ގޯލްކީޕަރު މާޓީނޭޒް: 2018ގެ ސަޕޯޓަރެއް، 2022 ގައި ދުނިޔޭގެ ޗެމްޕިއަނެއް!

Dec 19, 2022, 1:29 AM
ގޯލްކީޕަރު މާޓީނޭޒް ފީފާ ވޯލްޑް ކަޕްގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

ގޯލްކީޕަރު މާޓީނޭޒް ފީފާ ވޯލްޑް ކަޕްގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

"ދެން ވޯލްޑް ކަޕް އޮންނަ ފަހަރެއްގައި އަހަރެން ހުންނާނީ ޓީމުގައި،"

މިއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އާޖެންޓީނާ ޓީމުގެ މެޗެއް ބަލަން ރަޝިއާގެ މޮސްކޯގެ ދަނޑެއްގައި ހުރެފައި، އޭރު އާސެނަލަށް ކުޅެމުން އައި ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އޭނާގެ ބޭބެ ގާތުގައި ބުނި ވާހަކަ އެކެވެ.

އެ އަހަރު ސްޕެއިނުގެ ގެޓަފޭ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައި، އައި މާޓީނޭޒް ދިޔައީ ފުޓްބޯޅައިން ކުރިއަށްދެވޭނެތޯ އުފެދިފައިވާ ސުވާލަށް ވެސް ޖަވާބު ހޯދަމުންނެވެ. އޭނާ ނިންމީ ކުޅުން ކުރިއަށް ގެންދާށެވެ.

އޭގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، މާޓީނޭޒް، 30، މި ވަނީ، ދެ އަހަރު ތެރޭ އާޖެންޓީނާ އިން 28 އަހަރަށް ފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރާއި، 36 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕްގެ ތަށި އުުފުލާލިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޮޕަ އެމެރިކާ ތަށި އާޖެންޓީނާ އިން ހޯދީ ފައިނަލުގައި ބްރެޒިލް ބަލިކޮށްފަ އެވެ.

ރޭ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ 2018 ވަަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ މޮޅު ކީޕަރުގެ މަގާމާއި މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބިފައިވަނީ މާޓީނޭޒް އަށެވެ.

މާޓީނޭޒް އޭނާގެ ބޭބެއާ އެކު 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ސަޕޯޓަރެއްގެ ގޮތުގައި.

މިއީ މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، މާޓީނޭޒް ހުރި ހިސާބުގެ ގޮތުން ހިތަށް ވެސް ގެނެވޭނެ ކާމިޔާބެއް ނޫނެވެ.

އުނދަގޫ ކެރިއަރެއް، ފުރުސަތަކީ ކެތްތެރިކަމުގެ ނަތީޖާ އާއި ނަސީބު

އާޖެންޓީނާގެ އިންޑިޕެންޑިއެންޓޭ ޓީމަށް ކުޅެމުން އަންނަނިކޮށް، އާސެނަލުން މާޓީނޭޒަށް ޓްރަޔަލެއް ހަމަޖައްސައިދިނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ.

ޒުވާން އުމުރުގައި އާއިލާ އާއި ގައުމު ދޫކޮށް އެހެން ގައުމަކަށް ގޮސް، މާޓީނޭޒް މަސައްކަތް ފެށީ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވާތީ އެވެ. ޓްރަޔަލުން އާސެނަލްގެ ކޯޗުންނަށް ކަމުގޮސްގެން މާޓީނޭޒް ވަނީ ޓީމަށް ނަގައިފަ އެވެ.

