ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާ 2500 އަށްވުރެން ގިނަ އަހަރު ވެއްޖެ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މަޝްހޫރުވެފައިވަނީ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ނަމޫނާ ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގަ އެވެ. އިހުގެ ވާހަކަތަކުން ބުނާފަދައިން، މިއީ މަޣްރިބްކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ ކިޔާ ދަންނަކަލޭގެފާނު ރާއްޖެއަށް ވަޑައިގެން ރާއްޖެ އިސްލާމް ކުރައްވައި ދިރުވި އިސްލާމްދީންގެ މަތިވެރި ނޫރުގެ ހުޅުކޮޅުން ދިވެހިން ދަސްކުރި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި ދުރޫސުލް އަޚްލާގުގެ ސިފަތަކެވެ. 21 ވަނަ ގަރުނުގެ ދުވަސްތައް ގުނަމުން ގެންދާއިރު، މިދެންނެވި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި، ދުރޫސުލް އަހުލާގުގެ ސިފަތައްވަނީ އަދިވެސް ދިވެހި ސަގާފަތުގެ ތެރޭގައި ލާމެހިފަ އެވެ. މިއަދު ދިރިއުޅުމުގެ ރިވެތި އާދަތައް ކޮންމެވެސް މިންވަރަކަށް ފަނޑުވަމުން އައިނަމަވެސް، އަދިވެސް ރާއްޖޭގެ އުތުރާއި ދެކުނާ ހަމައަށްވެސް، ދަތުރުކުރާ ކޮންމެ ދޭސީއެއްވެސް އަދި ބިދޭސިއެއްވެސް ގަބޫލުކުރާ ހަގީގަތަކީ ދިވެހިންނަކީ ހިތްހެޔޮ ބަޔެއްކަމެވެ.
މިސާލަކަށް އާންމު ދަތުރުފަތުރަށް ބަލައިލަމާ ހިންގަވާށެވެ. މިއީ ދުވާލަކު އެތައް ބަޔަކު ބޭނުންކުރާ މުހިންމު ހިދުމަތެކެވެ. ކުދިބޮޑު އެންމެނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު ބޭނުންކުރާ މި ހިދުމަތް އަޅުގަނޑުމެން އެކަކު އަނެކަކުގެ ހައްގުތަކަށް ވިސްނައި އިހުތިރާމްކޮށްގެން ނޫނީ، ރަނގަޅު ފެންވަރަކަށް ލިބިދެވޭނީ ކިހިނަކުން ބާވައޭ ހިތަށް ގެންނަވާށެވެ.

މަންޒަރު (ކ): ބަހާއި ފެރީގެ ގޮނޑިތަކުގައި ކުރެހުމަކީ ނާތަހުޒީބު ޢަމަލެއް، މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓަލަމާ. މަންޒަރު (ވ): ހާއްސަކުރެވިފައިވާ ގޮނޑިބަރި ކަނޑައެޅިފައިވާ ފަރާތެއް ބަހަށް އަރައިފިނަމަ އެ ސީޓު ދިނުމަށް އިސްނަގަމާ.
