ދޯހާ، ގަތަރު (ޑިސެމްބަރު 12) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ބްރެޒިލް ކެޓުމަކީ މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަން ކަމަށާއި އެކަމާ ގުޅިގެން ނަފްސާނީ ގޮތުން މީހާ "ހަލާކުވެއްޖެ" ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ކުޅުނު ކުއާޓާ ފައިނަލްގެ އިތުރު ވަގުތުގައި ނޭމާ ވަނީ މޮޅު ލަނޑެއް ޖަހައި، ބްރެޒިލްގެ ލެޖެންޑް ގައުމީ ޓީމަށް ޖަހައިދީފައިވާ 77 ލަނޑުގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އެކަމަކު، ބްރެޒިލް ވަނީ އެ މެޗުގައި ކްރޮއޭޝިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. ފަސް ވަނަ ޕެނަލްޓީ ޖަހަން ހުރި ނޭމާ އަށް، ފަސް ވަނަ ޕެނަލްޓީ ޖެހުމުގެ ފުރުސަތު ލިބުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ ނަތީޖާ ނެރެފަ އެވެ.
މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓެއްގެ ގޮތުގައި އޮތް ބްރެޒިލް އަށް ކުއާޓާ ފައިނަލުން ކެޓުމަކީ ބޮޑު ނާކާމިޔާބެކެވެ. ހަ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލުމަށް ކުރަމުންދާ އުންމީދު ހާސިލްކުރުމަށް ބްރެޒިލް އަށް އަނެއްކާ ވެސް އިތުރު ހަތަރު އަހަރު މަޑުކުރަން ޖެހޭނެ އެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕްގެ ތަށި ހޯދީ 2002 ވަަނަ އަހަރު އެވެ.
"އަހަރެން ނަފްސާނީ ގޮތުން ހަލާލުވެއްޖެ. މިއީ މިހާތަނަށް މެޗަކުން ބަލިވެގެން އަހަންނަށް އެންމެ ބޮޑު އަސަރެއް ކުރި މެޗު،" ނޭމާ ،30، އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.
"މި ހިތާމައިން އަރައިގަތުމަށް ވަރަށް ވަގުތު ނަގާނެ،"

ކްރޮއޭޝިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.
ގައުމީ ޓީމާ އެކު ކުރިއަށް ދިއުމަށް ނޭމާ އަށް ޕެލޭގެ ހިތްވަރު
ވޯލްޑް ކަޕުން ބްރެޒިލް ކެޓުމާ އެކު، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާކަމަށް ދޭހަވާ ގޮތަށް ނޭމާ ވަނީ ވާހަކަދައްކައިފަ އެވެ. ކްރޮއޭޝިއާ މެޗަށް ފަހު މީޑިއާ އިން ކުރި ސުވާލަަކަށް ޖަވާބު ދެމުން ނޭމާ ބުނީ ގައުމީ ޓީމު ޖޯޒީގައި އަލުން ފެންނާނެ ކަމުގެ ޔަގީންކަން ވަގުތުން ވަގުތަށް ދޭން އުނދަގޫ ކަމަށެވެ. އެހެންވެ، މީޑިއާގައި އަޑުފެތުރުނީ ނޭމާ ގައުމީ ޓީމުން ރިޓަޔާކުރަން އުޅޭ ފަދަ ގޮތަކަށެެވެ.
އެކަމަކު، ޕެލޭ ވަނީ ނޭމާ އަށް ހިތްވަރުދީ، ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފަ އެވެ.
"ގައުމީ ޓީމަށް ކުޅުމަށް ވުރެ ބޮޑު އުފަލެއް ނެތްކަން ނޭމާ އަށް ވެސް އެނގޭނެ. އަހަރެންގެ އުމުރުން މިހާރު 82 އަހަރުވެއްޖެ. ނޭމާ މިހާރު ކެރިއަރުގައި ތި ހުރި ހިސާބަށް ދިއުމުގައި އަހަރެންގެ ފަރާތުން ވެސް ހިތްވަރެއް ލިބުުނު ކަމަށް އުންމީދުކުރަން. އަދިވެސް ކުރިއަށް ދާންވީ،" ކެންސަރު ބަލީގައި ހާލު ބޮޑުވެގެން މި މަހުގެ ކުރީކޮޅު ހޮސްޕިޓަލްގައި އެޑްމިޓްކުރި ޕެލޭ އިންސްޓަގްރާމްގައި ބުންޏެވެ.
ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑާ ނޭމާ އެއްވަރުކޮށްފައިވާތީ، ޕެލޭ ވަނީ އޭނާ އަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
"އަހަރެންގެ ރެކޯޑް އެއީ މީގެ 50 އަހަރު ކުރިން ހަދާފައިވާ ރެކޯޑެއް. މިހާތަނަށް އެ ރެކޯޑާ އެއްވަރުކުރެވުނު ކުޅުންތެރިއެއް ނެތް. އެކަމަކު ނޭމާ އެކަން ހާސިލްކޮށްފި. އެހާ ޒަމާންވި ރެކޯޑަކާ އެއްވަރުކުރުމަކީ ތި ހޯދި ކާމިޔާބަށް ލިބޭ އިތުރު ފުރިހަމަކަމެއް،" ޕެލޭ ބުންޏެވެ.
ވޯލްޑް ކަޕްގެ ނާކާމިޔާބީ އަށް ފަހު، ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަނީ ވަކިވެފަ އެވެ. ބްރެޒިލް ފެޑެރޭޝަނުން ބުނީ އާ ކޯޗެއް ހަމަޖެއްސުމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ.












