ތައިލެންޑްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ 55 ކިލޯ ކެޓަގަރީ އިން ރާއްޖޭގެ މުހައްމަދު މޫސާ (މޯޑު) ރިހި މެޑަލް ހޯދައިފި އެވެ.
މިމަހުގެ 6-12 އަށް ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ދުނިޔޭގެ 44 ގައުމަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ސާކް ސަރަހައްދުގެ 7 ގައުމު ވެސް ހިމެނެ އެވެ.
ރާއްޖޭގެ ޓީމުން މި މުބާރާތުގައި ހޯދި ފުރަތަމަ މެޑަލް މޯޑު ހޯދައިދިން މޯޑު އަކީ މިދިޔަ އަހަރު އުޒްބެކިސްތާންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕުން ވެސް ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން އެތުލީޓެކެވެ. އޭގެ ކުރިން 2019ގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕުން މޯޑު ލޯ މެޑަލް ހޯދައިދިނެވެ. އޭނާ ވަނީ މި އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި 55 ކިލޯ ކެޓަގަރީ އިން ރަން މެޑަލް ހޯދައިފަ އެވެ.
ޖުލައި މަހު، ކ. މާފުށީގައި ބޭއްވި ބޮޑީބިލްޑިން މުބާރާތުގައިބޮޑީ ބިލްޑިން ކެޓަގަރީން ރަން މެޑަލް ހޯދައި މޯޑް ވަނީ މިސްޓަ އޭޝިއާގެ ފައިނަލު ބުރުގައި ވެސް ވާދަކުރިއެވެ. އޭނާ އަކީ މިސްޓާ އޭޝިއާގެ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.
ތައިލެންޑުގެ ބެންގްކޮކްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރެ އެވެ. އެއީ މިދިޔަ ދެ އަހަރުވެސް ރާއްޖޭގެ މިސްޓަ މޯލްޑިވްސް މަގާމް ހޯދި މުހައްމަދު ޔާމީން (ޔާންބެ) އާއި ރާއްޖޭގައި ބޭއްވި އޭޝިއާ މުބާރާތުން ރަން މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ އަޒުނީން ރަޝާދު އާއި ހުސައިން ހިމްޔާން އެވެ.
މީގެ އިތުރުން އޭޝިއާގެ ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދާއި، އެ މުބާރާތުން ލޯ މެޑަލް ހޯދި މުހައްމަދު އިމްރާހު ވެސް ވޯލްޑް ޗެމްޕިއަންޝިޕްގައި އަންނަނީ ވާދަކުރަމުންނެވެ. ދެން ހިމެނެނީ ރަން މެޑަލް ހޯދި މޯޑުއާއި އުއްމީދީ އެތުލީޓު އަބްދުﷲ އަހުސަން އެވެ.
ގައުމީ ޓީމްގެ ކޯޗަކީ މިދިޔަ އަހަރުވެސް ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދިން އަބްދުލް ހަސީބު އެވެ.












