ދޯހާ، ގަތަރު (ޑިސެމްބަރު 19) - ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ތަށްޓަކީ ފީފާ ވޯލްޑް ކަޕް ކަމަށާއި އެ ހާސިލްކުރެވުމުން ދެން ވިސްނުމަކީ "ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި" އާޖެންޓީނާ ޓީމަށް އިތުރު މެޗުތަކެއް ކުޅެދިނުން ކަމަށް، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
އާޖެންޓީނާ އިން ރޭ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް، 36 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕެއްގެ ތަށި އުފުލާލިއިރު، މި ކާމިޔާބީ އެންމެ ހާއްސަވާނެ ކުޅުންތެރިއަކީ އުމުރުން 35 އަހަރުގެ މެސީ އެވެ.
ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ މެސީގެ ކެރިއަރުގައި މަދުވާ ތަށްޓަކީ ވޯލްޑް ކަޕް އެވެ. ވޯލްޑް ކަޕްގެ ތަށި ހޯދަން މެސީ ކުރި ދަތުރުގައި 2014 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި ނަމަވެސް އެކަން ތަކުރާރުވިޔަނުދީ ރޭ މެސީގެ ވެސް މޮޅު ކުުޅުމާ އެކު، އާޖެންޓީނާ އިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ތިން ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
"އަހަރެން އަދިވެސް މި ހުރީ ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ހުރެ އާޖެންޓީނާ އަށް އިތުރު މެޗުތަކެއް ކުޅެން ތައްޔާރަށް،" ގައުމީ ޓީމުން ރިޓަޔާކުރަން ވިސްނަނީ ކޮން އިރަކުތޯ އާޖެންޓީނާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން މެސީ ބުންޏެވެ.
"ޔަގީނުން ވެސް އަހަރެން ކެރިއަރު ނިންމާލަން ބޭނުންވީ މި ޓްރޮފީ ހޯދައިގެން، މި އަށް ވުރެ އިތުރަށް ދެން ބޭނުންވާނެ އެއްޗެއް ނެތް، ދެން ވަރަށް ގިނަ ކާމިޔާބީ ވެސް މި އޮތީ ލިބިފައި، ހަގީގަތަކީ އަހަރެން މި ގުނަމުންދަނީ ކެރިއަރުގެ ފަހު އަހަރުތައް،"

މެސީ ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ: މެސީ އަށް ވޯލްޑް ކަޕްގެ ދެ މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވަނީ ލިބިފައި.
މެސީ ބުނީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް ފައިނަލުގައި ވެސް ދެ ގޯލުގެ ލީޑެއް ގެއްލުމުން ކޮންމެ ވެސް ވަރަކަށް ޕްރެޝަރު ބޮޑުވި ކަމަށެވެ. އެކަމަކު، ޕެނަލްޓީ އަށް ދިޔަ ހިސާބުން ކީޕަރު އެމިލިއާނޯ މާޓީނޭޒަށް އޮތް އިތުބާރާ އެކު މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މެސީ ވަނީ ބުނެފަ އެވެ.
މިއީ މެސީ ވޯލްޑް ކަޕެއްގައި ފެންނާނެ ފަހު ފަހަރު ކަމަށް އޭނާ ވަނީ މުުބާރާތުގެ ކުރިން ވެސް ބުނެފަ އެވެ. ދެ ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ވަނީ މި ފަހަރުގެ މުބާރާތުގައި ވޯލްޑް ކަޕްގެ ތާރީހުގައި ލިޔެވޭ ރެކޯޑްތަކެއް ވެސް ހާސިލްކޮށްފަ އެވެ.
އެ ގޮތުން މެސީ ވަނީ ފަސް ވޯލްޑް ކަޕްގައި 26 މެޗުގައި ކުޅެ ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދައިފަ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 ބުރާއި ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގައި ގޯލު ޖަހައި، ވޯލްޑް ކަޕެއްގެ ހުރިހާ ބުރެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދި އެވެެ.
އާޖެންޓީނާ ގައުމީ ޓީމަށް 2005 ވަނަ އަހަރު ކުޅެން ފެށި މެސީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 172 މެޗުން 98 ގޯލު ޖަހައިފަ އެވެ.












