ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑުން ދުއްވާލާފައި ދާއިރު އެ ފެންނަ ދަގަނޑު ފްރޭމްތަކާމެދު ސުވާލު އުފެދިދާނެ އެވެ. އެއީ، މުޅި އެ މަގު މިހާރު ފެންނަ ގޮތް ބަދަލުކޮށްލާނެ، އަދި އަވިން ފަސް މެގަވޮޓުގެ ހަކަތަ އުފައްދާނެ ސޯލާ ޕެނަލްތައް ހަރުކުރާ އޮނިގަނޑެވެ.
ރާއްޖޭގައި އެއް ފަހަރާ އެންމެ ގިނަ ސޯލާ ޕެނަލް ހަރުކުރާ ބިޔަ މަޝްރޫއު މި މަހު 6, ގައި ރަސްމީކޮށް ފަށާފައިވާއިރު، މަޝްރޫއާ ގުޅޭ، އެނގެން މުހިންމު މައުލޫމާތުތައް އެބަ ހުއްޓެވެ. މި ލިޔުމުގައި މި ގެނެސްދެނީ އެފަދަ ބައެއް މައުލޫމާތެވެ.
ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ހުޅުވާލި، އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި 21 ކުންފުނީގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް އަދި އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ހަރަދަކީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.
ސޯލާ ޕެނަލްތަކާއި މަޝްރޫއުގެ އެހެން މަސައްކަތް ނިންމައި ކަރަންޓު އުފައްދަން ފެށޭނީ އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކަމަށް ސަރުކާރުން ބުނެ އެވެ.
މަޝްރޫއުން ލިބޭނެ ފައިދާ
ރާއްޖޭގައި ތެލަށް ހޭދަކުރާ މިންވަރަށް އިންތިހާއަށް މައްޗެވެ. ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ޕަސެންޓް ކޮންމެ އަހަރަކުވެސް ތެލަށް ހޭދަކުރާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މަޝްރޫއު ފެށި ދުވަހު ވިދާޅުވި އެވެ. ރާއްޖެއަކީ މޫސުމީ ގޮތުން އެތައް ހިރާސްތަކެއް އޮތް ނާޒުކު ގައުމަކަށް ވާއިރު ރާއްޖެއިން ތެލަށް ބަރޯސާވެފައިވާ މިންވަރަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޝައުނާ ފާހަގަކުރެއްވި އެވެ.

ތިމާވެއްޓާ ބެހޭ މިިސްޓަރ އައިމިނަތު ޝައުނާ -- ފޮޓޯ: އަހުމަދު އިޔާން
ކޮންމެ އަހަރަކު 500 މިލިއަން އެމެރިކާ ޑޮލަރު ހަމަ އެކަނި ތެލުން އުފައްދާ ހަކަތައަށް ހޭދަކުރެވޭ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާނަމަ 10 އިންސައްތަ. އަޅުގަނޑުމެން މިކަން ބަދަލުނުކޮށްފި ނަމަ މިއީ ރާއްޖޭގެ އިގުތިސާދަށްވެސް ނުރައްކާވެދާނެ ކަމަކަށް ވުން ގާތް،" ޝައުނާ ވިދާޅުވި އެވެ.
މި އަހަރު އެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެ، ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާއާ ގާތްކޮށްފަ އެވެ. ނަމަވެސް މި ފެށި އާ މަޝްރޫއުއަކީ ތެލުން އުފައްދާ ހަކަތައިގެ ސަބަބުން ކުރިމަތިވާނެ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގެ އޮއްޓަރު ހުރި ފެށުމެކެވެ.
އެ މަޝްރޫއުން އުފައްދާ ކަރަންޓު ގަތުމަށް ހޭދަކުރާ މިންވަރާއި ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދަ އަޅައިކިރާއިރު، ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.
މަޝްރޫއުގެ ހަރަދާއި ކަރަންޓު ވިއްކުމުގެ އުސޫލު
މިއީ ދައުލަތުން އެއްވެސް ހަރަދެއް ކުރާނެ މަޝްރޫއެއް ނޫނެވެ. މަޝްރޫއު ރާވާފައިވަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ފައިސާ އާއި ތަކެތި ހޯދައިގެން ހިންގާ ގޮތަށެވެ. މަރަމާތުކޮށް ބެލެހެއްޓުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ. ބަދަލުގައި އެ ކުންފުންޏަށް ލިބޭނީ އުފައްދާ ކަރަންޓް ސްޓެލްކޯ އަށް ވިއްކައިގެން އާމްދަނީ އެވެ.
މި މަޝްރޫއުއިން އުފައްދާ ހަކަތަ ސްޓެލްކޯއަށް ވިއްކާނެ އަގުތަކެއް ވެސް ކަނޑައަޅައިފައިވެ އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ހައިވޭގައި ގާއިމުކުރާ ޕެނަލްތަކުން އުފައްދާ ކަރަންޓު ޔުނިޓެއް ވިއްކާނީ 10.09 ޔޫއެސް ސެންޓް (1 ރުފިޔާ 68 ލާރި) އަށެވެ. ނަމަވެސް، މިހާރު ހުޅުމާލޭ 1،000 ހައުސިންގް ޔުނިޓުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ވިއްކަނީ 21 ޔޫއެސް ސެންޓަށެވެ.

މި ބިޔަ މަޝްރޫއުން އުފައްދާ ކަރަންޓް ވިއްކުމަކީ ތައިލެންޑްގެ ކުންފުންޏަށް އުމުރު ދުވަހަށް އޮތް ފުރުސަތެއް ނޫނެވެ. ފަނަރަ އަހަރަށް ފަހު މުޅި ނިޒާމު ސްޓެލްކޯއަށް ލިބޭނެ އެވެ.
އޮނިގަނޑުގެ ވަރު، އަދި ޕެނަލްތަކުގެ ދަޅަ
ބިޔަ ސޯލާ ޕެނަލްތައް އަތުރައި އެލަނީ ރާއްޖޭގެ މައި ވައިގެ ބަނދަރާ ކައިރީގަ އެވެ. އެ ޕެނަލްތަކުގެ ދަޅައިގެ ސަބަބުން އެއާ ޓްރެފިކްގެ އޮޕަރޭޝަނަށް އަސަރެއް ކޮށްފާނެތޯ ސުވާލު އުފެދިދާނެ އެވެ. އެކަން ވެސް ވަނީ ދިރާސާކޮށްފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ޕެނަލްތައް ހަރުކުރަނީ އެއާޕޯޓް ކޮންޓްރޯލް ޓަވަރާއި މަތިންދާ ބޯޓުގެ ޕައިލެޓުންނާއި އަދި ލިންކް ރޯޑުގައި ދުއްވާ އުޅަނދު ފަހަރަށް ތަޅައިގެން އުނދަގޫ ނުވާނެ ގޮތަށެވެ. އަދި މާކަނޑަށް ހުޅުވާލެވިފައިވާ ސަރަހައްދެއްގައި ޕެނަލްތައް ޖަހަނީ ބާރު ވަޔަށް ނުގުނޑާނެ ފަދަ ވަރުގަދަކޮށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕެނަލްތަކުގެ އޮނިގަނޑު ޑިޒައިންކޮށްފައި ވަނީ ގަޑިއަކު 115 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހުނަސް ހިފެހެއްޓޭނެ ގޮތަށެވެ. އެއީ ރާއްޖޭގައި މޫސުން ގޯސް ދުވަސްވަރުގައި ވެސް ވައިގެ ބާރުމިން ނާރާ މިންވަރެކެވެ.
ޖުމްލަކޮށް ބަލާއިރު މި ޕްރޮޖެކްޓާއެކު ރާއްޖޭގެ ހަކަތައިގެ ނިޒާމާއި އިންތިޒާމު ރޭވިފައިވާ ގޮތަށް އިންގިލާބީ ބަދަލެއް އަންނާނެ އެވެ. މާލެ ސަރަހައްދުގައި މި ޕްރޮޖެކްޓަށްފަހު މުޅި ރާއްޖޭގައި ވެސް މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ސްޓެލްކޯއިން އޮތީ ނިންމައިފަ އެވެ.