މަތީގައިވާ ދެ މަންޒަރަށް ބަލައިލަމާހެވެ. ކަނާތްފަރާތުގައި އެވާ މަންޒަރުން އެ ފެންނަނީ ބަހުގެ ގޮނޑީގައި ކުރަހާ މަންޒަރެވެ. މިއީ މިހާރު ވަރަށް އާންމު ކަމަކަށް ވަނީވެފަ އެވެ. ބަހުގައި ބައެއްފަހަރު ލިޔެފައި އަދި ކުރަހާފައި ހުންނަ ނޭދެވޭ އެއްޗެހީގެ ސަބަބުން ބަސް ޝެޑިއުލުން ނަގައި އެ ކުރެހުންތައް ފިލުވަންޖެހިފައިވެސް އެބަހުރި ކަމަށް އެމްޓީސީސީ އޮފިޝަލުން މައުލޫމާތު ދެއެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ބަހުގައި ދަތުރުކުރާ ކުދިބޮޑު އެންމެންނަށް އޭގެ ނޭދެވޭ އަސަރުކުރެ އެވެ. ވީމާ، މިފަދަ ނާތަހުޒީބު އަމަލުތަކުން މި ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންވެސް އެކަހެރިވުމަކީ ބަސް ރީތިކޮށް ބޭއްވުމަށާއި ބަހުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކެއްގެ ކަރާމަތަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ. ވާތްފަރާތުގައި އެވާ ދެވަނަ މަންޒަރުގައި އެ ފެންނަނީ ވަކި ފަރާތްތަކަކަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ. އެގޮތުން މި ގޮނޑިތައް ހާއްސަކުރެވިފައިވަނީ މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ބަލި މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނަށެވެ. އެހެންކަމުން މި ބަޔާންކުރެވުނު ގިންތީގެ ފަރާތެއް ބަހަށް އަރައިފިނަމަ އެ ފަރާތަކަށް މި ގޮނޑި ދޫކޮށްލުމަކީ ރީތި އަދި ސަޅިކަމެކެވެ. ނަމަވެސް ހިތާމައަކީ މިހެން ކަންތައް ނުވާކަމެވެ. އެމްޓީސީސީ ބަސް އޮޕަރޭޝަންސްގައި އުޅުއްވާ މުވައްޒަފުން ހާމަކުރިގޮތުގައި ބަޔެއް ކަސްޓަމަރުން މި ގޮނޑިތަކަށް ހާއްސަކުރެވިފައިވާ ފަރާތެއް ބަހަށް އެރުމުންވެސް ގޮނޑިން ތެދުވުމުގެ ވިސްނުމެއް ނުހުރެ އެވެ. އަދި ބަސް އެޓެންޑަންޓު ސީޓު ދިނުމަށް ބުނުމުންވެސް އެކަމާ އިންކާރުކުރާ ފަހަރުވެސް މަދެއްނޫނެވެ.

މަންޒަރު (ކ): ބަހުގެ ސީޓުތަކުގައިވެސް އިށީނދެގެން އިންނަންވާނީ އަނެކާއަށް އުނދަގޫ ނުވާނެހެން. މަންޒަރު (ވ): ބަހުގެ ސީޓުތަކަށް ފައި ނަގައިގެން އިނުމަކީ އަދަބު ކުޑަގޮތެއް، މިފަދަ ޢަމަލުތަކުން ދުރުވަމާ.
އެހެންކަމުން ގަބޫލްކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑުމެންގެ މުޖްތަމައުގައި ކުރިން އޮތް ރިވެތި އާދަތައް ފަނޑުވަމުންދާކަމެވެ. އަދި މި އާދަކާދަތައް އަޅުގަނޑުމެން ދިރުވައި އާލާކުރަން އެބަޖެހޭކަމެވެ. ބަހަށް އަރައިފިނަމަ ބަހުގެ ކުރިމަތީ ސީޓަށް ފައި ނަގައިގެން ތިބޭ އެތައް ޒުވާނުންނެއް ފެނުމަކީ މިއަދު އާންމު ކަމެކެވެ. މިއީ އިހުގައި ކާބަފައިން އަދަބުކުޑަ ހަޑި ކަމެއް ކަމަށް ބުނެދީ އުޅޭ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން ފޯރުކޮށް ދީފައިވާ އެންމެ އަގުބޮޑު އެއް ތަރިކައަކީ، ރިވެތި އަހުލާގާއި އާދަކާދަތަކެވެ. މި ކަންކަން ދަރިންނަށް ދަސްކޮށްދީ، އެކަކު އަނެކަކަށް ހަނދާންކޮށްދޭން އެބަޖެހެ އެވެ. މިކަން މި މަގުން ކުރެވިއްޖެނަމަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް މި ރިވެތި އަހުލާގައި އަދަބުތައް އިސްކުރެވެން ފެށޭނެ އެވެ. އެއްބައިވަންތަ އަދި އެކުވެރި މުޖުތަމައަކުން ފެންނާނީ އަބަދުވެސް ހިތްހެޔޮކަމާއި، އެކުވެރިކަމެވެ.
