އަލްބަޤަރާ ސޫރަތުގެ 65 ވަނަ އާޔަތުން އެނގޭ ގޮތުގައި އިސްވެދިޔަ އުންމަތެއްގެ ބަޔަކު މީހުން މާތް ﷲ އަށް އުރެދުމުގައި ހައްދުފަހަނައަޅާދިއުމުން އެބައިމީހުންނަށް ހުރި ދުނިޔަވީ އަޒާބެއްގެ ގޮތުގައި އެބައިމީހުން ރާމާމަކުނުތަކަކަށް ބަދަލުކުރެއްވުނެވެ. އެބައިމީހުންނަށް އެއަޒާބު އެގޮތަށް ދެއްވުމުގެ ސަބަބެއްގެ ގޮތުގައި، އެޔާވިދިގެން އޮތް އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، "ފަހެ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ އިބުރަތެއް ކަމުގައްޔާއި، ތަގުވާވެރިންނަށް ފުރިހަމަ ނަސޭހަތެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ." މިފަދައިންނެވެ.
އަލްމާއިދާ ސޫރަތުގެ 60 ވަނަ އާޔަތަށްވެސް ކުއްލިއަކަށް ނަޒަރެއް ދެއްވަބައްލަވާށެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ހަޒުރަތުގައި ޖަޒާދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައިބަޔެއްގެ ވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަން ހެއްޔެވެ؟ އެއުރެންނީ، ﷲ އެބަޔަކަށް ލައުނަތް ލައްވައި، އަދި އެބަޔެއްގެ މައްޗަށް ކޯފާ ލައްވައި އެބަޔެއްގެ ތެރެއިން ބަޔަކު ރާމާމަކުނުކަމުގައްޔާއި، އޫރުންކަމުގައި ލައްވައި، އަދި އަނެއްބަޔަކު ޝައިޠާނާއަށް އަޅުކަންކުރާ މީހުން ކަމުގައިލެއްވި މީހުންނެވެ. އެއުރެންނީ (ގިޔާމަތް ދުވަހުން) ތިބޭނެ ތަނުގެ ގޮތުން ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބަޔެކެވެ.
މި ދެ އާޔަތްވެސް އައިސްފައިވަނީ ބަނީއިސްރާއީލް ބާގައިގެ މީހުންގެ ތެރެއިން ކާފަރުވި ބަޔަކު މީހުންނާ ބެހޭގޮތުންކަމުގައި ތަފުސީރު އިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ. މިއާޔަތްތަކުގައި މިވާފަދައިން ދުނިޔަވީ އުގޫބާތެއްގެ ގޮތުގައި ރާމާމަކުނަށް އޫރަށް އިންސާނުން ބަދަލުކުރެއްވުމުގެ ސަބަބަކީ އެބައިމީހުންނަށް މާތް ﷲ ގެ ލައުނަތާއި ކޯފާ ހައްގުވެގެންދިއުމެވެ. ތަފާތު އެކި ފާފަތަކާއި ރަށްރަށުގެ އަހުލުވެރިންގެ އުރެދުން ބޮޑުކަމުން ރަށްރަށް އެކީ އެފުށްމިފުށަށް ޖައްސަވާފައިވާ އެބަހުއްޓެވެ. އުޑުން އަލިފާން ފޭބުމާއި، ކަނޑުގެ ރާޅުން ޣަރަޤުކުރެއްވުމަކީ ވެސް ބައެއް ރަށްރަށަށް އައިސްފައިހުރި އުގޫބާތެވެ. އަޅުގަނޑުގެ ވިސްނުން މިވަގުތަށް ހުއްޓިފައި މިހުރީ މުޅިން އެކީއެކަށް ނައްތާލެއްވުމުގެ ކޯފާއެއްގެ ބަދަލުގައި، ދިރިތިބޭ ހާލު ރާމާމަކުނާއި އޫރަށް ބަދަލުކުރެއްވުމުގެ ދުނިޔަވީ އުގޫބާތުގެ ހިކުމަތާ މެދުގައެވެ.
