ޓްވިޓާއިން ސަސްޕެންޑް ކުރި ނޫސްވެރިންގެ އެކައުންޓުތައް އަނބުރާ ދޭން ނިންމާފައިވާ ކަމަށް ބިލިއަނަރު އެލޮން މަސްކް ބުނެފި އެވެ.
ހުކުރު ދުވަހު އެކައުންޓް ސަސްޕެންޑް ކުރި ނޫސްވެރިންގެ ތެރޭގައި ނިއު ޔޯކް ޓައިމްސް، ސީއެންއެން އަދި ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިން ހިމެނެ އެވެ.
ޓްވިޓާގެ ތަރުޖަމާނަކު އެމެރިކާގެ ނޫސްތަކަށް ވިދާޅުވީ ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑް ކުރުން ގުޅިފައި ވަނީ "ރިއަލް ޓައިމްކޮށް" ލޮކޭޝަން ހާމަކުރުން މަނާކުރާ ސިޔާސަތާ ކަމަށެވެ.
އެކައުންޓްތައް ސަސްޕެންޑް ކުރުމުން ފާޑުކިޔުން އަމާޒުވާން ފެށުމުން، އެކައުންޓްތައް އަނބުރާ ދޭންވީތޯ ސުވާލުކޮށް، ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި މަސްކް ވޯޓަކަށް ހުޅުވާލި އެވެ.
އެ ވޯޓުގައު ބައިވެރިވި 3.6 މިލިއަން މީހުންގެ ތެރެއިން 59 ޕަސެންޓު ބުނީ ވަގުތުން ސަސްޕެންޝަން އުވާލައި އެކައުންޓްތައް އަނބުރާ ދޭން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން ގޮތް ނިންމައިފި. އަހަރެންގެ ލޮކޭޝަން ހާމަކުރި އެކައުންޓްތަކުގެ ސަސްޕެންޝަން މިހާރު އުވާލެވޭނެ،" މަސްކް ކުރި ޓްވީޓެއްގައި ބުންޏެވެ.
ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑް ކުރުމުން އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފާޑުކިޔުން މަސްކްއަށް އަމާޒުވި އެވެ.
ނޫސްވެރިންގެ އެކައުންޓްތައް އަނބުރާ ދޭން ނިންމި ނަމަވެސް، މަސްކްގެ ޕްރައިވެޓް ޖެޓް ޓްރެކޮކް ތަފްސީލް ޓްވީޓް ކުރަމުން ދިޔަ "އެލޮން ޖެޓް" އެކައުންޓްގެ ސަސްޕެންޝަން އުވާލާފައެއް ނުވެ އެވެ.
މީހުން އެ ވަގުތެއްގައި ތިބި ތަނެއް ނުވަތަ ދަތުރު ކުރަމުންދާ ތަނެއް ހާމަކުރާ އެކައުންޓްތައް މަނާކުރަން ޓްވިޓާއިން ނިންމީ މަސްކްގެ ދަރިފުޅު އިން ކާރެއް ފަހަތުން މީހަކު ގޮސް، އެ ކާރު ހުއްޓުވައި، ކާރުގެ މައްޗަށް އެރި ފަހުންނެވެ.
އެ ހާދިސާއާ ގުޅިގެން މަސްކް ނިންމީ އޭނާގެ ޕްރައިވެޓް ޖެޓް ޓްރެކްކޮށް އެ މައުލޫމާތު އާއްމު ކުރަމުން ދިޔަ ޓްވިޓާ އެކައުންޓުގެ ވެރިފަރާތާ ދެކޮޅަށް ކޯޓަށް ދިޔުމަށެވެ.