ހަމަ އެހެންމެ ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ، އަޅުގަނޑުމެން ދިވެހިންނަކީ ސާފުތާހިރު ކަމަށްވެސް އެހާމެ ލޯބިކުރާ ބައެއް ކަމެވެ. ގޭތެރޭގެ ސާފުކަމާއި ރީތިކަމަށްވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެ އެވެ. އަދި މީރުވަސް ދުވާ ސެންޓު ޖަހައިގެން ބޭރަށް ނިކުތުމަކީ އަޅުގަނޑުމެންގެ ހަށީގައި ހަރުލާފައި ހުންނަ ރިވެތި އާދައެކެވެ.

މަންޒަރު (ކ): ބަސްތެރެ ސާފުކޮށް ބެހެއްޓުމަށްޓަކައި އަބަދުވެސް ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ވަށިގަނޑަށް ކުނިއަޅާ. މަންޒަރު (ވ): ބަސްތެރެއަށް ޓިޝޫ، ޕެކެޓް، ދަޅު ފަދަ ތަކެތި އެއްލާލަފައި ދިޔުމަކީ ސާފުތާހިރުގޮތެއް ނޫން.
މިފަދަ ރީތި އާދަ ތަކެއްގެ ވެރިބަޔަކު، އާއްމު ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާއިރު، ހިދުމަތް ހޯދަން އަރާ ބަހުގެ އެކި ދިމަދިމާގައި ކުނި ހުރެއްޖެނަމަ، އަޅުގަނޑުމެން ދިވެހިންނަށް، އެފަދަ ކަންކަމެއް ކަމަކު ނުދާނެކަން ޔަގީނެވެ. މިސާލަކަށް ނުބައި ވަހެއް ދުވިޔަސް ހިތްހަމައެއް ނުޖެހެވޭނެ އެވެ. ހިތްހަމަނުޖެހޭ ކަމުނުދާ ކަންކަން ބަދަލުކޮށްލެވޭނީވެސް ހަމަ އަޅުގަނޑުމެންނަށެވެ. އަމިއްލަ މީހާގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަހުގައި ކައިބޮއި ނުހެދުމާއި، ބަހަށް ކުނި ނޭޅުމާއި، ބަހުގައި އަޑުގަދަ ނުކުރުމާއި ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، ބަހުގައި ގްރެފިޓީ ކުރެހުމަށް ނޫނެކޭ ބުނެ، ބަހުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަކީ، ސަޅިކަމަކަށް އެބަ ވާންޖެހެ އެވެ. މިއީ ރައްޔިތުންގެ ތަކެއްޗެވެ، އެންމެން ބޭނުންކުރާ އެއްޗިއްސެވެ. މިތަކެއްޗަށް އެކެއްގެ ފުށުން ގެއްލުމެއް ލިބުނަސް ހިދުމަތް ހޯއްދަވާ އެންމެންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ދަންނަންޖެހެ އެވެ.

މަންޒަރު (ކ): ބަހުގައި ދަތުރުކުރާއިރު ކާބޯތަކެތި ގެންދާކަމަށްވާނަމަ ރަނގަޅަށް ބަންދުކުރެވިފައި ހުންނަންވާނެ. މަންޒަރު (ވ): ބަހުގައި ވަސްހިފާ ބަހަށް ކާތަކެތި އެޅި ހަޑިވުމަށް ފުރުޞަތު ނުދިނުމަށްޓަކައި، ބަހުގައި ކެއެމާއި ބުއިންވަނީ މަނާކުރެވިފަ.
މިއަދު ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކުން ހިތްފަސޭހަ ކަމާއެކު ދަތުރު ކުރެވޭނީ ހިތްހެޔޮކަމަކީ ސަޅި ނުވަތަ "ކޫލް" ކަމަކަށް ހަދައިގެންނެވެ. ދިވެހިންގެ ކިބައިގައި އެންމެ އިހުއްސުރެން ހަރުލާފައި ހުރި ރިވެތި އަހުލާގީ ސިފަތައް ދަމަހައްޓައިގެންނެވެ. ބަހަށް އަރާ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނަށް އިސްކަންދީ، އިސްރައްވެހިންނަށް އެހީތެރިވެދީ، އެބޭފުޅުންނަށް އިހުތިރާމްއަދާކުރުން އެއީ ސަޅި ކަމެއްކަމުގައި ދެކިގެންނެވެ. ހަމައެގޮތަށް އަނެކާ އާމެދު ވިސްނުމުގެ ފިކުރު އިސްކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސަރަހައްދުން، އެފަރާތްތަކަށް ޖާގަ ދިނުންވެސް އެއީ "ކޫލް" ކަމެއް ގޮތުގައި ދެކިގެންނެވެ. މިއީ މިހާރުވެސް ފެންނަ ރީތީ އާދަތަކެއް ނަމަވެސް، މަދުން ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ އާދަތަކާ ބީރަށްޓެހި ވެވޭ މަންޒަރު އެބަފެނަ އެވެ.