އެއްވެސް ޝައްކެތް ނެތެވެ. ރާމާމަކުނަކަށް ނުވަތަ އޫރަކަށް އިންސާނަކު ބަދަލުކުރެއްވުމުން އޭގެ މާނައަކީ އޭނާގެ ކިބައިގައި އެތެރެފުށުންނާއިބޭރުފުށުން ހުރި އިންސާނެއްކަމުގެ ނަފުސާނީ އަދި ޖިސްމާނީ ހުރިހާ ސިފަތަކެއް ފިލައިގެން ގޮސް މުޅިން އެހެން ބާވަތެއްގެ މަޚުލޫގަކަށް އޭނާ ބަދަލުކުރެއްވުމެވެ. އެފަދަ ސަބަބަކަށް މެދުވެރިވަނީ ކޮން ކަމެއްތޯ ވިސްނާންޖެހެނީ އެކަމެއްވާނީ ހާދަހާވާ ބޮޑުކަމަކަށްވާތީއޭ ހިތަށް އަރާވަރުންނެވެ.
މިފަދަ ބޮޑު ލައުނަތް ހައްގުވާ ސަބަބު އިހަށް ބާއްވާފައި، އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތްވެސް ހަމަ މިގަޑީގައި ވިދާޅުވާށެވެ. "ހަމަކަށަވަރުން، ބަޔަކުމީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ހާލަތު ބަދަލެއް ނުކުރައްވާނެއެވެ". އޭދޭހެވެ. މިއާޔަތުގައި އަންގަވާފައިވާ އުސޫލަކީ މާތް ﷲ އެކަލާނގެ ޒާތުފުޅާ ގުޅޭގޮތުން އަންގަވާފައިވާ އާންމު އުސޫލެކެވެ. ކީރިތި ޤުރުއާނުގެ އާޔަތަކަށް މިއާޔަތްވުމަކުން މިއީ އިސްވެ ގޮސްފައިވާ އުންމަތްތަކުގެ މައްޗަށްވެސް ނެތް އުސޫލަކަށް ނުވެއެވެ. އެހެނީ މިއީ މާތް ﷲ ކަންކަމަށް އިރާދަކުރައްވައި ގޮތް ކަނޑައެޅުއްވުމުގައި އެކަލާނގެ ޒާތުފުޅަށް ހާއްސަވެފައިވާ ނިމުމެއް ނެތް ޢަދުލުވެރިކަމާ ގުޅުންހުރި ކަމަކަށްވާތީއެވެ. އެހެންވީމާ އިންސާނީ ސިފަތަކުން އެކީއެކަށް މަހްރޫމްވެގެންދިއުމުގެ ދުނިޔަވީ އުގޫބާތް ލިބުނު ބަޔަކަށް އެކަމެއް ޖެހިފައި އޮންނާނީ އެބަޔަކު އަމިއްލައަށް ގެނެސްގަތް ކަމަކުންކަމާމެދަކު ޝައްކެތްނެތެވެ.
އަލްމާއިދާ ސޫރަތުގެ 78 އަދި 79 ވަނަ އާޔަތަށް ބައްލަވާށެވެ! "އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވޫދު ގެފާނާއި، މަރިޔަމް ގެފާނުގެ ދަރިކަލުން އީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"
މިއާޔަތަށް ނަޒަރުކޮށްލީމާ، ރާމާމަކުނާއި އޫރަށް ބަދަލުކުރެއްވުމުގެ ނިކަމެތި އަދި ބޮޑުވެގެންވާ ދުނިޔަވީ އުގޫބާތް ލިބުމުގެ ސަބަބަކީ އުރެދުމުގައި ހައްދުފަހަނައަޅާދިއުންކަން ސާފެވެ. ޖެހިގެން އޮތް އާޔަތަށް ވިސްނާއިރު، އުރެދުމުގައި ހައްދުފަހަނައަޅާދާ މީހުންގެ ސިފައެއް އެވަނީ ބަޔާންކުރައްވާފައެވެ. އާދޭހެވެ! ނުބައި ކަންތައް ނަހީކޮށް ނޫޅުމެވެ. ނުބައިތައް ފެތުރެމުންދާއިރު ވަރިހަމެވެފައި އަތްއުރާލައިން ތިބުމެވެ.
