އެކު ދަފްތަރުން އުނިވި މެމްބަރުންނާ ނުލައި ބާއްވާ ޕްރައިމަރީއެއް "މިނިވަން އަދި އިންސާފުވެރި" ޕްރައިމަރީއަކަށް ނުވާނެ އެވެ. ޓީގެ ދަފްތަރުގައި ހުރި މައްސަލަތައް އިންތިހާބުގެ ކުރިން ހައްލުކޮށްދެއްވުމަށް އާންމު ސިޓީއެއް މެދުވެރިކޮށް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މިވަގުތު އިލެކްޝަންސް ކޮމިޝަން ގެ ދަފުތަރު ދައްކާގޮތުން އެމްޑީޕީގެ ދަފުތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ. އެ ހުރިހާ މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޖެނުއަރީ 28، ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާކަން ވަނީ އިއުލާނުކުރައްވާފަ އެވެ.
ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު އިއުލާނު ކުރެއްވީ ޖޫން 8، ގަ އެވެ.












