ތައިލެންޑުގެ ބެންކޮކްގައި މި މަހުގެ 8-11 އަށް ކުރިއަށްދިޔަ 13 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން މެޑަލް ހޯދި އެތުލީޓުނަށް ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.
ރަން މެޑަލް ހިމެނޭ ގޮތަށް ޖުމްލަ ފަސް މެޑަލް ހޯދި ގައުމީ ބޮޑީބީލްޑިން ޓީމް މާލެ އައުމުން މަރުހަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ކުޅިވަރާބެހޭ މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ މުހައްމަދު އަޒުމީލް އާއި އަހުމަދު ފުއާދު އެވެ.
ރާއްޖޭގެ ބޮޑީބީލްޑިން ޓީމުން ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ހޯދި ކަމިޔާބީތަކަށް ބަލާއިރު އަޒުނީން ރަޝާދު ވަނީ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީގައި ވާދަކޮށް ރަން މެޑަލް ހޯދައިފަ އެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
ގައުމީ ޓީމްގެ މުހައްމަދު މޫސާ (މޯޑް) ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ. މިއީ އޭނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ހޯދި ތިން ވަނަ މެޑައްޔެވެ. މީގެ ކުރިން މިދިޔަ އަހަރު އޮތް މުބާރާތުގެ މި ކެޓަގަރީ އިން އޭނާ ރިހި މެޑަލް ހޯދި އެވެ. އަދި 2019ގައި އޮތް މުބާރާތުގައި އޭނާ ލޯ މެޑަލް ހޯދި އެވެ.
މީގެ އިތުރުން ހުސައިން ހިމްޔާން ވަނީ އެތުލެޓިކް ފީޒީކް އަޕްޓު 75 ސެންޓްމީޓާރުގެ ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ކުރިއަރަމުން އަންނަ ބޮޑީ ބިލްޑަރު މިއަހަރު ހޯދި ދެ ވަނަ ބައިނަލްއަގްވާމީ މެޑައްޔެވެ. އޭނާ ވަނީ މިއަހަރު އޮތް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ރަން މެޑަލް ހޯދާފަ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު ބޮޑީބިލްޑަރު ފަތުހުﷲ މުހައްމަދު ވެސް ވޯލްޑް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. އޭނާ ލޯ މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރުން ކެޓަގަރީން ނެވެ.
މުބާރާތުގައި ވާދަކުރި އެންމެ އުއްމީދީ އެއް އެތުލީޓުކަމަށްވާ އަބްދުﷲ އަހުސަން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަހުސަން ލޯ މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީންނެވެ.
މީ އެތުލީޓުންގެ އިތުރުން މުބާރާތުގެ އެންމެ ވާދަވެރި އަދި ފޯރިގަދަ ކެޓަގަރީކަމަށްވާ ބޮޑީ ބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމު ދާދިފަހުން ހޯދި މުހައްމަދު ޔާމީން (ޔާންބެ)ވެސް ލޯ މެޑަލް ހޯދި އެވެ. ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު ކެޓަގަރީގެ ފައިނަލުގައި އޭނާ ބަލިވީ އިންޑިއާގެ ވަރުގަދަ ދެ އެތުލީޓަކާ ވާދަކޮށެވެ.