އާދޭހެވެ! އެއީ އިސްވެދިޔަ އުންމަތްތަކުގެ ތެރެއިން ކާފިރުވީ ބަޔަކު މީހުންގެ ވާހަކައެވެ. ނަމަވެސް އެވާހަކަތައް އަހަރެމެންނަށް ބާވާލެއްވުނު ކީރިތި ޤުރުއާނުގައި ބަޔާންވެފައި މިވަނީ އެކަންކަމުން އިބުރަތާއި ވައުޒާއި ނަސޭހަތް ލިބިގަތުމަށްޓަކައެވެ. އެއްގޮތަކަށްވެސް އެއާޔަތްތައް މިލިޔުމުގައި ބަޔާންމިކުރީ މިއުންމަތުގައިވެސް އިންސާނުން އެހެން ތަކެއްޗަށް ބަދަލުކުރެއްވުމުގެ ދުނިޔަވީ އުގޫބާތް ހިނގާފާނެތޯ ނޫންތޯ އިލްމުވެރިންގެ މެދުގައި ކޮށްފައިވާ ބަހުސަށް އެއްވެސް ވަރަކަށް ވަނުމުގެ ބޭނުމެއްގައެއް ނޫނެވެ. އާދޭހެވެ. އެއާޔަތް ޤުރުއާނުގައި އައިސްފައިވަނީ ފަހުތިބީންނަށްވެސް ހުރި ވައުޒަކާއި ނަސޭހަތަކަށްކަމުގައި އެއާޔަތްތަކުން ދަލީލުލިބޭތީއެވެ.
އަހަރެމެންގެ މިއުންމަތާ ބެހޭގޮތުން އަންގަވާފައިވާ އާޔަތަށް ވިސްނާށެވެ. އާލްޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތެވެ. "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ. ފޮތުގެ އަހުލު ވެރިން އީމާން ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާން ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނަކީ ފާސިގުންނެވެ."
މިއުންމަތުގެ އީމާންވުމުގެ ސިފައިގެ ކުރިޔަށް ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން ހިމެނިފައިވާކަން މިއާޔަތަށް ނަޒަރުކުރުމުން ފާހަގަވާނެއެވެ. އާދޭހެވެ. ކަމުގެ ބޮޑުކަމަކީ އެއީއެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުން އީމާންކަމާއި ވަކިނުކުރެވޭނެކަމީ މިއާޔަތުގެ ސާފު ދޭހައެވެ.
ބަނގުރާބޮއި ނަމާދުއަޅައި ހެދުމަކީ އުރެދުމެކެވެ. އެކަންކަން ތިމާގެ ކުރިމަތީގައި ހިނގާއިރު، އެކަންކަމާ ގުޅިގެން ނަސޭހަތްތެރިވެ ނޫޅުމީ ވެސް އުރެދުމެކެވެ. މީސްމީހުން އެބައިމީހުންގެ އަނބީންނަށް އަނިޔާކޮށް ވަޅިން ބިރުދައްކާހެދުމަކީ އާދައިގެ އުރެދުމެއް ނޫނެވެ. އެއްވެސް ބާވަތެއްގެ އަނިޔާއަކީ އާދައިގެ އުރެދުމެއް ނޫނެވެ. އުރެދުމުގައި ހައްދުފަހަނައެޅުމެކެވެ. އެފަދަ އަނިޔާތަކާމެދު އިހުމާލުވުމަކީ މިއުންމަތުގެ ސިފައެއް ނޫނެވެ. އަދި އުރެދުމުގައި ހައްދުފަހަނައެޅުމާއި އެކަންކަން ވަރިހަމަކޮށްލުމަކީ، އިސްވެދިޔަ ބައެއް އުންމަތްތަކަށް ލަޢުނަތާއި ކޯފާ ހައްގުވެ އެބައިމީހުންކުރެ ބަޔަކު އެކަމުގެ ސަބަބުން ރާމާމަކުނަށާއި އޫރަށް ބަދަލުވެގެން ދިޔަ ސަބަބެކެވެ.
ޤުދުސިއްޔަ ހަދީސްގައި މާތް ﷲ އަންގަވާފައިވެއެވެ. "އޭ ތިމަންގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން އަނިޔާވެރިކަން ތިމަން ﷲ ގެ ޒާތުފުޅުގެ މައްޗަށް ހަރާންކުރައްވައިފީމެވެ. އަދި އަނިޔާވެރިކަމަކީ ހަރާންކަމެއްކަމުގައި ތިޔަބައިމީހުންނަށްވެސް ކަނޑައަޅުއްވައިފީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ!"








