ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދައި ރާއްޖެ އަށް ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓުގެ ޝަރަފް އަޒުނީން ރަޝާދު ހޯދައިފި އެވެ.
މި މަހުގެ 6-12 އަށް ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަތް އެތުލީޓެއް އަންނަނީ ވާދަކުރަމުންނެވެ. އެ ގޮތުން، 44 ގައުމަކުން ވާދަކުރަމުން އަންނަ މި މުބާރާތުގައި މިހާތަނަށް ރާއްޖެއިން ވަނީ ފަސް މެޑަލް ހޯދައިފަ އެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފިރިހެން ސްޕޯޓްސް ފީޒީކް 170 ސެންޓްމީޓަރުގެ ކެޓަގަރީން އަޒުނީން ހޯދި ރަން މެޑައްޔެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ އެތުލީޓެއް ހޯދި ފުރަތަމަ ރަން މެޑައްޔެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުޅިވަރެއްގައި ވޯލްޑް ޗެމްޕިއަންޝިޕް ލެވެލްގައި ރަން މެޑަލް ހޯދިފަ އެއް ނުވެ އެވެ.
މިފަހަރު ދުނިޔޭގެ މުބާރާތުން ރަން މެޑަލް ހޯދި އަޒްނީން ވަނީ މިއަހަރު ރާއްޖޭގައި އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑަލް ހޯދާފަ އެވެ.
އަޒްނީންގެ އިތުރުން މިހާރު ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް މެޑަލް ހޯދައިދިނީ މުހައްމަދު މޫސާ (މޯޑު) އާއި ހުސައިން ހިމްޔާން އާއި އަބްދުﷲ އަހުސަން އަދި ފަތުހުﷲ މުހައްމަދު އެވެ. މި އެތުލީޓުންގެ ތެރެއިން މޯޑު ހޯދާފައިވަނީ ރިހި މެޑައްޔެކެވެ. އެއީ ބޮޑީ ބިލްޑިން ބައިގެ 55 ކިލޯގެ ކެޓަގަރީގަ އެވެ.
ހިމްޔާން، އަހުސަން އަދި ފަތުހުﷲ ހޯދާފައިވަނީ ލޯ މެޑައްޔެވެ. ހިމްޔާން ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފީޒީކް 75 ސެންޓްމީޓާރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އަހުސަން ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީންނެވެ. ފަތުހުﷲ މިއަދު ބްރޯންޒް މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރުން ކެޓަގަރީންނެވެ.












