ދޯހާ، ގަތަރު (ޑިސެމްބަރު 17) - ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ނުލިބުނަސް، މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ކުޅުމަކީ ވެސް ފަހުރެއް ކަމަށް ދެކޭ ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފު މޮރޮކޯ އިން ހޯދި ނަމަވެސް، ފައިނަލަށް ދިއުމަށް އެ ޓީމުން ކުރި އުންމީދުތައް ހާސިލެއްނުވި އެވެ. މޮރޮކޯ ވަނީ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް އަތުން 2-0 އިން ބަލިވެފަ އެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯ ނުކުންނާނެ އެވެ.
ރެގްރާގީ ބުނީ ފައިނަލްގައި ނުކުޅެވުނަސް، ތިން ވަނަ ހޮވާ މެޗުގައި ވާދަކުރުމަކީ މޮރޮކޯ އިން "ފަހުރުވެރިވާ" ކަމެއް ކަމަށެވެ.
"އަހަރަމެން އުންމީދުކުރީ ފައިނަލްގައި ކުޅެން،" ރެގްރާގީ ބުންޏެވެ.
"އެކަމަކު, އަަހަރެން ކުޅުންތެރިންނަށް ހަނދާންކޮށްދިނީ މިއީ ވޯލްޑް ކަޕްގައި އަހަރަމެން ކުޅޭ ހަތް ވަނަ މެޗުކަން. މޮރޮކޯގެ ކޮންމެ ސަޕޯޓަރެއް ވެސް މި ކަމާމެދު ފަހުރުވެރިވާނެ، (މީގެ ކުރިން) 22 އަހަރުގެ ތެރޭގައި މޮރޮކޯ އިން ވޯލްޑް ކަޕްގެ ހަ މެޗު ކުޅުނީ. މި ފަހަރު އެއް މަސް ދުވަސްތެރޭ މި ކުޅޭނީ ހަތް ވަނަ މެޗު." ރެގްރާގީ ބުންޏެވެ.
މޮރޮކޯ މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެސް މޮރޮކޯ ކުޅުނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ގުރޫޕް އެފްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރެގްރާގީ ބުނީ ކްރޮއޭޝިއާ އަކީ މުބާރާތުގައި އޮތް އެންމެ ރަނގަޅު އެއް ޓީމު ކަމަށެވެ. އަދި ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗާއި މިރޭގެ މެޗު ވަރަށް ބޮޑުތަން ތަފާތުވާނެ ކަމަށެވެ.
"ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ދެ ޓީމު ވެސް ވަރަށް ބަލައިގެން ކުޅުނީ. އެކަމަކު މިރޭ މުޅިން ތަފާތު. ކޮންމެ ވެސް އެއް ބަޔަކު މޮޅުވެގެން މެޗު ނިމޭނީ،" ރެގްރާގީ ބުންޏެވެ. "ކްރޮއޭޝިއާ އަކީ މުބާރާތުގައި އޮތް އެންމެ ރަނގަޅު އެއް ޓީމު."
މިރޭގެ މެޗަށް މޮރޮކޯގެ ކެޕްޓަން ރޮމައިން ސައިސް ފިޓެއް ނުވާނެ އެވެ. ސެމީ ފައިނަލް މެޗަށް އޭނާ ކުޅެން އެރުވި ނަމަވެސް، 20 މިނިޓުގެ ތެރޭގައި ވަނީ ބަދަލުކޮށްފަ އެވެ.
"ސައިސް ސެމީ އަށް ނެރުނީ ރިސްކެއް ނަގާފައި. ނަގަންޖެހޭ ވަރުގެ ރިސްކެއް އެކަމަކު އެގޮތަށް މަސައްކަތެއްނުކުރި،" ރެގްރާގީ ބުންޏެވެ.
މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގަ އެވެ.