މާޓީނޭޒް އާސެނަލްގައި ހޭދަކުރި ދިހަ އަހަރު ތެރޭ ގިނަ ފަހަރު ކުޅެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ޓީމުތަކަށެވެ. އެ ގޮތުން އިނގިރޭސި ދަށް ޑިވިޝަންތަކުގެ ގިނަ ޓީމުތަކަށް ވެސް ކުޅެފައިވެ އެވެ. މާޓީނޭޒް ލޯން އުސޫލުން ބަދަލުވި ޓީމުތަކުގެ ތެރޭގައި އޮކްސްފޯޑް ޔުނައިޓެޑް، ޝެފީލްޑް ވެނެސްޑޭ، ރޮތާހަމް ޔުނައިޓެޑް، ވުލްވްސް، ގެޓަފޭ އަދި ރެޑިން ހިމެނެ އެވެ.

އާސެނަލަށް މާޓީނޭޒް ގެނައި ކޯޗަކީ މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް، އާސެން ވެންގާ އެވެ. ވެންގާ އާސެނަލަށް ކޯޗުކޮށްދިންއިރު، ހަ އަހަރު މާޓީނޭޒަށް ކޯޗުކޮށްދިނެވެ. އެ މުއްދަތުގައި މާޓީނޭޒަށް ކުޅެލުމުގެ ފުރުސަތު ދިނީ 2012 ވަނަ އަހަރު ލީގު ކަޕް މެޗެއްގައި އެކަންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ވެންގާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުޓްބޯޅައިގައި ކުރިއަށްދިއުމަށް މާޓީނޭޒް ދައްކާފައިވާ މިސާލަށް ތައުރީފު ކުރުން ހައްގުވާ ކަމަށެވެ. އެ ގޮތުން ލޯނަށް ގިނަ ފަހަރު ގޮސް ވެސް މާޓީނޭޒަށް ކުޅެލަން ފުރުސަތު ނުލިބުނު ނަމަވެސް ޝަކުވާ ނުކޮށް އޭނާ ކުރީ މަސައްކަތްކަން ވެންގާ ފާހަގަކުރި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން މާޓީނޭޒް އުފާފާޅުކުރަނީ.

މާޓީނޭޒްގެ ވިދުން ގަދަވާން ފެށި ހިސާބަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ މެޗެއްގެ ތެރެއިން އާސެނަލްގެ އޭރުގެ ގޯލްކީޕަރު ޖަރުމަނުގެ ބާން ލޭނޯ އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި މާޓީނޭޒަށް ކުޅެލަން ފުރުސަތު ލިބުމެވެ. އެ ފަހަރު، މާޓީނޭޒް ވަނީ ފުރުސަތުގެ ބޭނުންހިފައި އާސެނަލް ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެެވެ.

އެ ސީޒަނުގައި އާސެނަލުން ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ގޯލު ބެލެހެއްޓީ މާޓީނޭޒް އެވެ. އޭގެ ފަހުން، ޖެހިގެން އައި ސީޒަނުގައި އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އަތުން ޕެނަލްޓީ ޖަހައިގެން އާސެނަލް މޮޅުކޮށްދިނުމުގައި ވެސް ތަފާތަކީ މާޓީނޭޒް އެވެ.

ކީޕަރު ލެނޯ އާސެނަލް ޓީމަށް އެނބުރި އަންނާނެކަން ޔަގީންވުމާ އެކު، އާސެނަލްގައި އޭނާގެ މުސްތަގުބަލާ މެދު "ސާފު މަންޒަރެއް" ފެންނަން ނެތް ކަމަށް ބުނެ، 22 މިލިއަން ޑޮލަރުގެ ފީ އަކަށް މާޓީނޭޒް ބަދަލުވީ، 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެސްޓަން ވިލާ އަށެވެ.

މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެސްޓަން ވިލާ ގޯލުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، މާޓީނޭޒް ވަނީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ވެސް ހަދައިފަ އެވެ.

