ކްރޮއޭޝިއާ ބަލިކޮށް މެސީ އާޖެންޓީނާ ގޮވައިގެން ފައިނަލަށް

Dec 13, 2022, 8:56 PM
ކްރޮއޭޝިއާ ބަލިކޮށް މެސީ އާޖެންޓީނާ ގޮވައިގެން ފައިނަލަށް

ދޯހާ، ގަތަރު (ޑިސެމްބަރު 13) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް، ކްރޮއޭޝިއާ 3-0 އިން ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އާޖެންޓީނާއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗަށް ފަހު އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ މޮރޮކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ. ފައިނަލް މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ. ހޮނިހިރު ދުވަހުގެރޭ ތިން ވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އިން ކުޅޭނީ ދެ ވަނަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ.

ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަަހަަމަ ކުޅުމެއް ފެނިގެންދިޔައިރު، އާޖެންޓީނާ އިން ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި އާޖެންޓީނާ އިން ލީޑުނެގީ ލިއޮނަލް މެސީ، 35، ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އަށް އޭރިއާތެރެއިން ކްރޮއޭޝިއާ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް ކުރިި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މި ގޯލާ އެކު މެސީ އަކީ ވޯލްޑް ކަޕްތަކުގައި އާޖެންޓީނާ އަށް އެންމެ ގިނަ ގޯލު ޖަހައިިދިން ކުޅުންތެރިޔާ އެެވެ. މި ޕެނަލްޓީއާ އެކު މެސީ ވަނީ ވޯލްޑް ކަޕްތަކުގައި އާޖެންޓީނާ އަށް 11 ގޯލު ޖަހައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާގެ މެސީ (ކ) ކްރޮއޭޝިއާގެ ކޮވަސިޗް ކައިރިން ބޯޅަ ހިފައިގެންދަނީ.

އާޖެންޓީނާ އިން މެޗުގެ 39 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. މި ގޯލަކީ އިންޑިވިޖުއަލީ މަސައްކަތުގެ ރޭޓަށް ބަލާއިރު، އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒް ޖެހި މޮޅު ގޯލެކެވެ.

ކްރޮއޭޝިއާގެ ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހިފައިގެން، ހާފުގެ މެދެއްހާ ހިސާބުން އަލްވަރޭޒް އައިސް އޭރިއާތެރެއަށް ވަދެ ގޯލަށް ބޯޅަ ވައްދާލިއިރު، އެ އެޓޭކް ހުއްޓުވަން ކްރޮއޭޝިއާގެ ޑިފެންޑަރުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާ އިން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން ބަދަލަކަށް އެރި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ކޮށްލައި، ގޯލަށް ޖެހޭގޮތެއްނުވި އެވެ.

އޭގެ ފަހުން، ހިލޭ ޖެހުމަކުން ކްރޮއޭޝިއާގެ ޑޭޔާން ލޮވްރެން އަށް ލިބުނު ފުރުސަތުގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާ ނުލެވުނެވެ.

ލަނޑު ޖެހުމަށް ފަހު މެސީ (ވ) އާއި އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވަރޭޒްއާ އެކު.

އާޖެންޓީނާ އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. މިއީ މެސީގެ އިންޑިވިޖުއަލް ހުނަރުގެ ތަފާތުން އާޖެންޓީނާ އިން ޖެހި ގޯލެކެވެ. މެސީ އަށް އަރިމަތިން ލިބުނު ބޯޅައަކުން އޭނާ ވަނީ ކްރޮއޭޝިއާގެ ޑިފެންޑަރު، ޔޮސްކޯ ގްވާޑިއޯލް ކައިރިން ނައްޓާފައި ގޯލު ކުރިމަތީގައި ހުރި އަލްވަރޭޒަށް ދީ، އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މި ލަނޑު ޖަހަން އެހީތެރިވެދިނުމާ އެކު މެސީ އަށް ވަނީ ހާއްސަ ރެކޯޑެއް ގާއިމްކުރެވިފަ އެވެ. އެއީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހުމާއި ލަނޑު ޖަހަން އެހީތެރިވެދިން ފުރަތަމަ ކުޅުންތެރިޔާ އަށް ވުމުގެ ޝަރަފާ އެކު މެސީ ހެދި ރެކޯޑެކެވެ.

މެޗުގެ ފަހު ކޮޅުގައި ކްރޮއޭޝިއާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ހުއްޓުވުމުގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ކްރޮއޭޝިއާގެ ލޮވްރޯ މާޔާ އާއި ޕެޓްކޮވިޗް ޖެހި ބޯޅަތައް ކީޕަރު މާޓީނޭޒް ހުއްޓުވިއިރު، މިސްލާޗް އޮރްސިޗް ޖެހި .ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. އެންމެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅެފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު މާރިއޯ ގޮޓްޒާ ޖެހި ގޯލުން އާޖެންޓީނާ ބަލިކޮށް ތަށި އުފުލާލީ ޖަރުމަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox