ދޯހާ، ގަތަރު (ޑިސެމްބަރު 18) - ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި މިރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗަކީ ހަމައެކަނި ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭގެ ކުރިމަތިލުމެއް ނޫން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
މިރޭގެ ފައިނަލް މެޗުގެ ކުރިން މީޑިއާގެ ފަލަ ސުރުހީތަކުގައި އެންމެ ނަން ހިނގާ ދެ ކުޅުންތެރިންނަކީ ފްރާންސްގެ ތަރި އެމްބާޕޭ އާއި އާޖެންޓީނާގެ ކެޕްޓަން މެސީގެ އެވެ. މިއީ މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރާ ގިނަ މީޑިއާތަކެއް އެބައޮތެވެ. އެކަމަކު، އާޖެންޓީނާގެ ކޯޗު ސްކަލޯނީ މި މެޗު ދެކެނީ އެ ގޮތަކަށް ނޫނެވެ.
ސްކަލޯނީ ބުނީ މިއީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ދެ ޓީމެއްގެ ކުރިމަތިލުމެއް ކަމަށާއި ފުޓްބޯޅައިގެ ބޮޑު ތާރީހަކާއި ސަގާފަތެއް އޮތް ދެ ގައުމެއް އަލުން ކާމިޔާބީގެ މަގަށް އައުމަށް ކުރާ މަސައްކަތުގެ ގޮތެއް ކަނޑައެޅޭ މެޗު ކަމަށެވެ.
"މިއީ އާޖެންޓީނާ އާއި ފްރާންސްގެ ކުރިމަތިލުމެއް، މިއީ މެސީ އާއި އެމްބާޕޭގެ ކުރިމަތިލުމެއް ނޫން، މި މެޗު ވަކިކޮޅަކަށް ނިންމާލެވޭނެ ފަދަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް މި ދެ ޓީމުގައި ވެސް އެބަތިބި، އެހެންވީމަ މިއީ ހަމައެކަނި ދެ ކުޅުންތެރިއަކަށް ހާއްސަ މެޗެއްގެ ގޮތުގައި ނުބުނެވޭނެ، މިއީ ވޯލްޑް ކަޕް ފައިނަލް،" ސްކަލޯނީ ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން މެސީ: މެސީ ވަނީ މުބާރާތުގެ މިހާތަނަށް ފަސް ގޯލު ޖަހައި، ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި.
މެސީ، 35، ވަނީ މި މެޗަކީ ވޯލްޑް ކަޕްގައި އޭނާ ފެންނާނެ ފަހު މެޗު ކަމަށް ބުނެފަ އެވެ. މެސީ ކެރިއަރު ނިންމާލަން ބޭނުންވަނީ ވޯލްޑް ކަޕްގެ ތަށްޓާ އެކު ކަމަށް އެކި އިންޓަވިއުތަކުގައި ބުނެފައިވެ އެވެ. އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވެސް ވަނީ މެސީ އަށް ޓަކައި ވެސް މި ފަަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރަން ބޭނުން ކަމަށް ބުނެފަ އެވެ.
އެ ވާހަކަތަކާ ގުޅޭގޮތުން ސްކަލޯނީ ބުނީ މެސީ އަކީ ކޮން ލެވަލެއްގެ ކުޅުންތެރިއަކު ކަން އޭނާ މީޑިއާ އަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ.
"ދުނިޔޭގެ ކޮންމެ މީހަކު ވެސް މެސީ ދަންނާނެ، އޭނަގެ ލެވަލް އެނގޭނެ، މެސީގެ ފަހު ވޯލްޑް ކަޕްގައި އޭނާ ފައިނަލް މެޗުގައި ކުޅޭއިރު، މެސީ ބޭނުންވާ ކަންތައްތައް ވާން އެދޭ ގިނަ ބަޔަކު ތިބޭނެ،" ސްކަލޯނީ ބުންޏެވެ.
މިދިޔަ އަހަރު އާޖެންޓީނާ އިން ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 28 އަހަރު ތެރޭ ފުޓްބޯޅައިގައި އާޖެންޓީނާ އަށް ލިބުނު ބޮޑު ކާމިޔާބީ އެވެ. އާޖެންޓީނާ އިން ވަނީ މިދިޔަ ޖޫން މަހު، ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ފައިނަލިސިމާ ޓްރޮފީ އުފުލާލައިފަ އެވެ.
މި ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، އާޖެންޓީނާ އިން ބޭނުންވަނީ 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާށެވެ. އަދި މެސީގެ ތަށި ހަރުގަނޑަށް ވޯލްޑް ކަޕެއް ހަމަކޮށްދޭން ވެސް ގިނަ ބަޔަކު އެދެ އެވެ.
"އާޖެންޓީނާގައި އަހަރެމެން ފުޓްބޯޅަ ދެކެނީ އެއްބައިވަންތަ ކަމުގެ ރަމްޒެއްގެ ގޮތުގައި. ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ފެންނަނީ ބަދަހި އާޖެންޓީނާއެއް، މި ފަހަރު އެ ބަދަހިކަން ކުރިއަށް ގެންދަން އަހަރެމެން ބޭނުންވަނީ އުފާފާޅުކުރުންތަކަކާ އެކު، އެއީ ތަށްޓެއް ހޯދައިގެން،" ސްކަލޯނީ ބުންޏެވެ.
މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭ ހަ ވަނަ ފަހަރެވެ. އާޖެންޓީނާ އިން ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ޖަރުމަނާ ކުޅެފަ އެވެ. އެ ފަހަރު ބަލިވިއިރު، އަށް އަހަރު ތެރޭ ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ފައިނަލުގައި މިރޭ ފްރާންސާ ކުޅޭ މެޗު ފަށާނީ މިރޭ 20:00 ގަ އެވެ.