އާޖެންޓީނާ ޓީމުން ފުރުސަތު ލިބުނީ ވަރަށް "ދިގު އިންތިޒާރަކަށް ފަހު"

އާޖެންޓީނާގެ ޔޫތު ފުޓްބޯޅައިގައި "ޑީބޫ"ގެ ނަމުން މަޝްހޫރުވެފައިވާ މާޓީނޭޒް، 2011 ވަނަ އަހަރު އާޖެންޓީނާ ސީނިއާ ސްކޮޑުގެ މެމްބަރެއްގެ ގޮތުގައި ނެގި އެވެ. އެއީ އޭރު ކުޅެމުން އައި ކީޕަރު، އޮސްކާ އުސްތާރީ އަށް އަނިޔާވެގެންނެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ޖަރުމަނާއި އެކުއެޑޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން ވެސް މާޓީނޭޒަށް ފުރުސަތު ދިނެވެ. އެކަމަކު، ކުޅެލަން ފުރުސަތު ނުލިބުނީ މާޓީނޭޒަކީ އާޖެންޓީނާ ޓީމުގެ ގޯލު ބަލަހައްޓާ ލެވަލަށް ކްލަބްގައި ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިއަކަށް ނުވާތީ އެވެ.

ލެނޯގެ އިންޖަރީ އަށް ފަހު، އާސެނަލުން ލިބުނު ފުރުސަތުގެ ބޭނުންހިފައި، އެސްޓަން ވިލާ އަށް ސޮއިކޮށް ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން މިދިޔަ އަަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު އާޖެންޓީނާ އިން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗިލީއާ ކުޅުނު މެޗުގައި އާޖެންޓީނާ ގޯލު ބަލަހައްޓަން މާޓީނޭޒަށް ފުރުސަތު ލިބުނެވެ.

އޭގެ ފަހުން، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ވެސް އާޖެންޓީނާގެ އެއް ވަނަ ކީޕަރަކީ މާޓީނޭޒް ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ކަނޑައެޅި އެވެ.

މިދިޔަ އަހަރުގެ ކޮޮޕަ އެމެރިކާގައި ޗިލީގެ އާޓޫރޯ ވިޑާލް ޖެހި ޕެނަލްޓީ މަތަކޮށް، އޭގެ ފަހުން ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އިން ކޮލަމްބިއާ ބަލިކުރިއިރު، ތަފާތަކީ މާޓީނޭޒް އެވެ. އޭނާ ވަނީ ޖުމްލަކޮށް މުޅި ކޮޕަ އެމެރިކާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަތީޖާ އަކަށްވީ ފައިނަލުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން ތަށި އުފުލާލިއިރު، މޮޅު ކީޕަރަކަށް ހޮވުނީ މާޓީނޭޒް އެވެ.

ރޭ ބޭއްވި ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން މާޓީނޭޒް މޮޅު ކީޕަރުގެ ޓްރޮފީ ހިފައިގެން.

"މި ޓީމުގެ އާދަޔާހިލާފު ތަރިއަކީ މާޓީނޭޒް، އޭނާ އަކީ ޓީމު ރޫހު،" މާޓީނޭޒާ ބެހޭގޮތުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުންޏެވެ.

ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ "ފައިނަލިސިމާ" މެޗުން އާޖެންޓީނާ ވަނީ މިދިޔަ ޖޫން މަހު ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ޓްރޮފީ އުފުލާލައިފަ އެވެ. އާޖެންޓީނާ އިން މި ފަަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިިއިރު، 36 މެޗުން ބަލިނުވެ، ދެމެހެއްޓި ރެކޯޑްގައި ވެސް މާޓީނޭޒްގެ ބޮޑު ދައުރެއް އޮތެވެ.

އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕް ފެށީ ސައުދީ އަރަބިއްޔާ އަތުން ވި ހިއްދަތި ބައްޔަކުންނެވެ. އެކަމަކު، ޕްރެޝަރުގައި ކުޅެން ޖެހުނު ކޮންމެ ވަގުތެއްގައި ތަފާތު ދައްކައި، މި ވަނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި މި ދަތުުރުގައި އާޖެންޓީނާ އިން ވަނީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، ނެދަލެންޑްސް އާއި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްފަ އެވެ. މި ދެ މެޗުގައި ވެސް އާޖެންޓީނާ މޮޅުކޮށްދިނުމުގެ ކްރެޑިޓް ވަކި ކުޅުންތެރިއަކަށް ދޭނަމަ ހައްގުވަނީ މާޓީނޭޒް އަށެވެ. އާޖެންޓީނާ ކޮންފިޑެންސާ އެކު މޮޅުކޮށްދޭން އޭނާ ވަނީ މި ދެ މެޗުގައި ޖުމްލަ އެކު، ތިން ޕެނަލްޓީއެއް މަތަކޮށްފަ އެވެ.