މަންޒަރު (ކ): ބަހުގައި ދަތުރުކުރާއިރު ފޯނުން އެއްޗެއް އަޑުއަހާނަމަ ފޯން ހެޑްސެޓް ބޭނުންކުރައްވާ. މަންޒަރު (ވ): ބަހުގައި ފޯނުން އަޑުބާރުކޮށް ލަވަޖަހާ ފިލްމު ފަދަ ތަކެތި އަޑުއަހާ ބެލުމުން ކައިރީގައިތިބޭ އެހެން ކަސްޓަމަރުންނަށް އުނދަގޫވޭ.
ބައެއް ފަރާތްތަކުން ބަހުގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާކަން އެއީ ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި ފޯނުން އަޑުބާރުކޮށް ލަވަޖާހާ ކައިރީގައި ތިބި އެންމެންނަށް އުނދަގޫވާނެހެން އަމަލުތައް ބެހެއްޓޭކަންވެސް ފާހަގަކުރެވެ އެވެ. އެކަކު އަނެކާއަށް އަޅާލާ އޯގާތެރި މުޖްތަމައުއެއް ބިނާ ކުރެވޭނީ މިފަދަ ނޭދެވޭ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުވެގެންނެވެ. މުޖްތަމައެއްގެ އެންމެންގެ އުފާވެރިކަން ބިނާވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ހިތްހެޔޮކަމާއެކު މުއާމަލާތުކުރާ މިންވަރުގެ މައްޗަށެވެ. އެންމެންގެ ބަދަހިކަމަށް އަބަދުވެސް ހިތްހެޔޮކަން އިސްކުރުމަކީ ވަރަށްވެސް ސަޅިކަމަކަށް އެބަ ހަދަންޖެހެ އެވެ.
މަގުމަތީގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުންވެސް އާންމު ދަތުރުފަތުރު ކުރުމަށް ކަނޑައަޅައިފައިވާ ބަސްތަކަށް ބަލައިގެން ދުއްވުން މުހިންމެވެ. އެގޮތުން ބަހުގައި ބްލައިންޑް ސްޕޮޓްތަކެއް ހުރިކަން ދަނެ، ބަހާއި ދުއްވާ އެހެނިހެން އުޅަނދުތަކާ އެކަށީގެންވާ ދުރުމިނެއް ބެހެއްޓުން މުހިންމެވެ. ބަހުގެ ކުރިމަތިން ނުގަވާއިދުން ކުއްލިއަކަށް އޯވާޓޭކު ކުރުމާއި ބަހުގެ ކުރިމައްޗައް ކުއްލިއަކަށް ނުކުތުމަކީ، ވަރަށް ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއްކަން ދަނެ، މިކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެ އެވެ. ޖާގަ އޮއްވާ ބަހަށް ކުރިޔަށް ދިޔުމަށް ޖާގަ ނުދިނުމާއި ބަސް ސްޓޮޕްތަކުގައި އެހެން އުޅަނދުތައް ޕާކްކޮށްފައި ނުވަތަ ހުއްޓައިގެން އޮތުމަކީ ބަހުގައި ތިބޭ ހުރިހާ އެންމެންނަށް ދަތިވާނެ ކަމެއްކަން، އެބަ ހަނދާންކުރަން ޖެހެ އެވެ. ޝެޑިއުލްއަކާ އެއްގޮތަށް ބަހުގެ ހިދުމަތް ދިނުމަށް މާލޭގެ މަގުތަކުގައި ދަތިތަކެއް ހުރިކަން ހުރިހާ ބޭފުޅުން ގަބޫލު ކުރައްވާނެ އެވެ. ވީމާ، ހުރިހާ ބޭފުޅުންވެސް މަގުމަތީގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކަކު އަނެކަކުގެ ހައްގަށް އިހުތިރާމްކޮށް އެއްބާރުލުން ދީގެން މެނުވީ، ރަނގަޅު ފެންވަރަކަށް ބަހުގެ ހިދުމަތް ދިނުމަކީ އެ ހިދުމަތްދޭ ފަރާތަށް އުނދަގޫ ކަމަކަށް ވާނެކަން އެބަ ގަބޫލުކުރަން ޖެހެ އެވެ.
