ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ 28، ގައި ބޭއްވުމަށް އެ ޕާޓީން އިއްޔެ އިއުލާނުކޮށްފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް އިއުލާނު ކުރެއްވެވި އެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ޖޫން މަހުގައި އިއުލާނު ކުރެއްވެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ މި ޕްރައިމަރީގައި ބައިވެރިވުމުގެ ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ފޯމާއެކު 500 މެމްބަރުންގެ ސޮއި ވެސް ތާއީދުގެ ގޮތުގައި ހުށަހަޅަންޖެހެ އެވެ.
އިންތިހާބުގެ ޓައިމްލައިން
ޑިސެމްބަރު 18 – ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން
ޑިސެމްބަރު 18 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

ޑިސެމްބަރު 24 – ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
ޑިސެމްބަރު 26 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރުން
ޑިސެމްބަރު 28– ރިޔާސީ ޕްރައިމަރީ ވޯޓާޒް ލިސްޓް އާންމު ކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
ޑިސެމްބަރު 31 – ވޯޓާޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
ޖެނުއަރީ 3 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓާޒް ލިސްޓް އާންމު ކުރުން
ޖެނުއަރީ 10 - ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލުން
ޖެނުއަރީ 15 – ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ބަންދުވުން
ޖެނުއަރީ 28 – ރިޔާސީ ޕްރައިމަރީ ވޯޓުލާ ދުވަސް
އެމްޑީޕީގައި މިވަގުތު 58،000 އަށް މެމްބަރުން ތިބިއިރު އެއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.
ޕްރައިމަރީގައި ވާދަ ކުރައްވަން ނަޝީދު ނިންމެވިއިރު، މި މަހު 1 ގައި ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އެ މަނިކުފާނު ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، އެމްޑީޕީގެ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމަށެވެ.
"ހަގީގަތުގައި ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ނުދެއްކޭނެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި. [މެނިފެސްޓޯގެ] މި ވައުދު ނުފުއްދައި، ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއްގެ ފޯރި މިހާ ގަދަވެގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ އެއްވެސް އިންތިހާބެއްގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ފެކްޝަންތަކެއް އުފައްދައި އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ފާޅުގައި އެއްޗެހި ކިޔާފައެއް ނުވެ އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ވެސް ރައީސް ނަޝީދު އެކަންޏެވެ. އެހެން ނަަމަވެސް ރިޔާސީ އިންތިހާބާ ކުރިމަރިލާން ޖެހިވަޑައިގަތް އިރު އެމަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން، އެ ފުރުސަތު އެމަނިކުފާނުގެ އޭރުގެ އެންމެ އަރިސް ބޭފުޅާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވީ އެވެ.
ރައީސް ސޯލިހުގެ ވެރިކަން ފެއްޓެވިތާ މާ ގިނަ ދުވަހެއް ނުވެ، ދެ ލީޑަރުގެ ވާދަވެރިކަން މަޑުމަޑުން އުފެދި، ފާޅުވެ ނަޝީދު، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. ނަމަވެސް، ރައްދުގައި ރައީސް ސޯލިހު ވާހަކަތަކެއް ނުދައްކަވަ އެވެ.
ފަހަކަށް އައިސް ރައީސް ސޯލިހާއި ނަޝީދުގެ ސަޕޯޓަރުން އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް އަންނަނީ ފާޑުކިޔަމުންނެވެ.
މުހިންމު ބައެއް ހަބަރު
- ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅެމުން އައި އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް އިއްޔެ ފެނުނެވެ.
- އިންޑިއާގެ އެފްކޮންސް ކުންފުނިން މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޕްލޭނިން މިނިސްޓްރީން އިއްޔެ ދޮގުކުރި އެވެ.
- ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ބިލާއި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަށް ބާރުލިބޭ ގޮތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
- ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް ފާސްކޮށްފައިވާ "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރައްވައިފި އެވެ.
- މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅި އެވެ.
ދުވަހުގެ ކޮޓޭޝަން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ 28، ގައި ބޭއްވުމަށް އެ ޕާޓީން މިއަދު އިއުލާނުކުރުމާ ގުޅިގެން އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައި ވިދާޅުވީ؛
"ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެ. MDP ޕްރައިމަރީއަށް ކުރިމަތި ލާނެކަމަށް މުހައްމަދު ނަޝީދު ވިދާޅުވަނިކޮށް [އެ މަނިކުފާނު] ރަށުގައި ވެސްވަޑައިންނޫޅުއްވަނީސް ތިޔަ ދިނީ އެންމެ ފަސް ދުވަހުގެ މުއްދަތެއް،"
ދުވަހުގެ ފޮޓޯ

ރޭ ނިމިގެން ދިޔަ ފީފާ ވޯލްޑު ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދުމާއެކު މާލޭގައި ސަޕޯޓަރުން އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު











