ދޯހާ، ގަތަރު (ޑިސެމްބަރު 8) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި އަންގާރަ ދުވަހުގެ ރޭ ސްވިޒަލެންޑް އަތުން 6-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން، ޕޯޗުގަލް އިން މެޗު ފެށިއިރު، އެކަމާ، ރޮނާލްޑޯ ހިތްހަމަނުޖެހިފައި ހުރި ކަމަށް ޓީމުގެ ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
މިއީ 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗެއްގައި ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ޕޯޗުގަލް އިން މެޗެއް ފެށި ފުރަތަމަ ފަހަރެވެ.
ރޮނާލްޑޯގެ ބަދަލުގައި ސްވިޒަލެންޑާ ދެކޮޅަށް ޕޯޗުގަލްގެ ފުރަތަމަ އެގާރަ އަށް އެރި، ބެންފީކާގެ ފޯވާޑް، ގޮންކާލޯ ރާމޯސް ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ޖެހީ ފޯވާޑެއްގެ ނިސްބަތުން ބަލާއިރު މޮޅު ތިން ގޯލެވެ.
އުމުރުން 21 އަހަރުގެ ރާމޯސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި ޕެލޭ އަށް ފަހު ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، ޖަރުމަނުގެ ފޯވާޑް، މިރޮސްލާވް ކްލޯސާ އަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރޮނާލްޑޯ، 37، މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރައި އޮފްސައިޑް ގޯލެއް ވެސް ޖެހި އެވެ. މެޗަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރުމުގައި ރޮނާލްޑޯ ބައިވެރިނުވާތީ އެކަމާ މީޑިއާގެ ސުވާލުތަކެއް އަމާޒުވި އެވެ.
ސްވިޒަލެންޑް މެޗަށް ފަހު ބްރޫނޯ ފެނާންޑޭސް ގާތުގައި ރޮނާލްޑޯ ހުރީ ހިތްހަމަނުޖެހިފައިތޯ ސުވާލުކުރުމުން ބްރޫނޯ ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
"ބެންޗުގައި އިންނަން އެއްވެސް ކުޅުންތެރިއަކު އުފާވާނެހެން ހީވޭތަ؟ ހިތްހަމައެއް ނުޖެހޭނެ. ރޮނާލްޑޯ ވެސް ބެންޗުގައި އިންނަން ބޭނުމެއް ނުވާނެ،" ބްރޫނޯ ފެނާންޑޭސް ބުންޏެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމެނި ސަބަބު އޭނާ އަށް އެނގޭނެ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ޓީމު ކެޕްޓަން ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކޮށް، ސަންޓޯސް ބުނީ "ކެޕްޓަނެއްގެ ރީތި މިސާލު ރޮނާލްޑޯ ދައްކާ" ކަމަށެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކުޅޭނީ މޮރޮކޯއާ އެވެ. މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ކުޅުމުގެ ފުރުސަތު އެބައޮތްތޯ ސުވާލުކުރުމުން ސަންޓޯސް ބުނީ އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގެ ޓްރެއިނިން އަށް ފަހު ކަމަށެވެ.