އަޅުގަނޑުމެންގެ ތެރޭގައި ވަގުތުކުޑަތަންވުމުން އެދާންޖެހޭ ތަނަކަށް ދިޔުމުގެ ސަގާފަތަކީ މިހާރު ބަދަލުކުރަންޖެހިފައި އޮތް މުހިންމު އާދަކާދައެކެވެ. އޮފީހަށްވިޔަސް އަދި ސްކޫލަށްދާން ކަމުގައިވިޔަސް، އެންމެން އެއް ގަޑިއަކަށް ނިކުތުމަކީ ތޮއް ޖެހުން އިތުރުވާނެ ކަމެކެވެ. އަދި ކޮންމެ ދިވެއްސަކު މަގުމަތީގައި ސައިކަލެއް ނުވަތަ ކާރެއް ގެންގުޅުމަކީވެސް މާލޭގެ މަގުތަކަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެން އަންނާނޭ ކަމެކެވެ. އޭގެ ބަދަލުގައި ބަހުގެ ހިދުމަތް ގިނަ ބަޔަކު ބޭނުންކޮށްފިނަމަ މި ސައިކަލުތަކާއި ކާރުތައް މަގުމަތީގައި މަދުވެ ތޮއްޖެހުމަށް ހައްލެއް ލިބިދާނެ އެވެ. އަދި އެންމެންވެސް ދުރާލާ ތައްޔާރުވެ ނިކުތުމަކީ ސަޅިކަމަކަށް ހަދަންވީ އެވެ. ބޭރުގެ ތަހުޒީބު މުޖުތަމައުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ އޮފީހަށް ސްކޫލަށްދާން އެ ކުރާދަތުރު، އެންމެ ފަހު 15 މިނެޓުގެ ބަހަށް މަޑުކުރުމުގެ ބަދަލުގައި 35 މިނެޓު ކުރިޔަށް އޮތް ބަހަށް ރާވައިގެން ދަތުރު ރާވާ މަންޒަރެވެ. އޭރުން ގަޑިއަށް ދެވުމަކީ އުނދަގޫ ކަމަކަށް ނުވެ އެވެ. އަދި އެއްކަލަ ކިޔުވެސް އިސާހިތަކު ފިލައިގެން ހިނގާދާނެ އެވެ. "ރައްކާވެތިބިއްޔާ ދަތުރޭ"، މިހެން ބުނެވެނީ ކަމެއް ވެގެންނެވެ. އެކަމުން ލިބޭ ފައިދާއާއި މަންފާ އިތުރުވާތީ އެވެ.
މުޖުތަމައުގެ ހުރިހާ ފަރުދުންނަށް މި ހިއްސާކޮށްލި ކަންކަން ސަޅިވެއްޖެނަމަ، އެންމެންގެ މޫނުމަތިންވެސް ފެންނާނީ ހިނިތުންވުމެވެ. އުޖާލާކަމެވެ. ހިތްފަސޭހަ ކަމާއެކު ދަތުރުކޮށްލެވޭ ގޮތްވުމަކީ ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ކުރުކޮށް ދަންނަވާނަމަ، އެންމެން އެއްވާނެއްގައި އަތުގުޅާލައިގެން އެއް އަޒުމެއްގައި ނިކުމެ "ހިތްހެޔޮކަމަކީ ސަޅިކަމަކަށް ހަދަމާ" ހިނގާށެވެ.









