ދޯހާ، ގަތަރު (ޑިސެމްބަރު 4) - ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގައި މިރޭ، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ހާއްސަވި މެޗެއްގައި، އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިރޭގެ މެޗަކީ މެސީ، 35، ގެ ޕްރޮފެޝަނަލް ކެރިއަރުގެ 1000 ވަނަ މެޗެވެ. މި މެޗަކީ އާޖެންޓީނާގެ ކެޕްޓަނެއްގެ ގޮތުގައި މެސީ ނުކުތް 100 ވަނަ މެޗެވެ. މި މެޗުގައި މެސީ ޖެހި ގޯލާ އެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީހުގައި އާޖެންޓީނާ އަށް ޑިއޭގޯ މަރަޑޯނާ ޖެހި ގޯލުގެ އަދަދަށް ވުރެ އިތުރަށް ލަނޑު ޖަހައިފަ އެވެ. މެސީ ނުވަ ލަނޑު ޖެހިއިރު، މަރަޑޯނާ ވަނީ ވޯލްޑް ކަޕްތަކުގައި އަށް ގޯލު ޖަހައިފަ އެވެ. އާޖެންޓީނާ އަށް ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ގޯލު ޖެހީ 10 ލަނޑު ޖަހާފައިވާ ފޯވާޑް، ގަބްރިއެލް ބަޓިސްޓޫޓާ އެވެ.
މި މަހު ނުވަ ވަނަ ދުވަހު ކުޅޭ، މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކުޅޭނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ނެދަލެންޑްސް ކުއާޓާ އިން ފުރުސަތު ހޯދީ ގަދަ 16 ބުރުގައި އެެމެރިކާ އަތުން 3-1 އިން މޮޅުވެގެންނެވެ.
ނެދަލެންޑްސް އާއި އާޖެންޓީނާ، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސެމީގައި ބައްދަލުކުރިއިރު، އެ މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވީ އާޖެންޓީނާ އެެވެ. އޭގެ ކުރިން، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އިން ވަނީ 1-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާޖެންޓީނާ އަށް ލިބުނު ފުރަތަމަ ފަޅި ފުރުސަތުގައި އެ ޓީމަށް ލީޑުނަގައިދިނީ މެސީ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި އޭރިއާތެރެއިން ނިކޮލަސް އޮޓަމެންޑީ ކޮންޓްރޯލް ކޮށްލި ބޯޅައެއް މެސީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެެވެ. މިއީ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި މެސީގެ ފުރަތަމަ ގޯލެވެ. އަދި މި ފަހަރުގެ މުބާރާުތުގައި މެސީ ޖެހި ތިން ވަނަ ގޯލެވެ.

އޮސްޓްރޭލިއާގެ ކުޅުންތެރިއަކު ކައިރިން އާޖެންޓީނާގެ އަލްވަރޭޒް ބޯޅަ ހިފައިގެންދަނީ.
ދެ ވަނަ ހާފްގައި ކުޅެން އަރައި، އާޖެންޓީނާ އިން ކުރިއަށް ޖެހިގެން ދެ ވަނަ ލަނޑެއް ޖަހަން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ.
އާޖެންޓީނާ އިން ލީޑުފުޅާކުރި ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާން ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ލިބުނު ފުރުސަތުން އަލްވަރޭޒް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އަލްވަރޭޒް މި ވަނީ އާޖެންޓީނާ ފުރަތަމަ އެގާރައިގައި ވޯލްޑް ކަޕެއްގައި ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަަހައިފަ އެވެ. އެންމެ ފަހުން، އެކަން ހާސިލްކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުރީގެ ސްޓްރައިކަރު، ހަނާން ކްރެސްޕޯ އެވެ.
ބަދަލުތަކެއް ގެނެސްގެން އޮސްޓްރޭލިއާ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި 77 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މި ލަނޑަކީ އޭރިއާބޭރުން އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން ޖެހި ބޯޅައެއް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.
ނަތީޖާ ހަމަހަމަކުރަން އޮސްޓްރޭލިއާ އިން ވަރަށް ރަނގަޅު އެޓޭކެއް ކުރި އެވެ. އޮސްޓްރޭލިއާގެ ފުލްބެކް، އަޒީޒް ބެހިޗް އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، ގޯލަށް ބޯޅަ ފޮނުވާލިތަނާ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް ވަނީ ޓެކަލްކޮށް އެ ބޯޅަ ހުއްޓުވައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެެއްކި ހަތް މިނިޓް ތެރޭގައި އާޖެންޓީނާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ބަދަލަކަށް ކުޅެން އެރި ލަޓާރޯ މާޓީނޭޒަށް ރަނގަޅު ދެ ފުރުސަތެއް ލިބި ދިޔައީ ބޭނުމެއް ނުކުރެވި އެވެ. މެސީ ޖެހި ޝޮޓްތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. އާޖެންޓީނާ އަށް ތިން ވަނަ ގޯލެއް ނުޖެހި، އޮސްޓްރޭލިއާ އަށް މެޗު އެއްވަރުކުރަން ހުސް ފުރުސަތެއް ލިބުނެވެ. މެޗުގެ ފަހު ސިކުންތުގައި އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދޭން ގަރަން ކުއޯލް ޖެހި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ.
ގްރަހަމް އާނޯލްޑްގެ ކޯޗުކަމުގައި ކުޅޭ އޮސްޓްރޭލިއާ އަށް މި ފަހަރުގެ ވޯލްޑް ކަޕް ނިމުނުއިރު، މިއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެ ޓީމުން ވޯލްޑް ކަޕެއްގެ ނޮކައުޓްގައި ކުޅުނު ފުރަތަމަ ފަހަރެވެ.












