ދޯހާ (ޑިސެމްބަރު 15) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ ފްރާންސް އަތުން 2-0 އިން ބަލިވެ، މުބާރާތުގެ ފައިނަލަށް ދިއުމަށް މޮރޮކޯ އިން ކުރި އުންމީދުތައް ގެއްލުނު ނަމަވެސް، މޮރޮކޯގެ ޓީމުން މުބާރާތުގައި ނެރުނު ނަތީޖާތަކާއި ޓީމުން ދެއްކި ހިތްވަރަށް "ސެލިއުޓް" ނަގަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ވަލީދު ރެގްރާގީ ބުނެފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަަލަށް ދަތުރުކުރީ މެޗުގެ ކުރީކޮޅު ތެއޯ ހޭނާންޑޭޒް ޖެހި ލަނޑާއި ދެ ވަނަ ހާފުގައި، ބަދަލަަކަށް ކުޅެން އަރައި، ކޯލޯ މުއާނީ ޖެހި ލަނޑުންނެވެ.
"އަހަރަމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން. އެއީ އެންމެ މުހިންމު ކަމަކީ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރިހާ ކުޅުންތެރިން ކެނޑިނޭޅި މަސައްކަތްކުރި،" ވޯލްޑް ކަޕްގެ ގާތްވެފައިވަނިކޮށް މޮރޮކޯގެ ކޯޗުކަމާ ހަވާލުވި ރެގްރާގީ ބުންޏެވެ.
ރެގްރާގީ ބުނީ މި މެޗުގެ ނަތީޖާއާ އެކު، ދެރަވާ ހަމައެކަނި ކަމަކީ މެޗުގެ މާ ކުރީކޮޅު ފްރާންސް އިން ލަނޑެއް ޖެހުން ކަމަށެވެ.
"މާ އަވަހަށް (މޮރޮކޯ) ކޮޅަށް ލަނޑެއް ވަނީ. އެ ހިސާބުން ފްރާންސަށް އެމީހުންގެ ގޭމް ޕްލޭންގައި ހިފަހައްޓާލުމަށް ފަސޭހަވި،" ރެގްރާގީ ބުންޏެެވެ.
ފައިނަލަށް ނެދެވުނަސް، މޮރޮކޯ އިން ވަނީ މި ވޯލްޑް ކަޕްގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި އަރަބި ދުނިޔެ އަށް ނިސްބަތްވާ ފުރަތަމަ ގައުމެވެ. އެހެންކަމުން، މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރުމަކީ މުޅި އެފްރިކާ އާއި އަރަބި ދުނިޔެ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
މޮރޮކޯ އިން ސެމީ ފައިނަލަށް ދަތުުރުކުރީ ވަރުގަދަ ގައުމުތައް ކަމަށްވާ ބެލްޖިއަމް އާއި ސްޕެއިން އަދި ޕޯޗުގަލް ބަލިކުރުމަށްފަހު އެވެ. ބެލްޖިއަމް ބަލިކުރީ ގްރޫޕް ސްޓޭޖުގަ އެވެ. ސްޕެއިން އަތުން ގަދަ 16 ބުުރުގައި މޮޅުވި މޮރޮކޯ އިން ވަނީ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލައިފަ އެވެ.
ރެގްރާގީ ބުނީ މި އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯގެ ފުޓްބޯޅައިގެ ފެންވަރު ސާބިތުކޮށްދެވިއްޖެ ކަމަށާއި ޓީމުން ނެރުނު ނަތީޖާތަކާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެންމެ މަތީ ފަންތި އަށް މޮރޮކޯގެ ފުޓްބޯޅަ ގެންދިއުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
"އިތުރު މަސައްކަތެއް ކުރަންޖެހޭ މޮރޮކޯގެ ފުޓްބޯޅައިގެ ފެންވަރު އެންމެ މަތީ ފަންތި އަށް ގެންދިއުމަށް، ވޯލްޑް ކަޕެއް ކާމިޔާބުކުރުމަށް. އެކަމަކު މޮރޮކޯ އޮތީ މާ ފަހަތުގައެއް ނޫން،" ރެގްރާގީ ބުންޏެވެ.
މިދިޔަ އޮގަސްޓް މަހު މޮރޮކޯގެ ކޯޗުކަމާ ހަވާލުވި ރެގްރާގީގެ އިރުޝާދުގެ ދަށުން މޮރޮކޯ ބަލިވި ފުރަތަމަ މެޗަކީ ވެސް ރޭ ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.