މީގެ އިތުރުން ރޭގެ ފައިނަލް މެޗުގައި އާޖެންޓީނާ އިން ފްރާންސް ބަލިކުރިއިރު، މި މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި ފްރާންސް މޮޅުކޮށްދޭން އެ ޓިމުގެ ކޯލޯ މުއާނީ މުޅިން ހުސްކޮށް ވަދެ، ޖެހި ބޯޅަ ކީޕަރު މާޓީނޭޒް ފައިން ވަނީ މަތަކޮށްފަ އެވެ. މެޗު ޕެނަލްޓީ އަށް ގެންގޮސްދީގެން ވެސް އާޖެންޓީނާ މޮޅުކޮށްދިނުމުގައި މާޓީނޭޒް ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ.

ރޭގެ ފައިނަލް މެޗަށް ފަހު މާޓީނޭޒް އާއިލާއާ އެކު ދަނޑުމަތީގައި އުފާފާޅުކުރަނީ.

"މި މޮޅު ހާއްސަކުރަނީ އާއިލާ އަށް"

މާޓީނޭޒް ބުނީ ރޭގެ މެޗު ޕެނަލްޓީ އަށް ދިޔައިރު ވެސް އޭނާ އަށް އަމިއްލަ ނަފްސާ މެދު ވަރަށް ބޮޑު އިތުބާރެއް އޮތް ކަމަށެވެ. އަދި ޕެނަލްޓީގައި ޓީމު މޮޅުކޮށްދޭން އެންމެ ބޮޑު ހިތްވަރަކަށްވީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އޭނާ އަށް ދިން ސަޕޯޓް ކަމަށެވެ.

ރޭގެ ފައިނަލް މެޗަށް ފަހު، މާޓީނޭޒް އުފާފާޅުކުރިއިރު، އާއިލާގެ މެމްބަރުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. މާޓީނޭޒް ބުނީ އެކަމުގެ ފަހަތުގައި ހާއްސަ ސަބަބެއް އެބައޮތް ކަމަށެވެ.

"އަހަރެން ވަރަށް ޒުވާން އުމުރުގައި އަމިއްލަ ގެ ދޫކޮށް މިދިޔައީ އިންގްލެންޑަށް، އަހަންނަށް ކުޅެލަން މި ލިބުނީ ވަރަށް ކެތްތެރިކަމާ އެކު ކުރި މަސައްކަތުން، އެކަމުގައި އަހަރެންގެ އާއިލާ ވަރަށް ބޮޑެތި ގުރުބާނީތަކެއްވި، އަހަރެން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާ ޖޯޒީގައި ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް މިވީ، މި ކަންކަން ބަޔާން ކޮށްދޭން ދައްކާނެ ވާހަކައެއް، ބުނާނެ ބަހެއް ނެތް،" ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މާޓީނޭޒް ބުންޏެވެ.

"މި ކާމިޔާބީ ހާއްސަ މި ކުރަނީ އަހަރެންނާ މެދު އިތުބާރު ނަގާނުލައި ފަހަތުގައި ތިބި އާއިލާ މެމްބަރުންނަށް"

އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ ޕެނަލްޓީ އަށް ދިޔައިރު ވެސް ކޮންމެ ކުޅުންތެރިއަކު ވެސް ޔަގީންކަމާ އެކު މާޓީނޭޒަށް އިތުބާރު ކުރި ކަމަށާއި އޭގެ ބަދަލު އޭނާ ދިނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox